ޢުމްރާވެރިން ބަލައިގަންނަން ޖިއްދާ ޙައްޖު ޓަރމިނަލް ތައްޔާރު ކުރަން ފަށައިފި

ގާތްގަނޑަކަށް 8 މަހެއްހާ ދުވަހުގެ މެދުކެނޑުމަކަށް ފަހު، ބިދޭސީ ޢުމްރާވެރިން ބަލައިގަތުމަށް، ސައުދީ އަރަބިއްޔާގެ ކިންގް ޢަބްދުލްޢަޒީޒު އިންޓަނޭޝަނަލް އެއަރޕޯޓްގެ ޙައްޖު އެންޑް ޢުމްރާ ޓާމިނަލް ތައްޔާރު ...

23 Oct 2020 | 15:16

ގާތްގަނޑަކަށް 8 މަހެއްހާ ދުވަހުގެ މެދުކެނޑުމަކަށް ފަހު، ބިދޭސީ ޢުމްރާވެރިން ބަލައިގަތުމަށް، ސައުދީ އަރަބިއްޔާގެ ކިންގް ޢަބްދުލްޢަޒީޒު އިންޓަނޭޝަނަލް އެއަރޕޯޓްގެ ޙައްޖު އެންޑް ޢުމްރާ ޓާމިނަލް ތައްޔާރު ކުރުމުގެ މަސައްކަތް ފަށައިފި އެވެ.

ކޯވިޑް-19ގެ ބަލިމަޑުކަން ފެތުރުން ކޮންޓްރޯލް ކުރުމަށް ޢުމްރާގެ އަޅުކަން މެދުކަނޑާލާފައި އޮތުމަށްފަހު، އެކި މަރުހަލާތަކަށް ބަހާލައިގެން އައު އާންމު ހާލަތަށް ރުޖޫއަ ވުމުގެ މަސައްކަތް ފަށާފައިވާއިރު، ކުރިއަށް އޮތީ ބިދޭސީ ޢުމްރާވެރިންނަށް ގައުމު ހުޅުވާލުމުގެ މަރުހަލާ އެވެ.

ކިންގް ޢަބްދުލްޢަޒީޒު އިންޓަނޭޝަނަލް އެއަރޕޯޓްގެ ޙައްޖު އެންޑް ޢުމްރާ ލޯންޖުތައް އޮޕަރޭޓް ކުރާ ކުންފުނީގެ ސީއީއޯ އަދުނާން އަލް-ސައްގާފު ވިދާޅުވީ، ކޯވިޑް-19ގެ ބަލިމަޑުކަން ފެތުރިގެން ދިއުން ކޮންޓްރޯލް ކުރުމަށް ކަނޑައަޅާފައިވާ ޕްރޮޓޮކޯލްއާއި އެއްގޮތަށް ކަންކަން ކަށަވަރު ކުރުމަށްޓަކައި، ރައްކާތެރި ކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެއާޕޯޓްގައި އަޅާފައި ވާ ކަމަށެވެ.

ފަސެންޖަރުންގެ މެދުގައި ގައިދުރުކަން ދެމެހެއްޓުމުގެ އިންތިޒާމު ހަމަޖެހިފައި ވާނެ ކަމަށާއި ޓަރމިނަލްތަކާ ކައުންޓަރުތަކުގައިވެސް މިކަން އޮންނާނެ ކަމަށް އަލް-ސައްގާފު ވިދާޅުވި އެވެ. އަދި ލުއި ދިނުމުގެ 3 ވަނަ މަރުހަލާގެ ތެރެއިން ބިދޭސީ ޢުމްރާވެރިންނަށް ފުރުސަތު ހުޅުވާލި ނަމަވެސް، ފުރަތަމަ ބެޗުގައި މާ ގިނަ އަދަދެއްގެ ބަޔަކު ޒިޔާރަތް ނުކުރާނެ ކަމަށްވެސް އަލް-ސައްގާފު ވިދާޅުވި އެވެ.

ޢުމްރާވެރިންގެ އަދަދު އިތުރު ކުރުންވެސް ވަނީ މަރުހަލާތަކަކަށް ބަހާލެވިފައި ކަން އޭނާ ފާހަގަކުރެއްވި އެވެ.

އަލް-ސައްގާފު ވިދާޅުވީ އެތެރެވާ ޢުމްރާވެރިންނާ، ބޭރުވާ ޢުމްރާ ވެރިންވެސް އުޅޭނީ ވަކިން ކަމަށާއި އަންނަ ހަފުތާއިން ފެށިގެން މި ފެސިލިޓީތައް ބޭނުން ކުރަން ފެށޭވަރު ވާނެ ކަމަށެވެ.

ހަރުކަށި ފިޔަވަޅުތަކަށް ލުއި ދިނުމުގެ މަރުހަލާގެ ތެރެއިން ބިދޭސީ ޢުމްރާވެރިންނަށް ސައުދީއަށް ވަދެވޭނީ އަންނަ ނޮވެމްބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެން ނެވެ. 3 ވަނަ މަރުހަލާގެ ދަށުން ނޮވެމްބަރު 1 ވަނަ ދުވަހު ބިދޭސީ ޢުމްރާވެރިންނަށް ގައުމު ހުޅުވާލާއިރު، މައްކާ ޙަރަމްގެ 20 ޕަސެންޓް ކެޕޭސިޓީއަށް، ޑޮމެސްޓިކް އަދި ބޭރުގެ ޢުމްރާވެރިންނަށް ފުރުސަތު ދެވޭނެ ކަމަށް މައުލޫމާތު ލިބެ އެވެ.

ބިދޭސީ ޢުމްރާވެރިން ބަލައިގަތުމަށް ޙައްޖު އެންޑް ޢުމްރާ މިނިސްޓްރީއިން ވާންޖެހޭ ހުރިހާ ތައްޔާރީއެއް ވެފައި ވާ ކަމަށާއި ބިދޭސީ ޢުމްރާވެރިންގެ ކަންކަން ހަމަޖެއްސުމުގައި 700 ކުންފުންޏަކުން ހަރަކާތްތެރިވާނެ ކަމަށް ސައުދީން ވަނީ ބުނެފަ އެވެ.

ލުއި ދިނުމުގެ 2 ވަނަ މަރުހަލާ، މިމަހުގެ 18 ވަނަ ދުވަހު ތަންފީޒު ކުރަން ފެށި ފަހުން އެއްލައްކަ ވިހިހާސް މީހުން ޢުމްރާވެފައި ވާއިރު، ސާޅީސް ފަސްހާސް މީހުން ވަނީ މަސްޖިދު އަލް-ޙަރަމްގައި އަޅުކަން ކޮށްފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް