ސީފުޑް ސިނާއަތުގެ ކްލަސްޓާއަކުން 500 ކޭސް، ކޮރޯނާވައިރަހަށް ޕޮޒިޓިވްވެ، ތައިލޭންޑް އެލަރޓަށް އައިސްފި އެވެ.
ތައިލެންޑްގަ ދިރިއުޅެމުންދާ އެކި ޤައުމުތަކުގެ ރައްޔިތުން ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ސަމާލުކަންދިނުމަށް އެކި ޤައުމުތަކުގެ އެމްބަސީތަކުން އެދެމުންދާއިރު، މިއަދު ހެނދުނު ކުރި ޓްވީޓެއްގައި ތައިލެންޑްގަ ހުންނަ ދިވެހި އެމްބަސީއިންވެސް ވަނީ، ކޮވިޑް-19 އިން ރައްކާތެރި ވޭވެނެ އުސޫލުތަކަށް ސަމާލުކަން ދީ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އިލްތިމާސްކޮށްފަ އެވެ.
ތައިލޭންޑްގެ ވެރިރަށް ބެންކޮކްގެ ހުޅަނގު ދެކުނުން އޮންނަ ސަމުތު ސާހޯން ޕްރޮވިންސްގައި ހިންގާ ސީފުޑް ބާޒާރަކާ ގުޅުން ހުރި 4 ކޭހެއް ރިޕޯޓް ކުރީ މިދިޔަ ހުކުރު ދުވަހު އެވެ.
މި ސަރަހައްދަކީ ގިނަ އަދަދަކަށް ހިޖުރަވެރި މަސައްކަތްތެރިން ހަރަކާތްތެރިވާ ސަރަހައްދަކަށް ވާއިރު، އެ ފަދަ ފަރާތްތައް ޓެސްޓު ކުރުމަށް ތައިލޭންޑްގެ ކަމާ ބެހޭ ފަރާތްތަކުން ވަނީ ބޮޑު އޮޕަރޭޝަނެއް ފަށާފަ އެވެ.
ހިޖުރަވެރި މަސައްކަތްތެރިންގެ ތެރެއިން 1192 މީހެއްގެ ސާމްޕަލް ނަގައިގެން ޓެސްޓު ކުރުމުން، މި ކްލަސްޓާއަށް ނިސްބަތްވާ 516 ކޭސް ފެނިފައި ވާ ކަމަށް މައުލޫމާތު ލިބެ އެވެ.
ހޮނިހިރު ދުވަހުގެ ތަފާސް ހިސާބުތަކުގައި މިއަދަދު ހިމަނާފައި ވާއިރު، އެގައުމުން އެ ދުވަހު ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދަކީ 535 އެވެ. މިއީ ތައިލޭންޑުން މިހާތަނަށް ރިޕޯޓް ކުރި ރެކޯޑް އަދަދަށްވާ އިރު، މިހާތަނަށް އެންމެ ގިނަ އަދަދަކަށް ބަޔަކު ޕޮޒިޓިވްވެގެން ތައިލޭންޑުން ރެކޯޑް ކުރީ މާޗް 22 ވަނަ ދުވަހު އެވެ. އެ ދުވަހުވެސް ރެކޯޑް ކުރީ 188 ކޭސް އެވެ.
އޭޕްރިލް 25 ވަނަ ދުވަހުން ފަށައިގެން ތައިލޭންޑުގެ ކޭސް ނަމްބަރު އުޅެނީ 50 އަށް ވުރެ ދަށުގަ އެވެ.
ސީފުޑް މާކެޓް ކްލަސްޓާއިން އަލަށް ރިޕޯޓް ކުރި ކޭސްތަކުގެ ތެރެއިން 90 ޕަސެންޓް މީހުންނަކީ އެސިމްޓޮމެޓިކް ނުވަތަ ހަށިގަނޑުގެ ބޭރުފުށުން ބަލީގެ އަލާމާތްތައް ނުފެންނަ މީހުން ކަމަށްވެސް މައުލޫމާތު ލިބެ އެވެ.
ތައިލޭންޑުން ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިހާރު ވަނީ ހަތަރުހާސް ނުވަސަތޭކަ އަށް އަރާފަ އެވެ. މި ބަލީގައި އެގައުމުން މަރުވި މީހުންގެ އަދަދު 60 އަށް އަރަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް