ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށްފަހު އަލުން ހުޅުވާލިތާ ތިން މަސް ވެފައިވާއިރު، މިހާރުގެ ހާލަތާ ބަލައި ޓޫރިޒަމް ވަރަށް ބޮޑު ކުރި އެރުމެއް އައިސްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެ އެވެ.
ޓޫރިޒަމަށް އައި ކުރިއެރުމާ ގުޅިގެން ރޭ މިނިސްޓަރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މަޑުން މަޑުން ކަމަށް ވިޔަސް ރާއްޖޭގެ ޓޫރިޒަމް ދަނީ ކުރިއަރަމުން ކަމަށެވެ. އަދި ޓޫރިޒަމް ކުރި އެރުވުމުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި، އެ ބޭފުޅާގެ ޓީމުން ކުރަމުންދާ މަސައްކަތަށް މިނިސްޓަރު ވަނީ ޝުކުރު އަދާކޮށްފަ އެވެ.
"މަޑުމަޑުން ވިޔަސް ރާއްޖޭގެ ފަތުރުވެރިކަން މިދަނީ ކުރިއަރަމުން، ހާއްސަ ޝުކުރެއް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދަށާއި ހާރިޖިއްޔާގެ ޓީމަށް، އަދި ބޭރު ގައުމުތަކުގައި ހުންނަ ރާއްޖޭގެ މިޝަންތަކަށް. ޓޫރިޒަމް ކޮޅަށް ޖެހުމަށް ކުރާ މަސައްކަތަށް ދޭ އެއްބާރުލުމަށް ޝުކުރު އަދާކުރަން" މިނިސްޓަރު ވިދާޅުވި އެވެ.
މިމަހުގެ21 ގެ ނިޔަލަށް ބޯޑަރު ހުޅުވާލިތާ ތިން މަސްވެފައިވާއިރު އެ މުއްދަތުގައި ރާއްޖެ އައިސްފައިވަނީ 31،801 ޓޫރިސްޓުންނެވެ. މިނިސްޓަރު މީގެ ކުރިން ވިދާޅުވީ، އެ ބޭފުޅާގެ އަމާޒަކީ މިއަހަރު ނިމެންވާއިރަށް 500،000 ޓޫރިސްޓުން ރާއްޖެ ގެނައުން ކަމަށެވެ. މާޗު 27 ގައި ބޯޑަރު ބަންދު ކުރުމުގެ ކުރިން 382،760 ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި، ބޯޑަރު ހުޅުވާލިފަހުން މިވީ ތިން މަސް ތެރޭގައި އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ރަޝިޔާއިންނެވެ. ދެން އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވަނީ އަރަބި ގައުމުތަކުންނާއި އެމެރިކާއިންނެވެ.
މިއީ ޔޫރަޕަށް ފިނި މޫސުމަށް ކަމަށްވުމުން އަންނަ މަސް ތެރޭގައި ޔޫރަޕުން އަންނަ ޓޫރިސްޓުންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް