އެންޓި ކޮރަޕްޝަން ކޮމިޝަނުން ތަޙްޤީޤުކޮށް، ކ.ވިލިނގިލީގައި ހުންނަ ކޯސްޓްގާޑްގެ އިމާރާތުގައި، 2017 ވަނަ އަހަރުން ފެށިގެން މޯލްޑިވްސް ނޭޝަނަލް ޑިފެންސްފޯސް (އެމް.އެން.ޑީ.އެފް)ގެ ކުރީގެ ޗީފް އޮފް ޑިފެންސްފޯސްގެ މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމްގެ ބައްފަ ދިރިއުޅެމުންދިޔަކަމަށް ބުނާ މައްސަލަ ތަޙްޤީޤުކޮށް ނިންމައި، އެ މައްސަލާގައި ދަޢުވާކުރުމަށްޓަކައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް މިއަދު ފޮނުވައިފިއެވެ.
އެފަރާތުގެ މައްޗަށް ދަޢުވާކުރުމަށް ފޮނުވާފައިވަނީ ޤާނޫނު ނަންބަރު 2/2000 (ކޮރަޕްޝަން ހުއްޓުވުމާ މަނާކުރުމުގެ ޤާނޫނު) ގެ 12 ވަނަ މާއްދާގެ (ހ) ގެ ދަށުން، ދަޢުވާކުރުމަށް ފޮނުވާފައިވަނީ އެމް.އެން.ޑީ.އެފްގެ ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް، އަޙްމަދު ޝިޔާމްގެ މައްޗަށެވެ.
އެގޮތުން, ހިމެނެނީ މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާއެއް ހޯދައިދިނުމުގެ ކުށުގެ ދަޢުވާއާއި، ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު)ގެ 513ވަނަ މާއްދާގެ (ށ)ގެ ދަށުން، ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކޮށްގެން، އޭގެ ފައިދާ ލިބެން ނުޖެހޭ މީހަކަށް މަންފާއެއް ހޯދައިދިނުމުގެ ކުށުގެ ދަޢުވާއެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަނަށް ފާހަގަކޮށްފައިވާގޮތުގައި އެމް.އާރު.ސީ.ސީގެ ވީ.އައި.ޕީ ގޭގައި 18 ޖުލައި 2017 އިން 11 ޑިސެންބަރު 2018 ގެ ނިޔަލަށް، އެމް.އެން.ޑީ.އެފްގެ ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް (ރޓޑ) އަޙްމަދު ޝިޔާމުގެ ބައްޕަ ދިރިއުޅެފައިވެއެވެ. އެގޮތުން، އެމް.އެން.ޑީ.އެފްގެ މަރުކަޒެއްކަމަށްވާ އެމް.އާރު.ސީ.ސީގެ ވީ.އައި.ޕީ ގޭގައި މީހުން ބޭތިއްބުމުގައި ޢަމަލުކުރާނެ ވަކި ޚާއްސަ އުޞޫލެއް ނެތްނަމަވެސް، އެމް.އާރު.ސީ.ސީގެ ޢިމާރާތުގައި ހުރި ތަންތަނަކީ ސިފައިންގެ ޤާނޫނާއި ގަވާއިދުގައިވާ ގޮތުގެ މަތިން ޢަމަލުކުރެވޭ ތަންތަން ކަމަށްވާތީ، އެމް.އާރު.ސީ.ސީއަށް ހިނގާ އުޞޫލު އެތަނުގެ ވީ.އައި.ޕީ ގެއަށްވެސް ހިނގާނެކަން ފާހަގަކޮށްފައިވެއެވެ.
ވީ.އައި.ޕީ ގެއަކީ ސިފައިންގެ އެކިއެކި ބޭނުންތަކަށާއި، ސިފައިންގެ ޚިދުމަތްތަކަށް އަންނަ ޚާއްސަ ފަރާތްތައް ވަގުތީ ގޮތުން މަޑުކޮށްގެން ތިބުމަށް ބޭނުންކުރާ ތަނަކަށްވާއިރު، ދަޢުލަތުގެ މާލިއްޔާއިން ޚަރަދުކުރާ ތަނެއްގެ އިސް މަޤާމުތަކުގައި ތިބޭ ފަރާތްތަކުން، މަޤާމުގެ ނުފޫޒު ބޭނުންކޮށް އެތަނެއްގެ ވަޞީލަތްތައް އެ ފަރާތެއްގެ އަމިއްލަ ބޭނުންތަކަށް ބޭނުންކުރެވޭނެ ކަމަށް ދެކޭ ދުވަސްވީ ސަގާފަތެއް ދަޢުލަތުގެ މުއައްސަސާއެއްގެ ތެރޭގައި އޮތުމަކީ އެ ޢަމަލު ހުއްދަކުރާނެ ނުވަތަ ކޮރަޕްޝަން ހުއްދަވާނެ ކަމެއް ނޫންކަމުގައިވެސް އޭސީސީއިން ވިދާޅުވެފައިވެއެވެ. އެހެންކަމުން އެ ޢަމަލަކީ ދަޢުލަތުގެ މުވައްޒަފެއްގެ ވަޒީފާ ނުވަތަ މަޤާމު ބޭނުންކޮށްގެން ދަޢުލަތުން ޚަރަދުކުރާ ތަނެއްގެ މަންފާ އެ މަންފާއެއް ލިބެންނުޖެހޭ ފަރާތްތަކަށް ލިއްބައިދޭ ޢަމަލެއްކަންވެސް ފާހަގަކޮށްފައިވެއެވެ.
އަދި އެމް.އާރު.ސީ.ސީގެ ވީ.އައި.ޕީ ގޭގައި ދިގު މުއްދަތަކަށް އެމް.އެން.ޑީ.އެފްގެ ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް (ރޓޑ) އަޙްމަދު ޝިޔާމުގެ ބައްޕަ، ދިރިއުޅެފައިވާތީއާއި، އަޙްމަދު ޝިޔާމްގެ ބައްޕަ ބެލެހެއްޓުމަށް އެމް.އެން.ޑީ.އެފްގައި ކުރިން މަސައްކަތްކުރި ފަރާތެއް އެމް.އާރު.ސީ.ސީގެ ވީ.އައި.ޕީ ގޭގައި ދިރިއުޅެފައިވާކަން ތަޙުޤީޤަށް އެނގިފައިވާކަމުގެ އިތުރުން އަޙްމަދު ޝިޔާމްގެ ބައްޕަ އެމް.އާރު.ސީ.ސީގެ ވީ.އައި.ޕީ ގޭގައި ހުރެފައިވަނީ އަޙްމަދު ޝިޔާމް އަންގައިގެންކަމާއި، ތަޙުޤީޤަށް ހޯދާފައިވާ ލިޔުންތަކުން އަޙްމަދު ޝިޔާމްގެ ބައްޕަ ސިފައިންގެ މަރުކަޒެއްގައި ދިރިއުޅުން ހުއްދަކުރާ ޤާނޫނެއް، ޤަވާއިދެއް ނުވަތަ އުޞޫލެއް ނެތުމުން, އޭނާ އެތަނުގައި ދިރިއުޅޭނެ ހައިޞިއްޔަތެއް ނެތްކަން ފާހަގަކޮށްފައިވެއެވެ.
އޭގެއިތުރުން، ސިފައިންގެ ޤާނޫނުގައި ބަޔާންކުރާ ސިފައިންގެ ވާޖިބާއި މަސްޢޫލިއްޔަތު އަދާކުރުމުގެ ގޮތުން އާންމު ފަރުދުންނަށް ފޯރުކޮށްދެންޖެހޭ ޚިދުމަތެއް ފޯރުކޮށްދިނުން ފިޔަވައި، ސިފައިންގެ ވެރިއެއްގެ އިރުޝާދުގެ ދަށުން އާންމު ފަރާތެއް ބެލެހެއްޓުމަށް ސިފައިންގެ އޮފިސަރެއް ހަމަނުޖެއްސޭނެ ނަމަވެސް، އަޙްމަދު ޝިޔާމްގެ އެންގުމުގެ މަތިން، ސިފައިންގެ އޮފިސަރެއް އަޙްމަދު ޝިޔާމްގެ ބައްޕަ ބެލެހެއްޓިކަން ތަޙުޤީޤަށް ހޯދާފައިވާ ލިޔުންތަކުންނާއި ލިބިފައިވާ މަޢުލޫމާތުން އެނގިފައިވާތީއާއި، އެމް.އާރު.ސީ.ސީގެ ވަސީލަތްތަކާއި ޚިދުމަތްތައް އަޙްމަދު ޝިޔާމްގެ ބައްޕައަށް ބޭނުންކުރެވޭގޮތަށް އޮތުމުން، އޭނާއަށް ލިބެން ނުޖެހޭ މަންފާތަކެއް ލިބިފައިވާކަންވެސް އެސީސީއިން ފާހަގަކޮށްފައިވެއެވެ.
އިސްވެ ބަޔާންކުރެވުނު ކަންތައްތަކަށް ރިޢާޔަތްކުރުމުން، އެމް.އެން.ޑީ.އެފްގެ މޭޖަރ ޖެނެރަލްގެ މަޤާމުގައި ކުރިން ހުރި އަޙްމަދު ޝިޔާމް އެމް.އާރު.ސީ.ސީގެ ވީ.އައި.ޕީ ގޭގައި އޭނާގެ ބައްޕަ ދިގު މުއްދަތަކަށް ދިރިއުޅުމަށް ބަހައްޓައި، އަޙްމަދު ޝިޔާމްގެ ބައްޕަ ބެލެހެއްޓުމަށް ސިފައިންގެ މުވައްޒަފެއް އެމް.އާރު.ސީ.ސީގައި ބަހައްޓާފައިވަނީ އަޙްމަދު ޝިޔާމްގެ މަޤާމްގެ ނުފޫޒު ބޭނުންކޮށްގެން، އެނގިހުރެ ސިފައިންގޭގެ ޤާނޫނާ ގަވައިދާ ޚިލާފަށް އަޙްމަދު ޝިޔާމްގެ ބައްޕައަށް ނާޖާއިޒު ފައިދާތަކެއް ހޯދައިދިނުމަށްކަން ތަޙުޤީޤަށް ފާހަގަކުރެވިފައިވާކަންވެސް އެސީސީއިން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް