ޙަސަދަވެރިކަމަކީ ކޮބައި ހެއްޔެވެ ؟ ޙަސަދަވެރިކަން އެތަށް ގޮތަކަށް މާނަކުރެވިދާނެއެވެ. ޙަސަދަވެރިކަމަކީ މީހަކަށް ނިޢުމަތެއް ލިބުމުން އެ މީހާގެ ކިބައިން އެ ނިޢުމަތެއް ފިލައި ދިޔުމަށް އެދުމެވެ. ޙަސަދަވެރިކަމަކީ މީހަކަށް ނިޢުމަތެއް ލިބޭހިނދު އެކަމާ ހިތްހަމަނުޖެހި އޭނާއަށް ނަފުރަތުކުރުމެވެ. ޙަސަދަވެރިކަމަކީ ތިމާއަށް ލިބޭ ނުވަތަ ލިބެން އެދޭ ހެޔޮ ކަންތައްތައް އެހެން މީހަކަށް ލިބެން ނުއެދުމެވެ. މިއީ ހައްތާވެސް ޙަސަދަވެރިވުމެވެ. މިއީ ހިތުގެ ބައްޔެކެވެ. އަދި ހިތުގެ ސާފުކަން ކިލަނބުކޮށްލާފަދަ ނުރައްކާތެރި ބައްޔެކެވެ.
މި އުންމަތުގައިވާ އެންމެ ހެޔޮބަޔަކީ ކޮބައިތޯ މާތް ނަބިއްޔާ މުޙައްމަދު صلى الله عليه وسلم އާއި ސުވާލުދެންނެވުނުހިނދު އެކަލޭގެފާނު ހަދީސްފުޅުކުރެއްވިބަސްފުޅެއްގެ މާނައިގައިވެއެވެ.
"އެއީ ތިޔަބައިމީހުންގެ ތެރެއިން އެންމެ ހިތްސާފު އަދި ތެދުވެރި ދުލެއްގެ ވެރިންނެވެ." އެބައިމީހުން ސުވާލުކުރިއެވެ. ދުލުގެ ތެދުވެރިކަމަކީ ކޮބައިކަން ތިމަންމެން ދަންނަމުއެވެ. އެކަމަކު ސާފުހިތަކީ ކޮބައިތޯއެވެ؟ އެކަލޭގެފާނު ހަދީސްފުޅުކުރެއްވިއެވެ. "އެއީ އީމާންތެރި ޞާލިޙް ކުއްތަކުން ސަލާމަތްވެފައިވާ އަދި ޙަސަދަވެރިކަމާއި ދެކޮޅުވެރިކަމުން މިނިވަންވެފައިވާ ހިތެއްގެ ވެރިންނެވެ." (އިބްނު މަޖާޙް)
ޙަޞަދަވެރިކަމުގެ ނުބައިކަން އަންގަވާ ކީރިތި ޤުރުޢާނުގައި "ނާސް" ސޫރަތުގައި މާތް الله ވަޙީކުރައްވާ އަންގަވާފައިވެއެވެ.
"ކަލޭގެފާނު ވިދާޅުވާށެވެ! ފަތިހުގެ ވެރިރަސްކަލާނގެ ހަޟްރަތުން ތިމަންކަލޭގެފާނު ރައްކާތެރިކަން ލިބިގަންނަމެވެ. އެކަލާނގެ ހައްދަވާފައިވާހާ ތަކެތީގެ ނުބައިކަމުންނެވެ. އަދި ރޭގަނޑުގެ އަނދިރިކަން ގަދަވެގެންފިހިނދު، އެ ރޭގަނޑުގެ ނުބައިކަމުންނެވެ. އަދި ގޮށްތަކަށްފުމޭ މީހުން (އެބަހީ ސިހުރުވެރިން) ގެ ނުބައިކަމުންވެސް މެއެވެ. އަދި ހަސަދަވެރިޔަކު ހަސަދަވެރިވެއްޖެހިނދު، އޭނާގެ ނުބައިކަމުންވެސްމެއެވެ."
މި ސޫރަތުންވެސް ޙަސަދަވެރިޔާގެ ނުބައި ކަމާއި އަދި މީހަކު ޙަސަދަވެރިވެއްޖެ ނަމަ އެކަމުގެ ނުބައިކަން ހާމަވެގެންދެއެވެ. މީގެ އިތުރުން "ނާސް" ސޫރަތަކީ ޙަސަދަވެރިންގެ ނުބައިކަމުން ސަލާމަތްވުމަށްޓަކައި ކިޔުމަށް ވާރިދުވެފައިވާ ސޫރަތެކެވެ.
މި ދުނިޔެމަތީގައި އެންމެ ފުރަތަމަ ތަޅާފޮޅުމެއް ހިނގާފައިވަނީވެސް ޙަސަދަވެރިކަމުގެ ސަބަބުންނެވެ. އެއީ ޙާބީލާއި ޤާބީލާއި ދެމެދުގައެވެ. އަދި އިބިލީސްވެސް މަގުއޮޅިގެން ދިޔައީ ހަމަ ޙަސަދަވެރިކަމުގެ ސަބަބުންނެވެ. މީގެއިތުރުން ސިޙުރުވެރީން އެމީހުންގެ ނުބައި ޢަމަލާ ހަމައަށް ވާޞިލުވެވެނީވެސް ހަމަ ޙަސަދަވެރިކަމުގެ ސަބަބުންނެވެ. މީހަކަށް ހެވެއް ލިބުމަށް ތިމާގެ ހިތް ނޭދެވޭތީއެވެ.
ޙަސަދަވެރިކަމުގެ ނުބައިކަން އަންގަވާ މި އުންމަތަށް އިރުޝާދުދެއްވަމުން މާތް ނަބިއްޔާ މުޙައްމަދު صلى الله عليه وسلم ޙަދީޘް ކުރައްވާފައިވެއެވެ. "ހަސަދަވެރިކަމުން ރައްކާތެރިވާށެވެ! ހަމަކަށަވަރުން އެއީ އަލިފާނުން ދަރު އަންދާފަދައިން ހެޔޮކަންތައްތައް އަންދާލާކަމެކެވެ." (އަބޫ ދާވޫދް)
މިކަމުން އެނގެނީ ކިތަންމެ ހެޔު ޢަމަލެއް ކުރި ނަމަވެސް ޙަސަދަވެރިވާނަމަ އެ ކުރި ހެޔޮ ޢަމަލުތަކުން ފައިދާއެއް ނެތްކަމެވެ. އެހެންކަމުން މި ފަދަ ނުބައި ބައްޔަކުން ސަލާމަތްވެ އަހަރެމެންގެ ހިތްތައް ހެޔޮކުރަން އެބަޖެހެއެވެ.
ހަސަދަވެރިވުމުން ދުރުވެގަތުމަށް ބާރުއެޅުއްވުމުގެ ގޮތުން އަޅުގަނޑުމެންގެ މާތް ނަބިއްޔާ މުޙައްމަދު صلى الله عليه وسلم ހަދީސްފުޅުކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ.
"ތިޔަބައިމީހުންގެ މަތީގައިވާ މީހުންނަށް ދެއްވާފައިވާ ނިޢުމަތްތަކަށް ނުބަލާށެވެ. އެކަމަކު ތިޔަބައިމީހުންގެ ދަށުގައިވާމީހުންނަށް ތިޔަބައިމީހުން ބަލާހުށިކަމެވެ. އޭގެސަބަބުން މާތް ﷲ ތިޔަބައިމީހުންނަށް ދެއްވާފައިވާ ނިޢުމަތްތަކުގެ މަތިން ތިޔަބައިމީހުން ހަނދާންވާނެއެވެ. (ބުޚާރީ)
އަދިވެސް އެކަލޭގެފާނު ޙަދީޘް ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ.
"ތިޔަބައިމީހުންގެ ތެރެއިން މީހަކު މުދާވެރިކަމާއި ޖާހުގެ ގޮތުން ތިބާއަށްވުރެ މަތިވެރި މީހަކަށް ބަލައިފިނަމަ ތިމާއަށް ވުރެ މުދާވެރިކަމާއި ޖާހުގެ ގޮތުން ދެރަ ނިކަމެތި މީހަކަށްވެސް ބަލާހުށިކަމެވެ." (މުސްލިމް)
އަދިވެސް ރަސޫލާގެ ޙަދީޘްއެއްގެ މާނާގައި ވެއެވެ.
"ފުރިހަމަ މުސްލިމަކީ ތިމާ އަމިއްލަ ނަފުސަށް ލޯބިކުރާ ފަދައިން ތިމާގެ އަޚާއަށްވެސް ލޯބިކުރާ މީހާއެވެ."
ޙަސަދަވެރިންގެ މި ނުބައި ޢަމަލުން ރައްކާތެރިވުމަށްޓަކައި ހެނދުނާއި ހަވީރުގެ ޒިކުރުތަށް ކިޔައި ގިނަ ގިނައިން އަޅުކަންތަށް ކުރުން ވަރަށް މުހިންމެވެ. އަދި އެހެން މީހުންނާމެދު ތިމާގެ ހިތް ސާފުކޮށް މި ނުބައި ވަބާއިން ސަލާމަތްވަމާ ހިނގާށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް