ހެލްތު މިނިސްޓަރކަމުގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙު އައްޔަން ކުރައްވާފައިވާ އަޙްމަދު ނަސީމަށް ރުހުން ދިނުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީ ދިރާސާކޮށް ނަސީމަށް ރުހުން ދޭން ފެންނަކަށް ނިންމާފައިވާ އިރު، މަޖިލިސްގެ ތަޅުމުގައި މިއަދު ނެގުނު ވޯޓުގައި ހެލްތު މިނިސްޓަރުގެ މަގާމަށް ނަސީމް އައްޔަނުކުރަން ރުހުން ދިނުމަށް ފާސްކޮށްފައިވަނީ، ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 66 މެންބަރުންގެ އިއްތިފާގުންނެވެ.
އޮކްޓޯބަރުމަހުގެ 22 ވަނަ ދުވަހު ހެލްތު މިނިސްޓަރު ކަމަށް ނަސީމް އައްޔަންކުރައްވާފައިވާ ނަސީމަށް މަޖިލީހުގެ ރުހުން ހޯދަން މަޖިލީހަށް ފޮނުއްވާފައިވަނީ އޮކްޓޯބަރު މަހުގެ 28 ވަނަ ދުވަހު އެވެ.
ހެލްތު މިނިސްޓަރކަމުގެ މަގާމަށް ނަސީމް އައްޔަން ކުރައްވާފައިވަނީ ރައީސް އޮފީހުގެ މިނިސްޓަރުގެ މަގާމުގައި ހުންނަވަނިކޮށެވެ.
ހެލްތު މިނިސްޓަރުކަމަށް ނަސީމް އައްޔަނުކުރެއްވީ، ހެލްތު މިނިސްޓަރުކަމުގެ މަގާމުގައި ހުންނެވި އަބްދުﷲ އަމީން މަގާމުން ވަކިކުރުމުގެ މަސައްކަތް ވެރިކަން ކުރާ ކޯލިޝަންގެ މައިޕާޓީ އެމްޑީޕީގެ ޕީޖީ ގްރޫޕުން ފަށާފައިވަނިކޮށް، އޭނާ މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް