ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ކޮމިއުނިޓީ ފަންޑުން އއ. އަތޮޅު ތައުލީމީ މަރުކަޒުގެ ލައިބްރަރީ ތަރައްގީކޮށްދީފި އެވެ.
އެތަން ތަރައްގީ ކުރުމަށް ކޮމިއުނިޓީ ފަންޑު ހޯދަން ބީއެމްއެލްއަށް ހުށަހަޅައި އެ ޕްރޮޕޯސަލް ކާމިޔާބު ކުރީ އިސްމާޢިލް ޝިމާއު އެވެ. މި ޕްރޮޖެކްޓުން ލައިބްރައީއަށް ބޭނުންވާ އިތުރު ފޮތާއި ފޮތް ހަރުގަނޑުގެ އިތުރުން ފަރުނީޗަރު ހޯދާފައިވެ އެވެ.
ބީއެމްއެލްއިން ބުނީ ކޮމިއުނިޓީ ފަންޑުގެ އެހީގައި 500 ފޮތް އެ ލައިބްރަރީއަށް ހޯދައި ދިނުމުން މިިހާރު ލައިބްރަރީގައި ހުރި ފޮތުގެ އަދަދު 1،000 އަށްވުރެ އިތުރުވެފައިވާ ކަމަށެވެ.
މި މަސައްކަތާއި ގުޅޭގޮތުން ޝިމާއު ވިދާޅުވީ ސްކޫލްގެ ހާލަތަށް ބަލާލާއިރު ކުދިން ބޭނުން ކުރަން ހުރި ލައިބްރަރީގެ ގިނަ ފޮތްތައް ހުރީ ބާވެފައި ކަމަށާއި ލައިބްރަރީގެ ޖާގަ ބޮޑު ނަމަވެސް އެކަށީގެންވާ ވަރަށް ފަރުނީޗަރު ނެތް ކަމަށެވެ. އޭނާ ވިދާޅުވީ އއ. އަތޮޅު ތައުލީމީ މަރުކަޒުގެ ލައިބްރަރީއަށް ކޮމިނިއުޓީ ފަންޑުގެ ދަށުން އިތުރު ފުރިހަމަ ކަމެއް ގެނެސްދީފައިވާ ކަމަށެވެ.
ބީއެމްއެލްގެ މެނޭޖާ ޕްބިލް ރިލޭޝަންސް މުޙައްމަދު ސަޢީދު ވިދާޅުވީ ކޮމިއުނިޓީ ފަންޑުގެ ދަށުން ހޮވޭ ޕްރޮޖެކްޓްތަކުގެ ތެރެއިން ތައުލީމީ ދާއިރާ އަކީ އެހީފޯރުކޮށްދިނުމުގައި އެންމެ އިސްކަންދޭ އެއް ދާއިރާ ކަމަށެވެ. ސައީދު ވިދާޅުވީ މި ޕްރޮޖެކްޓުގެ ދަށުން އއ. އަތޮޅު ތަޢުލީމީ މަރުކަޒުގެ އެލްކޭޖީ އިން ފެށިގެން ގްރޭޑް 10 ގައި ކިޔަވަމުންދާ ދަރިވަރުންން ބޭނުންކުރާނެ ފޮތް ހޯދައިދެވިފަ ކަމަށާއި އުއްމީދަކީ މިއީ ދެމެހެއްޓެނެވި ގޮތެއްގައި މުޖުތަމައަށް ފައިދާކުރާނެ ޕްރޮޖެކްޓަކަށްވެގެން ދިޔުން ކަމަށެވެ.
އއ. އަތޮޅު ތައުލީމީ މަރުކަޒުގައި 235 ކުދިން ތައުލީމް ހާސިލް ކުރަމުންދެ އެވެ.
ފަންޑުގެ ދަށުން މިއަހަރުގެ މިހާތަނަށް 10 ޕްރޮޖެކްޓެއް ހިންގުމަށް މާލީ އެހީތެރިކަން ދީފައިވެއެވެ. މިހާރު ހުށަހެޅިފައިވާ ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ ރަނގަޅު 10 ޕްރޮޕޯސަލް ހޮވައި ކޮންމެ ޕްރޮޕޯސަލްއެއްގައި ހިމެނޭ ހަރަކާތް ހިންގުމަށްޓަކައި 50,000 ރުފިޔާ ދިނުމަށް ހަމަޖެހިފައިވާކަމަށް ބީއެމްއެލްއިން ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް