ފައިސާ ޗާޕް ކުރުމަށް ދިން ހުއްދައިގެ މުއްދަތު އިތުރުކޮށްފި

ފައިސާ ޗާޕް ކުރުމަށް ދިން ހުއްދައިގެ މުއްދަތު އިތުރުކޮށްފި އެވެ. މި މައްސަލަ ދިރާސާކުރުމަށްފަހު މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ދިރާސާކޮށް އެކުލަވާލި ރިޕޯޓަށް ހުށަހެޅުނު އިސްލާހުތަކާއެކު ފާސްވެގެންދިޔަ...

23 Nov 2021 | 09:17

ފައިސާ ޗާޕް ކުރުމަށް ދިން ހުއްދައިގެ މުއްދަތު އިތުރުކޮށްފި އެވެ.

މި މައްސަލަ ދިރާސާކުރުމަށްފަހު މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ދިރާސާކޮށް އެކުލަވާލި ރިޕޯޓަށް ހުށަހެޅުނު އިސްލާހުތަކާއެކު ފާސްވެގެންދިޔައީ 42 މެމްބަރުންގެ ވޯޓުން ނެވެ. 2 މެމްބަރަކު މިކަމާ ދެކޮޅަށް ވޯޓު ދެއްވި އެވެ.

ކޮމިޓީ ރިޕޯޓަށް އިސްލާހު ހުށަހެޅީ އެ ރިޕޯޓުގައި ހިމަނާފައިވާ ދެ މާއްދާއެއްގައި ކަންބޮޑުވާ ކަންތައްތަކެއް ހުރިކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، އެކަން މެމްބަރުންގެ ސަމާލުކަމަށް ގެންނެވުމުން ނެވެ. ނަޝީދު ކަންބޮޑުވެވަޑައިގަންނެވީ މަޖިލީހަށް ލިބެނީ ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ގާނޫނުގެ މާއްދާތައް އިސްތިސްނާ ކުރުމުގެ ބާރު ކަމަށްވާއިރު، އެ ރިޕޯޓުގައި އެކަން ހިންގާނެ ގޮތް ވެސް ބަޔާންކޮށްފައިވާތީ އެވެ.

އެހެންވެ ކޮމިޓީގެ މުގައްރިރު މުހައްމަދު ނާޝިޒް ކޮމިޓީ ރިޕޯޓަށް ހުށަހެޅުއެއްވި އިސްލާހަށް ތާއީދު ކުރެއްވީ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބެވެ.

ކޯވިޑާއި ގުޅިގެން ރާއްޖޭގެ އިޤްތިޞާދު ހީނަރުވެ ސަރުކާރުން މިހާތަަނަށް ވަނީ ދެފަހަރެއްގެ މަތިން ފައިސާ ޗާޕްކޮށްފަ އެވެ. އަދި މިހާރު ތިންވަނަ ފަހަރަށް ފައިސާ ޗާޕްކުރަން އެދުމުން މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ވަނީ އެ ހުއްދަ ދޭން ފެންނަކަމަށް ފާސްކޮށްފަ އެވެ.

މިކަމާއި ގުޅޭގޮތުން މާލިއްޔަތު ކޮމިޓީގެ މުޤައްރިރު މުޙައްމަދު ނާޝިޒް ވިދާޅުވެފައިވަނީ، މިއީ އިގްތިސާދީ ގޮތުން ގޮންޖެހުން ގިނަ ވަގުތެއްކަމަށެވެ. އެގޮތުން އޮތް ގޮތަކީ ފައިސާ ޗާޕްކުރުން ނުވަތަ ޤައުމު ބަނގުރޫޓްވުންކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ޕަބްލިކް އެކައުންޓެއް އޮންނަނީ މިކަހަލަ ބޭނުންތަކަށް ކަމަށާއި އެ އެކައުންޓް އޯޑީ ކުރަން ޖެހެނީ އާމްދަނީ ލިބުން ދަތިވީމަ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް