ށ. ފުނަދޫގައި ތަރައްގީކޮށްފައިވާ ޑޮމެސްޓިކް އެއާޕޯޓަށް ޓެސްޓު ފްލައިޓު ޖައްސައިފި އެވެ.
ގައުމީ އެއާލައިން މޯލްޑިވިއަންގެ ޓެސްޓު ފްލައިޓު އެރަށު އެއާޕޯޓުގައި ޖެއްސީ މިއަދު ހެނދުނު8:10 ގައި އެވެ.
މި ދަތުރުގައި ޓްރާސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޒުހައިރާއި ސިވިލް އޭވިއޭޝަންގެ އޮތޯރިޓީގެ އިސް ބޭފުޅުން އަދި އައިލެންޑް އޭވިއޭޝަންގެ އެކި ޑިޕާޓްމަންޓުތަކުގެ އިސް ބޭފުޅުން ފުނަދޫ އަށް ވަޑައިގަތެވެ. އަދި ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދުވެސް އެރަށަށް ވަޑައިގެންނެވި އެވެ.
ޓެސްޓު ފްލައިޓު ޖައްސާތީ ފުނަދޫގެ ރައްޔިތުންވަނީ ވަރަށް ފުރިހަމައަށް ފްލައިޓަށް މަރުހަބާ ކިޔުމަށް ތައްޔާރުވެފައި އެވެ. އެގޮތުން ރައްޔިތުންގެ ފަރާތުން ހެނދުނުގެ ސައި އެއާޕޯޓު ސަރަހައްދުގައި ތައްޔާރުކޮށްފައި އޮތެވެ.
ފުނަދޫ އެއާޕޯޓަށް ރަސްމީކޮށް ދަތުރުތައް ފަށާނީ އަންނަ މަހުގެ އެއް ވަނަ ދުވަހު އެވެ. ޓަރާންސްޕޯޓު މިނިސްޓްރީން ބުނީ ފުރަތަމަ ކުރާނީ ހަފްތާއަކު ތިން ދަތުރުކަމަށެވެ. އަދި މާޗު މަސް ނިމެންވާއިރަށް ދުވާލަކު ތިން ފްލައިޓު އެ ރަށަށް ދަތުރުކުރެވޭވަރު ވާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.
މިހާރު އެއާޕޯޓުގައި ނުނިމި ހުރީ ފަޔާ ޓަވަރު ޖެހުން އެކަނިކަމަށްވެ އެވެ. އެ މަސައްކަތް ޝެޑިއުލް ދަތުރުތައް ފަށަން ވާއިރަށް ނިމޭނެ އެވެ.
ފުނަދޫ އެއާޕޯޓުގެ ރަންވޭގެ ދިގުމިނުގައި 1،200 މީޓަރު އަދި ފުޅާމިނުގައި 30 މީޓަރު ހުރެ އެވެ. ޓެކްސީވޭގައި 90 މީޓަރު ހުންނައިރު، އޭޕްރަންގެ ފުޅާމިނަކީ 50 މީޓަރެވެ. އެ އެއާޕޯޓުގެ އޭޕްރަންގެ ދިގު މިނަކީ 150 މީޓަރެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް