ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ވިއްކާލުމަކީ ރެއާލް މެޑްރިޑުން ހެދި އެންމެ ބޮޑު ގޯސް ކަމަށް ރެއާލް މެޑްރިޑް ގެ ކުރީގެ ރައީސް ރަމޮން ކަލްޑެރޮން ބުނެފިއެވެ.
ފަހަކަށް އައިސް ރެއާލް މެޑްރިޑްގެ ފަރާތުން ދައްކުޅުމެއް ފެންނަމުން ދާއިރު، އެންމެ ފަހުން ޔޫއެފާ ޗެމްޕިއަނސް ލީގުގެ ގްރޫޕް ސްޓޭޖުގައި ތުރުކީގެ ޗަޚްތާ ޑޮނެސްކް އަތުން އަމިއްލަ ދަނޑުގައި ވަނީ 2-3 އިން ބަލިވެފައެވެ.
މިކަމާއި ގުޅިގެން ވަރަށް ބޮޑަށް ހިއްހަމަ ނުޖެހުން ފައުޅުކޮށް ރެއާލް މެޑްރިޑްގެ ކުރީގެ ރައީސް ކަލްޑެރޮން ބުނީ ސްޕެއިންގެ ޖަޔަންޓް ރެއާލް މެޑްރިޑް އެކުލަބުގެ ތާރީޚުގައި ވެސް ހެދި އެންމެ ބޮޑު ގޯހަކީ ކްރިސްޓިއާނޯ ރޮނާލްޑޯ ވިއްކާލުން ކަމަށާއި އެކަމަށް ރެއާލް މެޑްރިޑްގެ މިހާރުގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް ފުރިހަމައަށް ޒިންމާ ނަގަން ޖެހޭނެކަމަށެވެ.
ކަލްޑެރޮން ބުނީ ރެއާލް މެޑްރިޑްގެ މުޅި ތާރީހުގައިވެސް ރޮނާލްޑޯ ފެންވަރުގެ ކުޅުންތެރިއެއް މިހާތަނަށް ދެކެފައި ނުވާކަމަށާއި އެގޮތުން ރެއާލްއަށް ފަހުގެ ތާރީޚުގައި ހޯދިފައިވާ ބޮޑެތި ކާމިޔާބީތަކުގެ އެންމެ ބޮޑު އެއް ހިއްސާދާރަކީ ވެސް ރޮނާލްޑޯ ކަމުގައެވެ.
އެންމެ ފަހުން ޗެމްޕިއަންސް ލީގުގައި ޝަޚްތާ އާއި ދެކޮލަށް އަމިއްލަ ދަނޑުގައި ކުޅެ ބަލިވި މެޗަށް އަލި އަޅުވާ ލަމުން ކަލްޑެރޮން ބުނީ ރެއާލް މެޑްރިޑުން ރޮނާލްޑޯ ވިއްކާލި ފަހުން އެދެވޭ ރަނގަޅު ނަތީޖާތަކެއް ނެރެވެމުން ނުދާކަމަށާއި އެގޮތަށް މިހާރު ރެއާލް މެޑްރިޑުން އެދަނީ އެކަމުގެ ހިތިރަހަ ބަލަމުންކަމަށެވެ.
ކަލްޑެރޮން ބުނީ ރެއާލް މެޑްރިޑް ދޫކޮށް އިޓަލީގެ ޔުވެންޓަސް އަށް ބަދަލުވުމަށް ފަހު ވެސް ރޮނާލްޑޯގެ ފަރާތުން ފެންނަމުން ދަނީ ތަފާތު މޮޅު ކުޅުމެއް ކަމަށާއި އެކން މިހާރުވެސް އޭނާ ސާބިތުކޮށްދީފައިވާ ކަމަށެވެ. އަދި ރޮނާލްޑޯ ކަހަލަ ކުޅުންތެރިޔަކު ދެން ރެއާލް މެޑްރިޑަށް ނާންނާނެ ކަމަށް ވެސް އޭނާ ބުނެފައިވެއެވެ.
ރޮނާލްޑޯ ރެއާލް މެޑްރިޑް ދޫކޮށް އިޓަލީ ގެ ޔުވެންޓަސް އަށް ބަދަލުވީ 2018 ވަނަ އަހަރު 88 މިލިއަންޕައުންޑުގެއަގަކަށެވެ. ރެއާލް މެޑްރިޑްގައި 10 އަހަރު ހޭދަކުރުމަށްފަހު އުމުރުން 35 އަހަރުގައި ޔުވެންޓަސް އަށް ރޮނާލްޑޯ ބަދަލުވީ އެ ކްލަބުގެ ތާރީހުގައި އެންމެ އަގުބޮޑު ކުޅުންތެރިޔާގެ ގޮތުގައެވެ.
އިނގިރޭސިވިލާތުގެ މެންޗެސްޓަރ ޔުނައިޓެޑް ދޫކޮށް ރޮނާލްޑޯ ރެއާލް މެޑްރިޑަށް ބަދަލުވީ އޭރު އެންމެ އަގުބޮޑު ކުޅުންތެރިޔާގެ ގޮތުގައި 2009 ވަނަ އަހަރު އެވެ. 80 މިލިއަން ޕައުންޑަށް ރެއާލް އަށް ބަދަލުވެ ހޭދަކުރި 10 އަހަރު އޭނާވަނީ 451 ލަނޑު އެ ކްލަބަށް ކާމިޔާބު ކޮށްދީފައެވެ. ރޮނާލްޑޯ އަކީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާ އެވެ. މީގެ އިތުރުން އެޓީމަށް ޖެހިޖެހި ތިން ފަހަރު ޗެމްޕިއަންސް ލީގުގެ ތަށި ހޯދައިދިނުމުގައިވެސް ރޮނާލްޑޯ ވަނީ މުހިއްމު ދައުރެއް އަދާކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް