އިދިކޮޅު ޕީޕީއެމް/ ޕީއެންސީ ކޯލިޝަނުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲގެ އިތުބާރުނެތްކަމުގެ ވޯޓު ނަގަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ ވަކި މަގުސަދެއްގައި ކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މިހެން ވިދާޅުވީ މި މައްސަލައިގަ މަޖިލީހުގައި މިއަދު ޖަވާބުދާރީ ވެވަޑައިގެންނެވަމުންނެވެ. އިމްރާން ވިދާޅުވީ އިދިކޮޅުން އޭނާ އާއި ދެކޮޅަށް އިތުބާރުނެތްކަމަށް ހުށަހެޅީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ހިޔާނާތުގެ މައްސަލަ ބެލުން ހުއްޓުވުމަށް ކަމަށެވެ.
އިމްރާން ވިދާޅުވީ އިދިކޮޅުން އެ މައްސަލަ ބެލުން ހުއްޓުވުމަށް ކިތަންމެ ވަރަށް މަސައްކަތް ކުރިޔަސް ދޫނުދެއްވާނެ ކަމަށެވެ. އަނިޔާވެރިވެރިކަމެއްގެ ހިޔަނީގައި އަބަދުވެސް ބާރާއި ނުފޫޒާއި މުއްސަނދިކަން ލިބިގަންނަ ބަޔަކު ތިބޭނެ ކަމަށާއި އެފަދަ ވެރިކަމެއް ނެތިގެންދާއިރު އެވެރިކަމުގެ ފަސްބައިގައި އެލިގެން ތިބޭ ބަޔަކު އަދުލު އިންސާފަށް ހުރަސް އަޅައި، ގެއްލޭ ވެރިކަން އިއާދަކޮށް ގޮށްމުށުގެ ބާރު ހިންގަން އުޅޭކަން ތާރީހުން ހެކިދޭ ކަމަށް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ އެ މަގާމު ރައީސް ސޯލިހު އޭނާ އާއި ހަވާލު ކުރައްވާފައިވަނީ ޒަމާނީ އަދި ތަހުޒީބު މުޖުތަމައެއް ބިނާކުރުމަށާއި އަމާންކަން ގާއިމްކުރަން ކަމަށެވެ. އެހެން ކަމުން ބަޔަކު ފިއްތުންތައް ކުރިމަތި ކުރިޔަސް ޖަލު ބަންދުގައި ހުރި މީހަކު ނެރެދޭ މޭސްތިރިއަކަށް ވެވަޑައި ނުގެންނަވާނެ ކަމަށް އިމްރާން ވިދާޅުވި އެވެ.
އިމްރާންގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގަން މަޖިލީހަށް ހުށަހެޅީ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް އެވެ. އޭނާ އެ މައްސަލަ ހުށަހެޅުއްވީ 14 މެމްބަރުންގެ ސޮޔާއި އެކު އެވެ.
މި މައްސަލަ އިދިކޮޅުން ބޭނުންވާ ގޮތަށް ނިމޭނެ ކަމަކަށް ނުބެލެވެ އެވެ. އެއީ މަޖިލީހުގެ ސުޕާ މެޖޯރިޓީ އޮންނަ އެމްޑީޕީ ޕީޖީ ގްރޫޕުން ވަނީ މިނިސްޓަރު އިމްރާނަށް އިތުބާރު އެބައޮތް ކަމަށް ކަނޑައަޅާފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް