ބަންގާޅު ކަނޑުގައި މިހާރު އުފެދިފައިވާ ކޮޅިގަނޑު މާދަމާ ތޫފާނަކަށް ބަދަލުވާނެ ކަމުގައި ރީޖަނަލް ސްޕެޝަލައިޒްޑް މީޓިއޯރޮލޮޖިކަލް ސެންޓަރ (އާރުއެސްއެމްސީ) އިން ބުނެފިއެވެ.
އެ ސެންޓަރުން ހާމަކޮށްފައިވާގޮތުގައި މި ކޮޅިގަނޑުގެ މިސްރާބު ހުރީ އިންޑިއާގެ ޓަމިލް ނާޑުގެ ޕޮންޑިޗަރީ އަދި ޗެންނާއީ އާއި ދިމާއަށެވެ. މި ކޮޅިގަނޑު ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި ތޫފާނަކަށް ބަދަލުވާނެއެވެ.
އެއަށްފަހު މިސްރާބަށް ކުޑަ ބަދަލެއް އައި ނަމަވެސް ޕޮންޑިޗަރީ އާއި ހަމައަށް މިމަހުގެ 25 ވަނަ ދުވަހު ތޫފާނު ފޯރާނެކަމަށްވެސް އަންދާޒާކޮށްފައިވެ އެވެ.
މި ކޮޅިގަނޑު ތޫފާނަކަށް ބަދަލުވާނެ ކަމުގައި ބެލެވޭއިރު، ސޯމާލިއާ ކައިރިން އުފެދި ބާރުގަދަ ތޫފާނަކަށް ބަދަލުވެފައިވާ ތޫފާން "ގަޓީ" ގެ ބާރު އަންނަނީ ދަށްވަމުންނެވެ. އެގޮތުން މާދަމާ މި ތޫފާނުގެ ބާރު ސައިކްލޯނިކް ސްޓޯމަކުން ލޯ ޕްރެޝަރު އޭރިއާއަކަށް ބަދަލުވާނެ ކަމުގައި އަންދާޒާކޮށްފައިވެއެވެ.
މާދަމާ ތޫފާނަކަށް ބަދަލުވާނެކަމަށް އަންދާޒާކުރާ ތޫފާނުގެ މިސްރާބު ހުރީ ބަންގާޅު ކަނޑުން އިންޑިއާ އާއި ދިމާއަށެވެ. ރާއްޖެއަށް މާ ބޮޑު އަސަރެއް ކުރާނެ ކަމަކަށް ނުބެލެވެއެވެ. އެފަދަ އިޝާރާތެއް ރާއްޖޭގެ މެޓް އޮފީހުންވެސް ކޮށްފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް