ނަފްސާނީ ފަރުވާގެ ހޮސްޕިޓަލް ހުޅުމާލޭގައި އަޅައިދޭނެ ބަޔަކު ހޯދަން އިއުލާނުކޮށްފި

ނަފްސާނީ ފަރުވާގެ ޚާއްޞަ 50 އެނދުގެ ހޮސްޕިޓަލެއް ހުޅުމާލޭގައި އިމާރާތްކޮށްދޭނެ ފަރާތެއް ހޯދުމަށް ފިނޭންސް މިނިސްޓްރީން މިއަދު ބީލަމަށް ހުޅުވައިލައިފިއެވެ. އެ މިނިސްޓްރީން ނެރުނު އިޢުލާނުގައިވާ ގޮތުން ...

23 Sep 2026 | 09:55
ހުޅުމާލޭ ފޭސް އެކެއް --

ހުޅުމާލޭ ފޭސް އެކެއް --

ނަފްސާނީ ފަރުވާގެ ޚާއްޞަ 50 އެނދުގެ ހޮސްޕިޓަލެއް ހުޅުމާލޭގައި އިމާރާތްކޮށްދޭނެ ފަރާތެއް ހޯދުމަށް ފިނޭންސް މިނިސްޓްރީން މިއަދު ބީލަމަށް ހުޅުވައިލައިފިއެވެ.

އެ މިނިސްޓްރީން ނެރުނު އިޢުލާނުގައިވާ ގޮތުން މި މަޝްރޫޢުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ދިވެހި އަދި ބޭރުގެ ފަރާތްތަކުން އަންނަ މަހުގެ 20 ވަނަ ދުވަހުގެ ކުރިން ރަޖިސްޓަރީ ކުރަން ޖެހެއެވެ. ބީލަމުގައި ބައިވެރިވުމަށް 1500 ރުފިޔާ ނުވަތަ 100 ޑޮލަރު ހުށަހެޅުމާ އެކު ބިޑް ސެކިއުރިޓީގެ ގޮތުގައި 864,000 ރުފިޔާ ދައްކަން ޖެހެއެވެ.

ބީލަން ހުށަހެޅުމުގެ ފުރުޞަތު އަންނަ މަހުގެ 25 ވަނަ ދުވަހާ ހަމައަށް އޮތް އިރު ބީލަންތައް ހުޅުވުން ތާވަލުކޮށްފައި އޮތީ ޖެހިގެން އަންނަ ދުވަހަށެވެ.

މި ހޮސްޕިޓަލް ބިނާކުރާނެކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިޢުލާނުކުރެއްވީ މިދިޔަ އެޕްރީލް މަހު ރައީސް އޮފީހުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. އެ ބައްދަލުވުމުގައި ރައީސް ވިދާޅުވެފައި ވަނީ މިދިޔަ ޖެނުއަރީ މަހުން ފެށިގެން އެޕްރީލް 24 ވަނަ ދުވަހާ ދެމެދު 10954 މީހުން ނަފްސާނީ ބައްޔަށް ފަރުވާ ހޯދާފައިވާ ކަމަށާއި އެ ޢަދަދުގެ ތެރެއިން 8000 އަށް ވުރެ ގިނަ މީހުން ފަރުވާ ހޯދީ މާލެ ސަރަޙައްދުން ކަމަށެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ބޭރުގެ ލޯނު އެހީއެއްގެ ދަށުން ލ. ގަމުގައި 14000 އަކަފޫޓުގެ ބިމެއްގައި ނަފްސާނީ ބަލިތަކަށް ޚާއްޞަ ހޮސްޕިޓަލެއް ބިނާކުރުމަށް ނިންމައިފައެވެ. އެހެން ނަމަވެސް އެ މަޝްރޫޢުގެ ޢަމަލީ މަސައްކަތެއް ކުރިއަށް ގޮސްފައެއް ނުވެއެވެ.

މި ސަރުކާރު ވެރިކަމަށް އައިސް ނިންމީ އެ މަޝްރޫއު ހުޅުމާލޭގައި ހިންގާށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް