ހޯރަފުށީ ޑޮމެސްޓިކް އެއާޕޯޓަށް މޯލްޑިވިއަންއިން ކުރާ ފުރަތަމަ ޝެޑިއުލް ދަތުރުގެ ޖާގަ ހުސްވެއްޖެ އެވެ.
މޯލްޑިވިއަންގެ ޝެޑިއުލް ދަތުރުތައް އެ އެއާޕޯޓަށް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ބުރާސްފަތި ދުވަހު އެވެ. މޯލްޑިވިއަންއިން ބުނީ އެ ދުވަހުން މާލެއިން ހޯރަފުއްޓަށް އަދި ހޯރަފުށިން މާލެއަށް ކުރުމަށް ހަމަޖެހިފައިވާ ދަތުރުގެ ޖާގަ ފުރިފައިވާ ކަމަށެވެ.
މޯލްޑިވިއަންގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު މޫސާ ވަސީމް ވިދާޅުވީ ހޯރަފުށި އެއާޕޯޓަށް އެ އެއާލައިނުން ހަފްތާއަކު ތިން ދަތުރު ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެކަމަކު ހޯރަފުށި ދަތުރުތަކުގެ ޑިމާންޑު ބޮޑުކަމުން އެ އަދަދު އިތުރު ކުރުމަށް މަޝްވަރާ ކުރަމުންދާ ކަމަށް ވިދާޅުވި އެވެ.
އެގޮތުން މި ހަފްތާގައި ބުރާސްފަތި ދުވަހު އެކަނި ޝެޑިއުލް ދަތުރު ބޭއްވުމަށް ކުރިން ތާވަލް ކުރި ނަމަވެސް ޑިމާންޑަށް ބަލައި މި ހަފްތާގައި އިތުރު ދަތުރެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް މޫސަ ވިދާޅުވި އެވެ. އިތުރު ފްލައިޓެއް މި ހަފްތާގައި ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ވާ ހޮނިހިރު ދުވަހު އެވެ.
ހޯރަފުށީ އެއްކޮޅު ދަތުރުގެ ޓިކެޓުގެ އަގު އުޅެނީ ކުޅުދުއްފުއްޓާއި ހަނިމާދޫއަށް މޯލްޑިވިއަންއިން ކުރާ ދަރުގެ އަގު ކަމަށްވާ 1،113 ރުފިޔާ އަށެވެ. އެންމެ އަގު ހެޔޮ ފެއާގައި ހޯރަފުއްޓަށް 805 ރުފިޔާއަށް އެއް ކޮޅު ޓިކެޓު ލިބެ އެވެ.
ހޯރަފުށީ އެއާޕޯޓު ރަސްމީކޮށް ހުޅުވާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. މި އެއާޕޯޓަކީ އެ ރަށުގެ ދެކުނު ފަރާތު ފަޅު ހިއްކައިގެން ޖަޒީރާ ވަންތަކޮށް ހެދި އެއާޕޯޓެއް ކަމަށް ސަރުކާރުން ބުނެ އެވެ. މި އެއާޕޯޓު ރަށާއި ގުޅުވާފައިވަނީ ހިއްކައި ތާރު އަޅައިގެން އަދާފައިވާ މަގަކުންނެވެ.
ހޯރަފުށީ އެއާޕޯޓުގައި 1،200 މީޓަރުގެ ރަންވޭއަކާއި 8،635 އަކަމީޓަރުގެ އޭޕްރަންއަކާއި ޓެކްސީވޭއެއް އޮވެ އެވެ. މީގެ އިތުރުން ޓާމިނަލް ކުރިމަތީގެ މަގުތައް ހަދައި 9،473 އަކަމީޓަރުގެ ޕާކިން އޭރިއާއަކާއި 1،718 އަކަމީޓަރުގެ ފަޔާ އެކްސެސް މަގެއްގެ އިތުރުން 720 މީޓަރުގެ އެއާޕޯޓް ސެކިއުރިޓީ އަދި ބީޗް ފެންސެއް ވެސް މި މަޝްރޫއުގެ ދަށުން ހަދާފައި ވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް