ހިޔާ ފްލެޓުތައް ތަޅާލުމަށް އެއް އިރެއްގައި ވިސްނުން ގެންގުޅުއްވިކަމަށް ހައުސިންގ މިނިސްޓަރ މުހައްމަދަު އަސްލަމް ވިދާޅުވެއްޖެ އެވެ.
މިނިސްޓަރ މިހެން ވިދާޅުވީ މިއަދުގެ ޖަލްސާގައި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ނެވެ.
އަސްލަމް ވިދާޅުވީ މި ސަރުކާރު އައި އިރު، ހިޔާ ފްލެޓުތަކުގެ މަސައްކަތް ހުރީ ހުއްޓާ ނުލެވޭ ވަރަށް ކުރިއަށް ގޮސްފައި ކަމަށާއި އެތަން ތަޅާލުމަށް ވެސް އެއް އިރެއްގައި ވިސްނުން ގެންގުޅުއްވި ކަމަށެވެ.
އެއީ ހަމައެކަނި އޭނާގެ ނިންމުމުގެ މައްޗަށް އޮތް ކަމެއް ނަމަ، އެކަން ކުރެއްވީސް ކަމަށް ވެސް މިނިސްޓަރ ވިދާޅުވި އެވެ.
މި މޭރުމުން ވާހަކަ ދައްކަވަމުން ހައުސިންގ މިނިސްޓަރ ވިދާޅުވީ ހިޔާ ފްލެޓުތައް މަސްތުވާތަކެއްޗާއި ކުށުގެ ހާއްޔަކަށް ވީ، އެހާ ބޮޑު އާބާދީއެއް ކުޑަ ތަންކޮޅަކަށް ޖަމާކޮށްފައި އޮތުމުން ކަމަށެވެ. އަދި މިހާލަތަށް އެތަން ވެއްޓުނީ ގޯސް ނިންމުންތަކުގެ ސަބަބުން ކަމަށެވެ.
މިނިސްޓަރ ވިދާޅުވީ 7000 ފްލެޓުގެ 25 ބުރީގެ އިމާރާތްތަކެއް ޖެހިޖެހިގެން އަޅަން ކުރީ ސަރުކާރުގެ ޕްލޭން ގޯސް ކަމަށާއި އައްޑޫ ސިޓީގެ އާބާދީއަށް ވުރެ ބޮޑު އާބާދީއެއް، އެވަރުގެ ކުޑަ ތަންކޮޅަކަށް ޖަމާކޮށްފައި ބާއްވަން ނިންމި ނިންމުން ގޯސް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް