މުޅި ދެކުނު އޭޝިއާ ސަރަހައްދަށް ބަލާއިރުވެސް ފުޓްސަލް ގެެ ފޯރި އެންމެ ގަދައީ ރާއްޖޭގައޭ ބުނުމަކުން ދޮގަކަށް ނުވާނެ އެވެ. ރާއްޖޭގައި ފަހަކަށް އައިސް ކުޅޭ ކުޅިވަރުތަކަށް ބަލާއިރު، އެންމެ ބޮޑު އާމްދަނީއެއް ލިބޭ ކުޅިވަރަކީ ކިވެސް ފުޓްސަލް އޭ ބުނެވިދާނެއެވެ. ރާއްޖޭގެ ކޮންމެ އަތޮޅަކަށް ނަޒަރު ހިންގާލިނަމަވެސް ޒަމާނީ ފެންވަރުގެ ފުޓްސަލް ދަނޑެއް ނެތް ރަށެއް މަދުވާނެއެވެ. މަހަކު އެތަށް ފުޓްސަލް މުބާރާތެއް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބާއްވަމުން ދެއެވެ. އަގު ބޮޑެތި އިނާމުތަށް ލިބޭ ފެންވަރު ރަނގަޅު މުބާރާތްތަކެވެ. ރާއްޖޭގައި މިހާރު ނިސްބަތުން ގިނައީ ފުޓްސަލް ކުޅޭ ޒުވާނުންނެވެ.
ކަން މިހެން އޮތް ނަމަވެސް އުފެދޭ ސުވާލަކީ ރާއްޖޭގައި ފެންވަރު ރަނގަޅު ބައިނަލްއަޤުވާމީ ފެންވަރުގެ އެތަކެއް ފުޓްސަލް ކުޅުންތެރިންތަކެއް ތިބިއިރު، ފުޓްސަލްގައި ރާއްޖޭގެ ކުރިމަގު އޮތީ ކިހިނެއްތޯ އެވެ. އަދި ފުޓްސަލް އިން ރާއްޖެ އަށް ހާސިލްކުރެވޭނެ ކާމިޔާބީތަކަކީ ކޮބައޮތޯއެވެ.
ރާއްޖޭގައި ފުޓްސަލް ކުޅޭ ފެންވަރު ރަނގަޅު ގިނަ ކުޅުންތެރިން ތިބުމާ އެކު އަދި ފެންވަރު ރަނގަޅު ގިން ޒުވާން ކުދިން ތަކެއް އުފެދެމުން އަންނައިރު، މީގެ ކުރިން ރާއްޖޭގެ ފުޓްބޯޅައިގެ މައި އިދާރާ އެފްއޭއެމުން ވަނީ 2016 ވަނަ އަހަރު ރާއްޖޭގައި ރަސްމީ ސިފައެއްގައި ފުޓްސަލް ކުރިއަރުވަން މަސައްކަތް ފަށާނެ ކަމަށް ބުނެފައެވެ.
އެގޮތުން 2016 ވަނަ އަހަރު ޖެނުއަރީ މަހު ފީފާ ރެފްރީންނަށް ބެޖު ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެފްއޭއެމްގެ އޭރުގެ ޖެނެރަލް ޖެނެރަލް ސެކްރެޓަރީ އަދި މިހާރުގެ އެފްއޭއެމްގެ ރައީސް ބައްސާމު އަދީލް ޖަލީލު އޭރު ވިދާޅުވެފައިވަނީ އެ އަހަރު ތެރޭގައި ފުރަތަމަ ޑިވިޝަންގެ އަށް ކްލަބަށް ހުޅުވާލައިގެން އަންހެން އަދި ފިރިހެން ފުޓްސަލް ލީގެއް ބާއްވާނެ ކަމަށެވެ. ނަމަވެސް މިއަދާއި ހަމައަށް ވެސް އެ މަންޒަރު ފެނިގެން ނުދިޔައެވެ. އެފްއޭއެމުން އޭރު އެ ވިދާޅުވި ގޮތަށް މަސައްކަތް ކުރިނަމަ ސަރަހައްދުގެ އިތުރުން ދުނިޔޭގެ ފެންވަރުގައިވެސް ފުޓްސަލް އިން ބޮޑެތި ކާމިޔާބީތަކެއް ހޯދޭނެ ފެންވަރުގެ ކުޅުންތެރިންގެ ކިބައިގައި ހުރީސްކަން ޔަގީނެވެ.
އޭރު ފުޓްބޯޅަ ދަނޑުތަކުން ފެނުނު ގިނަ ކުޅުންތެރިން މިހާރު ފެންމުން ދަނީ ފުޓްސަލް ދަނޑުތަކުންނެވެ. އަދި އޭރުވެސް މިހާރުވެސް ރާއްޖޭގެ ފުރަތަމަ ޑިވިޝަންގައި ކުޅޭ ގިނަ ކުޅުންތެރިންނަކީ ފުޓްސަލް ކުޅޭ ކުޅުންތެރިންނެވެ. އެ ކުޅުންތެރިން ފުޓްސަލް ކުޅެނީ ފުޓްބޯޅައަށް ވުރެ ބޮޑު އާމްދަނީއެއް ފުޓްސަލް އިން ލިބޭތީ ކަމަށް ބެލެވެއެވެ. ހަގީގަތަކީ ވެސް އެއީ އެވެ. ރާއްޖޭގައި އެއްއިރެއްގައި ފުޓްބޯޅައިގެ ފޯރި އޮތްނަމަވެސް މިހާރު ފުޓްބޯޅައިގެ އަލި ވަނީ ފަނޑުވެފައެވެ. އޭގެ އެންމެ ބޮޑުު އެއް ހެއްކެއްގެ ގޮތުގައި ފާހަގަ ކޮށްލެވެނީ އެފްއޭއެމުން ބާއްވަމުން އައި އަތޮޅު ފުޓްބޯޅަ މުބާރާތެވެ. މި މުބާރާތަކީ އެންމެ ފޯރިގަދަ ގިނަ ބަޔަކު އެކަމަށް ޝައުގުވެރިވި މުބާރާތެކެވެ. ނަމަވެސް އެ މުބާރާތްވެސް މިވަނީ ހުއްޓުމަކަށް އައިސްފައެވެ. އެ މުބާރާތް މިހާރު ކުރިޔަކަށް ނުދެއެވެ.
ހަގީގަތަށް ބަލާއިރު، އެއް ކުޅިވަރެއް ކުޅުމަށް މި ވަގުތު ރާއްޖޭގައި އެންމެ ގިނަ ވަސީލަތްތައް ލިބިފައިވާ ކުޅިވަރަކީ ފުޓްސަލް އެވެ. ސަރުކާރުގެ ކުޅިވަރު މެނިފެސްޓޯގައި ބުނާ ސްޕޯޓްސް އެރީނާގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތުގެ ތެރެއިން ރާއްޖެ ތެރޭގެ ގިނަ ރަށްތަކުގައި ވަނީ ފުޓްސަލް ދަނޑުތައް އަޅައިފަ އެވެ. މި ދަނޑުތަކުގެ ބޭނުން ގިނަ ޒުވާނުން ކުރަމުން އަންނައިރު، ރަށު ފެންވަރުގައި އެކި ނަން ނަމުގައި އަންނަނީ އަގު ބޮޑެތި ފުޓްސަލް މުބާރާތްތައް ބާއްވަމުންނެވެ.
އެހެން ކަމުން އެފްއޭއެމުން ރާއްޖޭގައި ފުޓްސަލް ތަރައްގީ ކުރުމަށް ގިނަ މަސައްކަތް ތަކެއް ކުރަން ޖެހެއެވެ. އަދި އެ މަސައްކަތް ކުރާއިރު އެންމެ އިސްކަމެއް ދޭން ޖެހޭ އެއް ކަމަކީ ބައިނަލްއަގްވާމީ ފެންވަރުގައި ފުޓްސަލް އިން ކާމިޔާބު ހާސިލް ކުރުމަށް ޕްލޭނަކާ އެކު މަސައްކަތް ކުރުމެވެ.
ހަގީގަތުގައި ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ބެލިޔަސް އެކި ފެންވަރުގެ ހުނަރުވެރި ފުޓްސަލް ކުޅުންތެރިން ރާއްޖޭގައި އެބަތިއްބެވެ. ނަމަވެސް މި ކުޅުންތެރިންނަށް ގައުމީ ފެންވަރުގައި މިކަން ކުރުމުގެ ފުރުސަތެއް ރާއްޖެއަކުނެތެވެ. އެހެން ކަމުން ރާއްޖޭގެ ފުޓްސަލް ކުޅުންތެރިންގެ އެންމެ ބޮޑު ކަންބޮޑުވުމަކަށް ވެސް މިކަން ވެއެވެ. އެ ކުޅުންތެރިން ބޭނުންވާ ލަނޑުދަޑިތަށް ހާސިލް ކުރުމަށް ރާއްޖޭގެ ފުޓްބޯޅައިގެ މައިއިދާރާ އެފްއޭއެމްއިން މަސައްކަތް ކުރަން ޖެހެއެވެ.
އެހެން ނަމަވެސް ރަސްމީ ފެންވަރެއްގައި ފުޓްސަލް ތަރައްގީ ކުރުމަށް މާބޮޑު މަސައްކަތްތަކެއް ރާއްޖޭގައި ކުރެވިފައިނުވުމުން މިހާތަނަށް ފުޓްސަލް އިން ކުރިމަގެއް ހޯދިފައިނުވެ އެވެ.
އެހެން ނަމަވެސް ރާއްޖޭގެ މުސްތަގުބަލަށް ވިސްނައިގެން ރަނގަޅު ރޭވުންތަކަކާ އެކީ، ފުޓްސަލް ކޮޅަށް ޖަހަން މަސައްކަތް ކޮށްފި ނަމަ، ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖެ ކުޅުންތެރިން އަށް ރަނގަޅު ކާމިޔާބީތަކެއް ލިބުމަކީ ދުރުކަމެއް ނޫނެވެ. ފުޓްސަލްގެ މައިދާނުގައި މޮޅެތި އެތައް ކުޅުންތެރިންތަކެއް ރާއްޖޭގައި އެބަތިއްބެވެ. ބައިނަލްއަގުވާމީ ފެންވަރުގައި ކުޅެވޭނެ ހުނަރުވެރި ކުޅުންތެރިން އެބަތިއްބެވެ.
މިއީ ރާއްޖޭގައި ބާއްވާ ފުޓްސަލް މުބާރާތްތައް ބަލާ މީހަކަށް ފެންނަން ހުންނާނެ ހަޤީތަކެވެ. ކަންމިހެން އޮތްއިރު، ފުޓްސަލް ކުޅުންތެރިންނަށް ރަސްމީ ސިފައެއްގައި އެ ކުޅުންތެރިންގެ ހުނަރު ދައްކާލުމުގެ ފުރުޞަތު ތަނަވަސް ކޮށްދިނުމަކީ އެފްއޭއެމްގެ ޒިންމާއެއް ކަމުގައި ދެކެމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް