ބަންގްލަދޭޝް ސަރުކާރުން ރާއްޖެއަށް ވެދެއްވާފައިވާ އެހީތެރިކަމަށް ނައިބު ރައީސް ޝުކުރުއަދާކުރައްވައިފި

ވޭތުވެދިޔަ އަހަރުތަކުގައި ބަންގްލަދޭޝް ސަރުކާރުން ރާއްޖެއަށް ވެދެއްވާފައިވާ އެހީތެރިކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަޞީމް، ޝުކުރު އަދާކުރައްވައިފި އެވެ. އެމަނިކުފާނު ޝުކުރުއަދާ ކު...

23 Nov 2021 | 06:28

ވޭތުވެދިޔަ އަހަރުތަކުގައި ބަންގްލަދޭޝް ސަރުކާރުން ރާއްޖެއަށް ވެދެއްވާފައިވާ އެހީތެރިކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަޞީމް، ޝުކުރު އަދާކުރައްވައިފި އެވެ.

އެމަނިކުފާނު ޝުކުރުއަދާ ކުރައްވާފައިވަނީ މިހާރު ބަންގްލަދޭޝްއަށް ކުރައްވާ ދެ ދުވަހުގެ ދަތުރުފުޅުގެ ތެރެއިން ބަންގްލަދޭޝްގެ މިނިސްޓަރ އޮފް ފޮރިން އެފެއަރޒް ޑރ. އޭ.ކޭ. ޢަބްދުލް މޮމެން އާއި ބައްދަލުކުރައްވަ އެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ، ބަންގްލަދޭޝްއިން އެމަނިކުފާނަށް ވިދާޅުވި ހޫނު މަރުޙަބާއަށް ޝުކުރު އަދާކުރައްވައި، އެމަނިކުފާނާ ބައްދަލުކުރެއްވުމަށް ވަގުތުކޮޅެއް ދެއްވީތީ ޝުކުރު އަދާކުރައްވާފަ އެވެ. އަދި ރާއްޖެއާއި ބަންގްލަދޭޝްއާ ދެޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގާތް ގުޅުމުގެ މައްޗަށް އަލިއަޅުއްވައިލައްވައި، ވޭތުވެދިޔަ އަހަރުތަކުގައި ބަންގްލަދޭޝް ސަރުކާރުން ރާއްޖެއަށް ވެދެއްވާފައިވާ އެހީތެރިކަމަށްޓަކައި ޝުކުރު އަދާކުރައްވާފަ އެވެ.

ޚާއްޞަ ގޮތެއްގައި ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ދުވަސްވަރު ބަންގްލަދޭޝް ސަރުކާރުން ވެދެއްވި އެހީތެރިކަން އެމަނިކުފާނު ފާހަގަކުރެއްވެވި އެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ އ.ދ.ގެ 76 ވަނަ ޢާންމު މަޖިލީހުގެ ރިޔާސަތަށް ރާއްޖެއިން ކުރިމަތިލުމުން އެކަމަށް ބަންގްލަދޭޝް ސަރުކާރުން ދެއްވި އެއްބާރުލުމަށް ޝުކުރުއަދާކުރައްވާފަ އެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން ރާއްޖެއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުގެ މައްޗަށް އަލިއަޅުއްވާ ނައިބު ރައީސް ވަނީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން ޚާއްޞަ ގޮތެއްގައި ލާމަރުކަޒީ އުޞޫލުން ޞިއްޙީ ޚިދުމަތް ފޯރުކޮށްދިނުމުގައި ގޮންޖެހުންތަކެއް ހުރިކަން ހާމަވެގެން ގޮސްފައިވާކަން ފާހަގަކުރައްވާފަ އެވެ. އަދި އެކަންކަން ބަލަންޖެހޭކަމުގައި ފާހަގަކުރައްވާފަ އެވެ.

ލާމަރުކަޒީ އުޞޫލުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޞިއްޙީ ޚިދުމަތް ފޯރުކޮށްދިނުމަކީ، ދިވެހި ސަރުކާރުން ވަރަށް ބޮޑަށް ބޭނުންވެފައިވާ ކަމެއް ކަމުގައި ދެކެވަޑައިގަންނަވާ ކަމަށާއި، މި އަމާޒަށް ވާޞިލުވުމަށްޓަކައި ދެ ޤައުމުގެ ދެމެދުގައި އެއްބާރުލުން ދިނުމާ ބެހޭގޮތުން ވެސް މި ބައްދަލުވުމުގައި މަޝްވަރާ ކުރެއްވި އެވެ.

މި ބައްދަލުކުރެއްވުމުގައި ބަންގްލަދޭޝްގެ ފޮރިން މިނިސްޓަރ ވަނީ ދެމެދު އޮތް ގާތް ރަޙްމަތްތެރިކަމުގެ ގުޅުން ފާހަގަކުރައްވާފަ އެވެ. އަދި މިއަހަރުގެ މާރިޗު މަހު ބަންގްލަދޭޝްގެ ފުރަތަމަ ރައީސް އަދި އެ ޤައުމުގެ މިނިވަންކަމުގެ ބާނީ ބަންގާބަންދު ޝެއިޚް މުޖީބުއް ރަޙްމާން ދުނިޔޭގެ އަލިކަން ދެކެވަޑައިގެންތާ 100 އަހަރު ފުރުން ފާހަގަކުރެއްވުމާއި ބަންގްލަދޭޝްގެ މިނިވަންކަމަށް ރަންޔޫބީލް ފުރުން ފާހަގަކުރުމުގެ އިޙްތިފާލުތަކުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ބައިވެރިވެވަޑައިގެންނެވިކަން ފާހަގަކުރައްވައި، އެކަމަށްޓަކައި ޝުކުރު އަދާކުރެއްވި އެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި ބަންގްލަދޭޝްގެ ފޮރިން މިނިސްޓަރ ވަނީ ދެ ޤައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމާ ބެހޭގޮތުން މަޝްވަރާ ކުރައްވާފަ އެވެ. އަދި އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ ގޮތުން އެއްބަސްވުންތަކުގައި ސޮއިކުރެއްވުމާއި ބޭހޭގޮތުންވެސް މަޝްވަރާކުރެއްވެވި އެވެ.

އެގޮތުން މެރިޓައިމް ދާއިރާއިން ގުޅުން ބަދަހިކުރުމާއި، ޝިޕިންގ އަދި ޓެކްނިކަލް ޓްރައިން ދިނުން ފާހަގަކުރައްވާފައި ވެއެވެ.

މީގެ އިތުރުން މި ބައްދަލުކުރެއްވުމުގައި ބަންގްލަދޭޝްގެ ފޮރިން މިނިސްޓަރ ވަނީ ރާއްޖޭގައި ރަޖިސްޓަރވެގެން ގިނަ އަދަދެއްގެ ބަންގްލަދޭޝް ރައްޔިތުން މަސައްކަތް ކުރަމުންދާކަން ފާހަގަކުރައްވައި، ރާއްޖޭގައި ރަޖިސްޓްރީނުވެ އުޅޭ ބަންގްލަދޭޝްގެ މަސައްކަތްތެރިން ރަޖިސްޓްރީކޮށް ރެގިއުލަރައިޒް ކުރުމަށް ދިވެހި ސަރުކާރުގެ އެހީތެރިކަން ފޯރުކޮށްދިނުމަށް އެދިވަޑައިގަންނަވާފަ އެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަރިހުގައި މިނިސްޓަރ އޮފް ހެލްތު އަޙްމަދު ނަސީމާއި، މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑޮކްޓަރ އިބްރާހީމް ޙަސަން ބައިވެރިވެވަޑައިގެންނެވި އެވެ. އަދި އެބޭފުޅުން ވަނީ އެބޭފުޅުންނާއި ގުޅުން ހުރި ދާއިރާތަކުން ގުޅުން ބަދަހިކުރުމާއި ގުޅޭގޮތުން ބަންގްލަދޭޝްގެ ޚާރިޖީ ވަޒީރާއެކު މަޝްވަރާކުރައްވާފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް