ރިތިކް ރޯޝަންގެ ކުރީގެ އަންހެނުންނާ އެކު، އިންޑިއާގެ މަޝްހޫރު ދެ ތަރިން ހައްޔަރުކޮށްފި އެވެ.
އިންޑިއާގެ ނޫސްތަކުން ބުނެފައިވަނީ ހައްޔަރުކޮށްފައިވަނީ ސްޕަރ ސްޓާރ ރިތިކް ރޯޝަން ގެ ކުރީގެ އަންހެނުން ސުޒޭން ޚާން އާއި އިންޑިއާގެ ކުރީގެ ކްރިކެޓް ކުޅުންތެރިޔާ ސްރޭޝް ރާއިނާ އަދި ކުރިއަރަމުން އަންނަ ލަވަ ކިޔުންތެރިޔާ ގުރޫ ރަންދަވާ ކަމަށެވެ.
އިތުރު 34 މީހުންނާއެކު އެމީހުން ހައްޔަރުކޮށްފައިވަނީ މުމްބާއީ އެއަރޕޯޓު ކައިރީގައި ހުންނަ ޑްރެގަން ފްލައި ނަމަކަށް ކިޔާ ކްލަބެއް ރެއިޑް ކުރުމުގެ ތެރެއިން ނެވެ. އޭގެ ތެރޭގައި އެ ކްލަބުގައި މަސައްކަތްކުރާ 7 މުވައްޒަފުން ވެސް ހިމެނެ އެވެ.
ޚަބަރުތައް ބުނާ ގޮތުގައި އެމީހުން ހައްޔަރުކޮށްފައިވަނީ ކޮވިޑުން ރައްކާތެރިވުމަށް އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް ހުރީ ރަނގަޅަށްތޯ ބަލައި، ޗެކް ކުރުމަށް ހިންގާ އޮޕަރޭޝަންގެ ތެރެއިން ނެވެ.
އެހެންނަމަވެސް މިކަމުގެ އިތުރު ތަފްސީލެއް އަދިހާމައެއް ނުކުރެ އެވެ.
އިންޑިއާގެ ނޫސްތަކަށް ސުޒޭން ޚާން ބުނެފައިވަނީ އޭނާ އެ ކްލަބަށް ދިޔައީ ވަރަށް ގާތް ރައްޓެއްސެއްގެ އުފަން ދުވަސް ފާހަގަ ކުރުމަށް ކަމަށެވެ. އަދި އޭނާ އެތަނަށް ދިޔަތާ މާގިނަ އިރެއް ނުވެ، ފުލުހުން އެތަނަށް އައިސް އެތާ ތިބި ބައެއް މީހުން ހައްޔަރު ކުރީ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް