ޔޫއެފާ ޗެމްޕިއަނަސް ލީގުގެ ގަދަ16 ގެ ފުރަތަމަ ލެގުގައި ރޭ އިޓަލީގެ ލާޒިއޯ އާއި ދެކޮޅަށް ކުޅުނު މެޗުން ފަސޭހަކަމާއި އެކު މޮޅުވެ، ޔޫރަޕްގެ ޗެމްޕިއަން ބަޔާން މިޔުނިކުން މުބާރާތުގެ ކުއާޓާ ފައިނަލްގެ އުންމީދު ބޮޑުކޮށްފިއެވެ.
ލާޒިއޯގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗު ބަޔާންއިން ކާމިޔާބު ކުރީ 1-4 ގެ ނަތީޖާއިންނެވެ.
ބަޔާންގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ދިޔަ މި މެޗުގައި އެޓީމުން ފުރަތަމަނަ ލަނޑު ޖަހާ ލީޑުގެނީ މެޗުގެ 9 ވަނަ މިނެޓުގައެވެ. މިއީ ލާޒިއޯގެ ޑިފެންސްލައިނަށް ހެދުނު ގޯހެއްގެ ފައިދާ ނަގައިގެން އެޓީމުން ކާމިޔާބު ކުރި ލަނޑެކެވެ. މެޗުގައި ބަޔާން އަށް ފުރަތަމަ ލީޑް ނަގައި ދިން މި ލަނޑު ކާމިޔާބު ކޮށްދިނީ ލެވަންޑޮސްކީއެވެ.
އިޓަލީގެ ރޯމްގައި ކުޅުނު މެޗުގައި، ބަޔާންގެ ދެ ވަނަ ލަނޑު މެޗުގެ 24 ވަނަ މިނެޓުގައި ކާމިޔާބު ކުރީ ޒުވާން މިޑްފީލްޑާ ޖަމާލް މުޒިއާލާ އެވެ. އެ ލަނޑާއެކު އޭނާ ވެފައި ވަނީ ޗެމްޕިއަންސް ލީގްގައި ބަޔާންއަށް ލަނޑު ޖެހައިދިން އެންމެ ޒުވާން ކުޅުންތެރިޔާ އަށެވެ. އަދި އޭނާ އަކީ އިންގްލެންޑަށް ނިސްބަތްވާ ކުޅުންތެރިންގެ ތެރެއިން ޗެމްޕިއަންސް ލީގްގައި ލަނޑު ޖެހި އެންމެ ޒުވާން ކުޅުންތެރިޔާއަކީ ވެސް މިހާރު އޭނާ އެވެ. ރޭ އޭނާ ލަނޑު ޖެހިއިރު އުމުރަކީ 17 އަހަރާއި 363 ދުވަހެވެ.
ބަޔާންގެ ތިން ވަނަ ލަނޑު މެޗުގެ ފުރަތަމަ ހާފު ނިމެން ދަނިކޮށް މެޗުގެ 42 ވަނަ މިނެޓުގައި ކާމިޔާބު ކުރީ ލިރޮއީ ސަނޭ އެވެ. ތިން ލަނޑުގެ ލީޑެއްގައި ބަޔާންއިން މެޗުގެ ފުރަތަމަ ހާފު ނިންމާލިއިރު، އެޓީމުގެ ހަތަރު ވަނަ ލަނޑު ކާމިޔާބު ކުރީ މެޗުގެ ފަހު ހާފުގެ ކުޅުން ފެށުނުތަނާހެން، 47 ވަނަ މިނެޓުގައެވެ. މި ލަނޑަކީ ލާޒިއޯގެ ފްރެންޗެސްކޯ އަޗޭރަބީ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. މެޗުގައި ލާޒިއޯއިން ކާމިޔާބު ކުރި ހަމަ އެކަނި ލަނޑު ކާމިޔާބު ކުރީ ހޯކިން ކޮރެއާ އެވެ. އޭނާ މި ލަނޑު ކާމިޔާބު ކުރީ މެޗުގެ 49 ވަނަ މިނެޓުގައެވެ.
މި ދެޓީމު ބައްދަލުކުރާ ދެވަނަ ލެގުގެ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ މާޗުމަހުގެ 18 ވަނަ ދުވަހު ބަޔާންގެ ދަނޑުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް