ޔުއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16 ގެ ފުރަތަމަ ލެގުގައި ރޭ ސްޕެއިންގެ އެތްލެޓިކޯ މެޑްރިޑް އާއި ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ އިނގިރޭސި ކުލަބް ޗެލްސީން ކުއާޓާ ފައިނަލްގެ އުއްމީދު ބޮޑުކޮށްފިއެވެ.
އެތްލެޓިކޯ މެޑްރިޑްގެ ދަނޑުގައި ރޭ ކުޅުނު މި މެޗު ނިމުނީ 0-1 ގެ ނަތީޖާއަކުން ޗެލްސީ މޮޅުވެގެނެވެ.
ރޭގެ މި ފޯރިގަދަ މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުންވެސް ރަނގަޅު ކުޅުމެއް ފެނިގެން ދިޔަނަމަވެސް މެޗުގެ ފުރަތަމަ ހާފު ނިމިގެން ދިޔައިރު، އެއްވެސް ޓީމަކަށް ވަނީ ލަނޑެއް ކާމިޔާބުނުކުރެވިއެވެ. ނަމަވެސް ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ދެ ޓީމުންވެސް ތަނަވަސްކޮށްފައިވެއެވެ.
ރޭގެ މެޗުގެ ދެވަނަ ހާފު ފެށިގެން ވެސް އައީ ވަރުގަދަކޮށެވެ. އެގޮތުން ދެޓީމުންވެސް ލަނޑު ޖަހަން ގިނަ މަސައްކަތް ތަކެއް ކުރިއިރު، ދެ ޓީމަށްވެސް ލަނޑު ޖަހަން ފުރުސަތު ލިބުނެވެ. އެގޮތުން މެޗުގެ 68 ވަނަ މިނެޓުގައި ޗެލްސީން ވަނީ ލިބުނު ފުރުސަތެއް ގެ ބޭނުން ހިފާ ލަނޑެއް ޖަހާ މެޗުގެ ލީޑު ނަގާފައެވެ. ޗެލްސީން ލީޑު ނެގި މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ އޮލިވަ ޖިރޫޑްއެވެ.
ޗެލްސީގެ މި ލަނޑަށް ފަހު އެތްލެޓިކޯއިން ނަތީޖާ އަނބުރާލަން ގިނަ މަސައްކަތް ތަކެއް ކުރިއެވެ. އެގޮތުން އެތްލެޓިކޯ މެޑްރިޑުން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެން މަސައްކަތްކުރި ނަމަވެސް އެކަން ކާމިޔާބުވާގޮތެއް ނުވިއެވެ. ޗެލްސީގެ ޑިފެންސްލައިނުން ދިޔައީ މެދު ކެނޑުމެއް ނެތި އެތްލެޓިކޯ މެޑްރިޑްގެ ހަމަލާތަކަށް ހުރަސްއަޅާ އެ ހަމަލާތައް ދިފާއު ކުރަމުންނެވެ. ރޭ ޖިރޫޑް ޖެހި ލަނޑާއި އެކު މިހާރު ކުރިޔަށްދާ ޔުއެފާ ޗެމްޕިއަންސް ލީގުގައި މިއަހަރުގެ މިހާތަނަށް އޭނާ ޖެހި ލަނޑުތަކުގެ އަދަދު ވަނީ ހަޔަކަށް އަރާފައެވެ.
ރޭގެ މެޗުން ޗެލްސީ މޮޅުވިއިރު، މިއީ އެޓީމުގެ އައު ކޯޗު ޓުޗެލްގެ ކޯޗުކަމުގެ ދަށުން ކުޅެ މޮޅުވި އަށްވަނަ މެޗުކަން ވެސް ފާހަގަކޮށްލެވެއެވެ.
ޔުއެފާ ޗެމްޕިއަންސް ލީގުގައި ޗެލްސީއާއި އެތްލެޓިކޯ މެޑްރިޑް ބައްދަލުކުރާ ދެވަނަ ލެގު ކުޅޭނީ އަންނަ މާޗް މަހުގެ 18 ވަނަ ދުވަހުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް