ކްލީކް ކޮލެޖަށް 20 އަހަރުފުރުން މިއަދު ފާހަގަ ކުރަމުންދާ އިރު، މިދުވަސް ފާހަގަކުރަން ބޭނުންވަނީ ރަށްރަށުގައި ތިބި ކިޔަވާ ކުދިންނާ އެކީ ކަމަށް އެ ކޮލެޖުގެ ޑީން، މަރިޔަމް ޝިފާނާ ވިދާޅުވެއްޖެ އެވެ.
އެ ކޮލެޖުގައި މަތީ ތަޢުލީމުގެ ޚިދުމަތް ދެމުން އަންނަތާ 20 އަހަރު ފުރުން ފާހަގަ ކުރުމަށް ނެރުނު ބަޔާނެއްގައި ޑީން ވިދާޅުވީ 20 އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން އެންމެ ފުރަމަވެސް ކްލީކް ކޮލެޖުން ބޭނުންވަނީ އެހީތެރިކަމަށް ބޭނުންވެފައިވާ ރަށްރަށުގެ ކޮމިއުނިޓީތަކަށް އެހީތެރިކަމެއް ފޯރުކޮށްދޭން ކަމަށެވެ.
" އެގޮތުން 20 ރަށެއްގެ 20 ދަރުވަރަކަށް ކްލީކް ކޮލެޖުގަ ކިޔެވުމުގެ ސްކޯލަރޝިޕް ފުރުސަތު ލިބިގެން ދާނެ. ކްލީކް ކޮލެޖުން މިދޭ 20 ސްކޯލަރޝިޕް ގެ ފުރުސަތުގެ ބޭނުން ދަރިވަރުން އެންމެ ހެޔޮގޮތުގައި ހިފާނެކަމަށް އުންމީދު ކުރަން. މި ސްކޯލަރޝިޕް ފުރުސަތުގެ ސަބަބުން ރަށްރަށުގައި ދިރިއުޅޭ އާއިލާތަކުގެ ދިރިއުޅުމަށް ހެޔޮބަދަލެއް މުސްތަޤްބަލުގައި އަންނާނެ ކަމަށް އުންމީދު ކުރަން." ޑީން، މަރިޔަމް ޝިފާނާ ވިދާޅުވި އެވެ.
ކްލީކް ކޮލެޖުގެ ޕްރެޒިޑެންޓް ޑރ. ނައުޝާދު މުހައްމަދު ވިދާޅުވީ 20 އަހަރު ދުވަހު ދިމާވި ޗެލެންޖު ތަކާއެކުވެސް މެދުކެނޑުމެއްނެތި ދެމުން އައި ޚިދުމަތާމެދު ވަރަށް ހިތްހަމަ ޖެހޭ ކަމަށެވެ. އަދި ކޮލެޖުގެ ދަރިވަރުން ކޮވިޑްގެ މިދަތި ދުވަސްތަކުގައި ކިޔެވުން މެދުކަނޑާނުލާ ހިތްވަރާއެކު މަސައްކަތް ކުރަމުންއަންނަ ކަމަށްޓަކައި އަދި ދަރިވަރުންނަށް ކޮލެޖަށް ކުރާ އިތުބާރަށް ޝުކުރުދަންނަވާ ކަމަށެވެ.
" ހަމަ އެއާއެކު ދަރިވަރުންގެ އެންމެހާ ކަންކަން ގާތުން ބަލާ އެހީތެރިވަމުންއަންނަ ކޮލެޖުގެ ހީވާގި މުއައްޒަފުންނާއި ލެކްޗަރާސްއަށް ޝުކުރު ދަންނަވަން. ކްލީކް ކޮލެޖަށް އެކިގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދީ ކޮލެޖާއެކު މަސައްކަތް ކުރަމުންއަންނަ ހުރިހާ ފަރާތަކަށްވެސް ޝުކުރުދަންނަވަން." ޑރ. ނައުޝާދު ވިދާޅުވި އެވެ.
އަހަރީ ދުވަހާއި ގުޅިގެން ކްލީކް ކޮލެޖުގް ބިޒްނަސް ޑިވެލެޕްމެންޓް މެނޭޖަރ މުހައްމަދު ރޯޝަން ވިދާޅުވީ "ކޮވިޑްގެ ހާލަތް ރަނގަޅުވިހާއަވަހަކަށް ދަރިވަރުންނަށް އެކި އިތުރުހަރަކާތްތައް ރޭވިފައިއެބަހުރި" ކަމަށެވެ.
"މީގެ ތެރޭގައި ކުޅިވަރުގެ އެކި ދާއިރާތަކަށް ޝައުޤުވެރިކަން ހުންނަކުދިންނަށް ފުރުސަތު ލިބިގެންދާނެ. ފާއިތުވިދުވަސްތަކުގައި ކުރިއެރުންތަކެއް ލިބިއްޖެކަމަށް ޤަބޫލު ކުރާހިނދު، ކުރިއަށް އޮތް ތަނުގައި ރަނގަޅު ހަރަކާތްތަކެއް ރޭވިގެންދާނެކަމަށް އުންމީދު ކުރަން". ރޯޝަން ވިދާޅުވި އެވެ.
ކުރިއަށް އޮތް ދުވަސްތަކުގައި އިންޑަސްޓްރީ އާ ގުޅިގެން އިންޓަރންޝިޕްގެ ފުރުސަތުތައްވެސް ހުޅުވިގެންދާނެ ކަމަށާއި އެއީ ވަޒީފާގެއްލިފައިވާ ފަރާތްތަކަށާއި އަލަށް ވަޒީފާގެ މާހައުލަށް ނުކުންނަން ބޭނުންވާ ދަރިވަރުންނަށް އަމާޒު ކޮށްގެން ކުރިއަށް ގެންދާ އިންޓަރންޝިޕްއެއް ކަމަށް ވެސް ކްލީކް ކޮލެޖުން ބުނެފައި ވެއެވެ.
އެންމެ ދެ ކްލާސްރޫމްއާއި އޮފީހަކާއެކު ފެށި ކްލީކް ޓްރެއިންގ ސެންޓަރ މިހާރުމިވަނީ ކޮލެޖެއްގެ ގޮތުގައި ފުޅާދާއިރާއެއްގައި މަތީތަޢުލީމްދޭ މަރުކަޒަކަށް ބަދަލުވެފައެވެ. ކްލީކް ކޮލެޖުން މަތީތަޢުލީމްގެ ޚިދްމަތްދޭން ފަށާފައިވަނީ މީގެ 23 އަހަރު ކުރިން 23 އޮކްޓޯބަރ ގައެވެ.
ކްލީކް ކޮލެޖަކީ މަތީތަޢުލީމް ގެ ޚިދުމަތް ދިނުމުގައި ކޮލިޓީއަށް ވަރަށް ބޮޑުއިސްކަމެއްދޭ ކޮލެޖެކެވެ. އޭގެ ސަބަބުން ގިނަ ދަރިވަރުންތަކެއް އަންނަނީ ކްލީކް ކޮލެޖުން ހިންގާ ރާއްޖޭން ބޭރުގެ ޔުނިވަރސިޓީތަކުގެ ޕްރޮގްރާމް ތަކުން މަތީވަނަތައް ހާސިލް ކުރަމުންނެވެ. އަދި ކްލީކް ކޮލެޖުން ދަސްވެނިމިފައިވާ ދަރިވަރުންނަށް ވަޒީފާގެ ވަރަށް ރަނގަޅު ފުރުސަތުތައް ދަނީލިބެމުންނެވެ.
ކްލީކް ކޮލެޖަށް 20 އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން ވަނީ ސޯޝަލް މީޑިއާގައި "ސެލެބްރޭޓިންގ 20 އިއަރސް" ގެ ނަމުގައި ލޯގޯއެށް ފަރުމާ ކޮށްފައެވެ.
މިލޯގޯ ފަރުމާކޮށްފައިވަނީ ހުނަރުވެރި ގްރެފިކް ޑިޒައިނަރ އަހުމަދު ސިރާޖް (ބަމްބީ) އެވެ.
ކްލީކް ކޮލެޖުން 20 އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން ރޭވިފާހުރިކަންކަން ސޯޝަލް މީޑިއާމެދުވެރިކޮށް މައުލޫމާތު ލިބިގެންދާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް