ހުޅުމާލޭގައި " ކޯލިވިންގ ހައުސިންގ" ޕްރޮޖެކްޓް އިމާރާތްކުރާނެ ފަރާތެއް ހޯދުމަށް އެޗް.ޑީ.ސީ އިން ވަނީ އިއުލާންކޮށްފިއެވެ.
މި ޕްރޮޖެކްޓުގެ ދަށުން "ކޯ ޝެއަރ" ނުވަތަ އެހެން މީހުންނާއިއެކު ދިރިއުޅޭ ކޮޓަރި އަދި އަސާސީ ހިދުމަތްތަކަށް ބޭނުން ކުރާ ބަދިގެ ފަދަ ތަންތަން ހިއްސާކޮށްގެން ދިރިއުޅުމަށް ސިންގަލް އަދި ޓްވިން ޝެއަރ ކޮޓަރި ހެދުމަށް ހަމަޖެހިފައިވާކަމަށާއި ރާއްޖެއަށް މުޅިން އާ ކޮންސެޕްޓަކަށް ފަރުމާ ކުރެވިފައިވާ ޕްރޮޖެކްޓްގެ އެންމެ ބޮޑު މަގުސަދަކީ ގްރޭޓަރ މާލެ ރީޖަންގައި ދިރިއުޅޭ ކިޔަވާ ކުދިން، ނުވަތަ އެކަނި ކުލި ބޮޑުކޮށް ތަންތަން ހިފައިގެން އުޅޭ ފަރާތްތަކަށް އަތްފޯރާފަށުގައި ބޯހިޔާވެހިކަން ފޯރުކޮށްދިނުން ކަމުގައި އެޗްޑީސީން ބުނެއެވެ.
"ކޯ ލިވިންގ" ކޮންސެޕްޓަށް އެޗް.ޑީ.ސީ އިން ފަރުމާކޮށްފައިވާ މި ޕްރޮޖެކްޓުގައި ތަފާތު ހިދުމަތްތަކާ އެކު ނިމިގެންދާއިރު އައުޓްޑޯ ޖިމް، ޕޭންޓްރީ، ބާބަކިއު އޭރިއާ އަދި ކޮންމެ ފަންގިފަލައެއްގައި އެންމެނަށް ބޭނުންކުރެވޭނެ ބަދިގެއެއް ހިމެނެއެވެ. މީގެއިތުރުންވެސް އެހެނިހެން ޒަރޫރީ އަދި އަސާސީ ބޭނުންތަކަށް ލޯންޑްރީ އާއި ފިހާރަ ފަދަ ބައިވަރު ހިދުމަތްތަކެއް މި ބިލްޑިންގއިން ލިބިގެންދާނެއެވެ.
އެޗްޑީސީން ބުނެފައިވާގޮތުގައި އެޗްޑީސީން ކުރިއަށްގެންގޮސްފައިވާ ދިރާސާތަކުން ދައްކާގޮތުގައި ކިޔެވުމަށާއި އާމްދަނީ ހޯދުމަށް ކުރާ މަސައްކަތުގެ ސަބަބުން މި ސަރަހައްދުގައި ދިރި އުޅޭ ފަރާތްތަކުން އާންމު ގޮތެއްގައި މަހަކު 5000 ރުފިޔާ ހަމައެކަނި ކުލީގެ ގޮތުގައި ދައްކައެވެ. މި ދެންނެވުނު ފަރާތްތަކުގެ ތެރެއިން 56% އަށް ވުރެއް ގިނަ ފަރާތްތަކުން މި ޕްރޮޖެކްޓަށް ޝައުގުވެރިކަން ފާޅުކޮށްފައިވާއިރު އަދި މި ފަދަ ކޮންސެޕްޓަކަށް ފަރުމާ ކުރެވިފައިވާ ގެދޮރުވެރިކަމެއްގައި އެއް އަހަރަށް ވުރެއް ގިނަ އަހަރު ދިރިއުޅޭނެކަމަށް ލަފާކުރެވޭކަމުގައި އެޗްޑީސީން ބުނެއެވެ.
"ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވެސް މިހާރު މައްޝޫރުކަން ހޯދަމުން އަންނަ މި ކޮންސެޕްޓަކީ ޑިވެލޮޕަރުންނަށް ވަރަށް ރަނގަޅު ފުރުޞަތަކަށް ވެގެންދާނެ، ޑިވެލޮޕަރުންނަށް މި ޕްރޮޖެކްޓްގެ ދަށުން ދެ ވަނަ ފަންގިފިލައިން ފެށިގެން ނުވަ ވަނަ ފަންގިފިލާއަށް ޓްވިން ޝެއަރިންގ އަދި ބާކީ ފްލޯތަކުގައި ސިންގަލް ރޫމް ހަދައި ކުއްޔަށްދިނުމުގެ ފުރުޞަތު ލިބިގެންދާނެ" އެޗްޑީސީން ބުނެފައިވެއެވެ.
އެޗްޑީސީން މައުލޫމާތުދެއްވާގޮތުގައި މި ޕްރޮޖެކްޓްގެ ދަށުން ކުއްޔަށް ދެވޭނީ ހަމައެކަނި ދިވެހިންނަށް ކަމުގައިވެސް ވަނީ ހަމަޖެހިފައެވެ. ހުޅުމާލޭގައި މިހާރުވެސް އާބާދުވެ ތަރައްޤީ ވަމުންއަންނަ ސަރަޙައްދެއްގައި ހުންނަ ލޮޓް N4-42 ގެ 16،934.07 އަކަފޫޓުގެ ބިމުގައި 14 ބުރި އިމާރާތްކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ޕްރޮޖެކްޓް ތަރައްޤީކުރުމަށް ޝައުގުވެރިވެލައްވާ ބޭފުޅުން 17 ޖަނަވަރީ 2021 14:00 ގެ ކުރިން ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާފައިވާއިރު، މި ޕްރޮޖެކްޓް ގެ އާރް.އެފް.ޕީ އަދި އެހެނިހެން މަޢޫލޫމާތު އެ ކޯޕަރޭޝަންގެ ވެބްސައިޓުންނާއި މައި ހުޅުމާލެ ޕްރޮޕަޓީސް ވެބްސައިޓުން ލިބެން ހުންނާނެކަމުގައިވެސް އެޗްޑީސީން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް