މިމަހުގެ 28 ވާ ބުދަ ދުވަހުގެ ރެއަކީ ފުޓްބޯޅަ އަށް ލޯބިކުރާ ގިނަ ބަޔަކު ކެއްތެރިކަމެއް ނެތި އިންތާޒރުކުރަމުން އަންނަ ބޮޑު ރެއަކަށް ވެގެންދާނެކަމީ ޝައްކެއްވެސް ނެއްކަމެވެ. އެރޭ ބޮޑު ރެއަކަށް ވެގެން ދާ އެންމެ ބޮޑު އެއް ސަބަބަކީ ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި ލިއޮނެލް މެސީގެ ބާސެލޯނާ އަދި ކްރިސްޓިއާނޯ ރޮނާލްޑޯގެ ޔުވެންޓަސްގެ ކުރިމަތިލުމުގެ ރެއަށް ވާތީއެވެ.
މިރެއަށް ދުނިޔޭގެ ފުޓްބޯޅައަށް ލޯބިކުރާ ގިނަ ބަޔަކު އިންތިޒާރު ކުރަމުން އައިނަމަވެސް ގިނަ ސަޕޯޓަރުންގެ ހިތް ކުދިކުދި ކޮށްލާފަދަ އަދި އެ ސަޕޯޓަރުން އަޑުއަހަން ބޭނުން ނުވާ ވާހަކަތަކެއް މިހާރު ވަނީ ދުނިޔޭގެ ބޮޑެތި މީޑިއާތަުގެ ފަލަ ސުރުޚީތަކަށް ތިލަވެފައެވެ. އެ ޚަބަރަކީ ކްރިސްޓިއާނޯ ރޮނާލްޑޯ ކޮވިޑް-19 އަށް ފައްސިވެ މެސީގެ ބާސެލޯނާއާއި ދެކޮޅަށް ނުކުޅެވޭނެ ކަމުގެ ހިތްދަތި ޚަބަރެވެ.
މި ޚަބަރާއި އެކު ރޮނާލްޑޯ އާއި މެސީގެ ސަޕޯޓަރުން އަންނަނީ ހިތާމައިގެ ގިނަ މެސެޖުތަކެއް ސޯޝަލް މީޑީއާގައި ތިލަކުރަމުންނެވެ. ބައެއް ސަޕޯޓަރުން ސޯޝަލް މީޑިއާގައި ކޮށްފައިވާ ޕޯސްޓުތަކަށް ނަޒަރު ހިންގާލާއިރު، ގަރުނުގެ ބޮޑު ކުރިމަތިލުމުގައި ރޮނާލްޑޯ ފެނިގެން ނުދިއުމަކީ ރޮނާލްޑޯގެ ވެސް އަދި މެސީގެ ވެސް ގިނަ ސަޕޯޓަރުން ހިތްދަތިވާނެ ކަމެކެވެ. މެސީއާއި ދެކޮޅަށް ރޮނާލްޑޯ ކުޅެލާތަން ފެނިގެން ދިއުމަކީ މި ސަޕޯޓަރުންގެ އެންމެ ބޮޑު އުންމީދު ކަމަށެވެ.
ރޮނާލްޑޯ އާއި އެންމެ ވާދަވެރި ބާސެލޯނާ ކެޕްޓަން ލިއޮނެލް މެސީ ވެސް ބުނެފައިވާ ގޮތުން ރޮނާލްޑޯ ކޮވިޑް-19 އަށް ފައްސިވި ޚަބަރު އެހީ ފުން ހިތާމައާއި އެކުގައެވެ. އަދި ރޮނާލްޑޯއަށް އަވަސް ޝިފާއަކަށް އެދޭ ކަމަށް ވެސް މެސީ ބުނެފައިވެއެވެ. މެސީގެ ބުނެފައިވާ ގޮތުގައި އޭނާ އާއި ރޮނާލްޑޯ އަކީ މި މޮޑަން ފުޓްބޯޅަ ކުރިއެރުވުމަށް ގިނަ ޒުވާން ކުޅުންތެރިން ރޯލް މޮޑެލްއެއް ގޮތުގައި ދެކެމުން އަންނަ ދެ ކުޅުންތެރިންނެވެ. އެހެން ކަމުން ދެމީހުން އެކުގައި މެޗަކުން ފެނިލުމަކީ ވެސް މިއަދުގެ މި ދުނިޔޭގެ ފުޓްބޯޅައަށް ލިބިގެންދާނެ ބޮޑު އުފަލަކަށް ވެގެންދާނެއެވެ.
މެސީ ބުނެފައިވާ ގޮތުގައި ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި ވިޔަސް ރޮނާލްޑޯ އާއި ދެކޮޅަށް ކުޅެލަން ފުރުސަތު ލިބިގެން ދިއުމަކީ އޭނާގެ ހިތަށް ވަރަށް ބޮޑަށް އުފާވެރިކަން ގެނުވި ކަމެއް ކަމަށެވެ. އަދި އަންނަ ބުދަ ދުވަހުގެ ރޭ ޔުވެންޓަސްގެ ޓޫރިންގައި ކުޅޭ މެޗުގައި ރޮނާލްޑޯ އާއި ބައްދަލުވާނެ ކަމަށް ބޮޑު އުންމީދެއް ކުރާކަމަށްވެސް މެސީ ވަނީ ބުނެފައެވެ.
ކޮންމެއަކަށް ރޮނާލްޑޯއާއި ދެކޮޅަށް ކުޅެލުމަކީ މެސީގެ އެންމެ ބޮޑު އުންމީދެވެ. ނަމަވެސް ރޮނާލްޑޯ އެންމެ ފަހުން ނެގި ދެވަނަ ސާމަޕަލްއިން ވެސް ފައްސިވެ އިތުރު ދުވަސްތަކެއް ހޯމް އައިސޮލޭޝަންގައި ހޭދަކުރަން ޖެހިފައި ވުމީ މެސީއަށް ވެސް ލިބުނު ހިތާމައެއްކަމަށް އޭނާ ބުނެއެވެ. ދުނިޔޭގެ މީޑިއާ ރިޕޯޓް ތަށް ބުނާގޮތުން މިމަހުގެ 28 ވަނަ ދުވަހު ބާސާއާއި ދެކޮޅަށް ޔުވެންޓަސް ކުކޭ މެޗުގެ 24 ގަޑި ކުރިން ރޮނާލްޑޯގެ އިތުރު ޓެސްޓު ސާމްޕަލެއް ނަގާނެއެވެ. އަދި ބާސާއާއި ދެކޮޅަށް ރޮނާލްޑޯއަށް ކުޅެވޭތޯ ނުވަތަ ނޫންތޯ ނިންމާނީ މި ސާމަޕަލްއަށް ފަހުގައެވެ.
މެޗު ފެށެން 24 ގަޑި އިރަށް ކައިރިވުމުން ރޮނާލްޑޯގެ އިތުރު ސާމްޕަލްއެއް ނަގާ ޓެސްކުރުމަށް ނިންމާފައި ވާއިރު، އެ ސާމްޕަލް ނައްސިވެއްޖެ ނަމަ ބާސާ އާއި ދެކޮޅަށް ޔުވެންޓަސް ކުޅޭ މެޗުގައި ރޮނާލްޑޯ ކުޅޭނެއެވެ. ނަތީޖާ ފައްސި ވެއްޖެ ނަމަ އަނެއްކާވެސް ރޮނާލްޑޯ އަށް އިތުރު އިންތިޒާރެއް ކުރަންޖެހޭނެއެވެ. ކޮވިޑް-19 އަށް ފައްސިވުމާއި ގުޅިގެން
ރޮނާލްޑޯ ބުނިގޮތުގައި އޭނާ ކޮވިޑް-19 އަށް ފައްސިވިނަމަވެސް އޭގެ އެއްވެސް އަލާމާތެއް އޭނާގެ ކިބައިން ނުފެނެއެވެ. އެހެން ކަމުން އުންމީދު ކުރަނީ ބާސާއާއި ދެކޮޅަށް ޔުނެންޓަސް ކުޅޭ މެޗުގައި ކުޅެވޭނެ ކަމަށެވެ. ކޮންމެ އަކަށް ގިނަ ބައެއްގެ އެންމެ ބޮޑު އުންމީދަކަށް ވާނީ މެސީ އާއި ދެކޮޅަށް އެ މެޗުގައި ރޮނާލްޑޯ ފެނިގެން ދިއުމެވެ.
ރޮނާލްޑޯއަށް އެންމެ ފުރަތަމަ ކޮވިޑް-19 ޖެހިފައިވަނީ މިމަހުގެ 11 ވަނަ ދުވަހު ޔޫއެފާ ނޭޝަންސް ލީގުގައި ފްރާންސްއާއި ބައްދަލުކުރި މެޗަށް ފަހުގައެވެ. ކޮވިޑް-19 އަށް ޕޮސިޓިވް ވުމާއި ގުޅިގެން ރޮނާލްޑޯ ވަނީ ޕޯޗުގަލްގެ ގައުމީޓީމުން އެކަހެރި ކޮށްފައެވެ. ނޭޝަންސް ލީގުގައި ސްވިޑެންއާއި ދެކޮޅަށް ކުޅުނު މެޗުގައިވެސް ރޮނާލްޑޯ ކުޅެފައެއް ނުވެއެވެ.
ދެވަނަ ސާމްޕަލް ވެސް ޕޮސިޓިވް ވުމާއި ގުޅިގެން އިތުރު 14 ދުވަހު ހޯމް އައިސޮލޭޝަންގައި ރޮނާލްޑޯ މަޑުކުރަން ޖެހޭނެއެވެ.
ޔުވެންޓަސް އަދި ބާސާ ބައްދަލުކުރާ މެޗު އޮންނާނީ މިމަހުގެ 28 ވާ ބުދަ ދުވަހުގެރޭ ދަންވަރު ރާށްޖޭ ގަޑިން 12:00 ގައެވެ. މި މެޗު ކުޅޭނީ ޔުވެންޓަސްގެ ދަނޑުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް