ބަންގާޅު ކަނޑުގައި މިހާރު އުފެދިފައިވާ ކޮޅިގަނޑު ތޫފާނަކަށް ބަދަލުވުމުން އެ ތޫފާނުގެ އަސަރު ނުސީދާކޮށް ރާއްޖެއަށް ކުރާނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނެފި އެވެ.
އެ ކޮޅިގަނޑު ކުރިޔަށް އޮތް 24 ގަޑިއިރު ތެރޭގައި ތޫފާނަކަށް ބަދަލުވާނެ ކަމަށް ލަފާކޮށްފައިވެ އެވެ. ކޮޅިގަނޑު ތޫފާނަކަށް ބަދަލުވަމުންދާއިރު މިސްރާބު ހުރީ އިންޑިއާގެ ޓެމިލް ނާޑޫ ސްޓޭޓާއި ދިމާއަށެވެ.
މި ތޫފާނަށް ދީފައިވާ ނަމަކީ "ނިވާރު" އެވެ.
މެޓް އޮފީހުން މީޑިއާގައި ބުނީ މި ތޫފާނުގެ އަސަރު ނުސިދާކޮށް ކުރާނީ ރާއްޖޭގެ ދެކުނާއި މެެދުރާއްޖެތެރެއަށް ކަމަށެވެ. އުތުރުގެ އަތޮޅުތަކަށް "ނިވާރު"ގެ އަސަރު ކުރާނެ ކަމަކަށް ނުބެލެވެ އެވެ.
ތޫފާން "ނިވާރު"ގެ އަސަރު ރާއްޖެއަށް ނުސީދާކޮށް ކުރާނެ ކަމަށް ބެލެވެނީ ކޮޅިގަނޑު ތޫފާނަކަށް ބަދަލުވާއިރު ޓެމިލް ނާޑޫގެ ޗެންނާއި އާއި ޕޮންޑިޗަރީއާއި ދިމާއަށް މިސްރާބު ހުރުމުންނެވެ. މިހާރު ތޫފާނު ދަތުރު ކުރަމުން ދަނީ ހުޅަނގު އުތުރަށެވެ.
މިދިޔަ މެއި މަހު ބަންގާޅު ކަނޑުގައި އުފެދުނު ތޫފާން "އަމްޕަން" ގެ ނުސީދާ އަސަރު ރާއްޖެއަށް ކޮށްފައިވެ އެވެ. އެގޮތުން ކަނޑުގަދަވެ 60 މޭލަށް ވައިގަދަވެފައިވާއިރު ބައެއް ރަށްރަށަށް އުދަ އަރައި ގަސްގަހާއި ގެތަކުގެ ފުރާޅު އެއްލާލުމުގެ ހާދިސާތައް ހިނގާފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް