ހޮލީވްޑްގެ މަޝްހޫރު ތަރި ލިންޑްސޭ ލޯހަން ބޯ ނިވާކުރަން ސްކާފެއް އަޅައިގެން ހުރުމުން އިނގިރޭސިވިލާތުގެ ލަންޑަންގެ ހިތްރޯ އެއާޕޯޓުގައި ހުއްޓުވި ކަމަށް އޭނާ ބުނެފި އެވެ.
ޓޯކް ޝޯއެއްގައި ވާހަކަ ދައްކަމުން ލިންޑްސޭ ބުނެފައިވަނީ އޭނާ ތުރުކީއަށް ކުރި ދަތުރަކަށް ފަހު އައިސް ހިތްރޯ އެއާޕޯޓުގެ ޗެކިން އޭރިއާ ހުރަސް ކުރަނިކޮށް އެތާ ހުރި އޮފިސަރު ހުއްޓުވި ކަމަށެވެ. އަދި ޕާސްޕޯޓު ދައްކަން އެދުނު ކަމަށާއި ޕާސްޕޯޓު ދެއްކުމުން މައާފަށް އެދިފައި ބޮލުގައި އަޅާފައިވާ ސްކާފް ނެގުމަށް އެންގި ކަމަށެވެ.
ލިންޑްސޭ ބުނީ ސްކާފް ނަގަން އޭނާ ދެކޮޅު ނަހަދާ ވަގުތުން ނަގާފައިވާނެ ކަމަށެވެ. އެކަމަކު އާންމުކޮށް ބޯނިވާކޮށްގެން އުޅޭ މުސްލިމެއް ނަމަ އެފަދަ ދަނޑިވަޅެއްގައި އަމަލު ކުރާނެ ގޮތަކާއި ދޭތެރޭ ވިސްނާލެވިފައި އޮފިސަރުގެ އެ އެންގުމާއި މެދު ބިރުގަތް ކަމަށެވެ.
ބޯ ނިވާކޮށްގެން އުޅުނީ ތުރުކީއަށް ކުރި ދަތުރަކީ އެ ގައުމުގެ ރައީސް ރަޖަބް ތޮއްޔިބު އުރުތުގާން އާއި ބައްދަލު ކުރަން ކުރި ދަތުރަކަށް ވާތީ އޭނާއަށް އިހުތިރާމް ކުރުމުގެ ގޮތުން ކަމަށެވެ.
މިފަހަކަށް އައިސް ލިންޑްސޭ އިސްލާމް ދީނަށް ޝައުގުވެރިކަން ހުންނަކަން ވަނީ ހަމަވާން ފަށާފައި އެވެ. އަދި އޭނާ އިސްލާމް ވެފައިވާކަމަށްވެސް އަޑު ފެތުރުނެވެ.
އެގޮތުން އޭނާ އިސްލާމް ދީން ކިޔަވަމުންދާކަން މީޑިއާގައި ރިޕޯޓުކޮށްފައިވާ އިރު މިދިޔަ މަހު ވަނީ "އަލައިކްމް ސަލާމް" ލިންޑްސޭގެ އިންސްޓަގްރާމް ބަޔޯގައި ޖެހުމުން މީޑިއާގެ ސަމާލުކަމަށް އައިސްފައި އެވެ. އޭނާ ވަނީ މިދިޔަ އަހަރު ސީރިއާ އަށް ގޮސް އެގައުމުގައި ތިބި ރެފިއުޖީންނާއި ވެސް ބައްދަލުކޮށްފައި އެވެ.
އެކަމަކު އޭނާގެ އާއިލާއިން ވަނީ އޭނާ އިސްލާމް ނުވާކަމަށް ބުނެފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް