ބޭރު ފައިސާއާބެހޭ ގާނޫނަށް މި ފަހުން ވަނީ އިސްލާހުތަކެއް ގެނެސްފައި --
ބޭރު ފައިސާއާބެހޭ ގާނޫނު (ގާނޫނު ނަންބަރު 2024/32) އަށް މި ފަހުން ވަނީ
އިސްލާހުތަކެއް ގެނެސްފައެވެ. އެ ގޮތުން، 1 ސެޕްޓެންބަރު 2026ގައި
ގެޒެޓްކޮށްފައިވާ ބޭރު ފައިސާއާބެހޭ ގާނޫނަށް 1 ވަނަ އިސްލާހު ގެނައުމުގެ ގާނޫނުގައި
ބޭރު ފައިސާ މާރުކުރުމާއ، މާރުކުރާ ސުންގަޑިތަކާއި ކެޓަގަރީ ސީގެ ޝަރުތުތަކަށް
ވެސް ބަދަލު އައިސްފައިވެއެވެ.
މި އިސްލާހާއެކު، އައިސްފައިވާ މައިގަނޑު ބަދަލުތަކަށް ބަލައިލާނަމެވެ.
ބޭރު ފައިސާ މާރުކުރުން
ފައިސާ މާރުކުރުމުގައި ކެޓަގަރީ އޭއާއި ކެޓަގަރީ ސީއަށް ވަނީ ބަދަލުތަކެއް
އައިސްފައެވެ. ނަމަވެސް، މާރުކުރުމުގައި ކެޓަގަރީ ބީއިން މާރުކުރަންޖެހޭ އަދަދަށް
ބަދަލެއް އައިސްފައި ނުވެއެވެ.
މާރުކުރަންޖެހޭ އަދަދަށް އައި ބަދަލުތަކަކީ:
ކެޓަގަރީ އޭ: މިހާރު މާރުކުރަން ޖެހެނީ ކޮންމެ
މަހަކު ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތައެވެ. ކުރިން އޮންނަ
ޓޫރިސްޓެއްގެ ބޮލަކަށް 500 ޑޮލަރުގެ ރޭޓުން މާރުކުރުމުގެ އިޚްތިޔާރު ގާނޫނަށް އައި
އިސްލާހުގައި ވަނީ އުނިކުރެވިފައެވެ.
ކެޓަގަރީ ބީ: މި
ކެޓަގަރީގައި މާރުކުރަންޖެހޭ އަދަދަށް ބަދަލެއް އައިސްފައިނުވެއެވެ.
ކެޓަގަރީ ސީ: ކުރިން މި ކެޓަގަރީގައި ހިމެނެނީ ޓޫރިޒަމް ދާއިރާއާއި މާލީ
އިދާރާތައް ނޫން ވިޔަފާރިތަކުގެ ތެރެއިން 15 މިލިއަން އެމެރިކާ ޑޮލަރު އަހަރެއްގެ
ތެރޭގައި އާމްދަނީގެ ގޮތުގައި ލިބޭ ފަރާތްތަކެވެ. ނަމަވެސް، އިސްލާހުކުރެވުނު
ގާނޫނުގައި ވާ ގޮތުން، ސީ ކެޓަގަރީގެ ގޮތުގައި ބަލާނީ 25 މިލިއަން އެމެރިކާ
ޑޮލަރުގެ އާމްދަނީއެއް ލިބޭ ޓޫރިޒަމާއި މާލީ އިދާރާތައް ނޫން ވިޔަފާރިތަކެވެ.
ސީ ކެޓަގަރީގައި ހިމެނޭ ވިޔަފާރިތަކުން މިހާރު މާރުކުރަން ޖެހެނީ 40
އިންސައްތައެވެ. ނަމަވެސް، އެ ވިޔަފާރިތަކަކީ 100 އިންސައްތަ ދިވެހީން ހިއްސާވާ
ވިޔަފާރިތަކެއް ނަމަ އެ ތަންތަނުން މާރުކުރަންޖެހޭ އަދަދަކީ 7
އިންސައްތައެވެ.
މާރުކުރާ ސުންގަޑި ބަދަލުވުން
ބޭރު ފައިސާއާބެހޭ ގާނޫނަށް އައި އިސްލާހުގައި ހިމެނޭ އެންމެ ބޮޑު އެއް
ބަދަލަކީ މާރުކުރާ ސުންގަޑިއަށް އައި ބަދަލެވެ. ކުރިން މާރުކުރުމަށް 3 މަސްދުވަސް
ލިބުނަސް މިހާރު އޮންނަ ގޮތުންނަމަ ކޮންމެ މީލާދީ މަހެއްގައި ލިބޭ ބޭރު ފައިސާއިން
މާރުކުރަންޖެހޭ އަދަދު ޖެހިގެން އަންނަ މަހުގެ 28ގެ ކުރިން މާރުކުރަން ވާނެއެވެ.
މާނައަކީ މި ސެޕްޓެންބަރުގައި ލިބޭ ބޭރު ފައިސާގެ އާމްދަނީގެ މާރުކުރަންޖެހޭ
އިންސައްތަ އޮކްޓޫބަރު މަހު 28ގެ ކުރިން މާރުކުރަންޖެހޭނެއެވެ.
ބޭރު ފައިސާ ގަނެވިއްކުން
ބޭރު ފައިސާ ގަނެވިއްކުމުގައި އަމަލުކުރާނެ ޚާއްސަ އުސޫލުތަކެއް ކަނޑައެޅުމަށް
އިސްލާހު ގެނެވުނު ގާނޫނުގައި ބަޔާންކޮށްފައިވެއެވެ. މީގެ ކުރިން، ބޭރު ފައިސާ
ގަނެވިއްކުމުގެ ލައިސަންސް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ދޫކުރަމުން
ގޮސްފައިވަނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގާނޫނުގެ ދަށުން އެ އޮތޯރިޓީއަށް
ލިބިފައިވާ ބާރުގެ ދަށުންނެވެ.
މި ގާނުނުގެ ދަށުން އެ އޮތޯރިޓީން އެކުލަވާލަންޖެހޭ ގަވާއިދުގައި ފައިސާ
މާރުކުރުމުގެ ވިޔަފާރި ރެގިއުލޭޓްކޮށް ސްޕަވައިޒްކުރުމާގުޅޭ ކަންކަން
ބަޔާންކުރަންވާނެއެވެ. އަދި ލައިސަންސް ދިނުމުގެ އުސޫލުތަކާއި ލައިސަންސް
ލިބިފައިވާ ފަރާތްތަކުން އަމަލުކުރަންވީ ކަންތައްތަކުގެ އިތުރުން، މި އިސްލާހު
އައުމުގެ ކުރިން ބޭރު ފައިސާ ގަނެވިއްކުމުގެ ލައިސަންސެއް ލިބިފައިވާ ފަރާތްތަކުން
އަމަލުކުރާނެ އުސޫލުތައް ބަޔާންކުރަން ވާނެއެވެ. މި ދެންނެވި ގަވާއިދު އަދި އެ
އޮތޯރިޓީން ގެޒެޓްކޮށްފައި ނުވެއެވެ.
ބޭރު ފައިސާއިން ކުރާ ބައެއް މުއާމަލާތްތަކުގައި އޮތޯރިޓީގެ ހުއްދަ ހޯދުން
މި ގާނޫނުގެ 4 ވަނަ މާއްދާގައި ބައެއް އިލްތިޒާމުތައް އަދާކުރުމުގައި ބޭރު
ފައިސާއިން މުއާމަލާތްކުރެވިދާނެ ކަމަށް ބަޔާންކޮށްފައިވެއެވެ. އެހެން ނަމަވެސް، ބޭރު
ފައިސައިން އާމްދަނީ ލިބޭ ވިޔަފާރިއަކުން ގަންނަ މުދަލާއި ހޯދާ ޚިދުމަތުގެ އަގު،
ބޭރު ފައިސާއިން އަދާކުރުމަށް އެ ވިޔަފާރިއަކުން ބޭނުންވާނަމަ ބޭރު ފައިސާއިން
އަގު އަދާކުރުމުގައި އެމްއެމްއޭގެ ހުއްދައަށް އެދެންވާނެއެވެ.
އެކައުންޓުގެ މައުލޫމާތު ދިނުން
މި ގާނޫނުގެ ދަށުން ބޭންކު އެކައުންޓްތަކަށް ފައިސާ ޖަމާކުރާ ފަރާތްތަކުން ފައިސާ
ޖަމާކުރަންވާނީ، އެމްއެމްއޭ އިން ލައިސަންސް ލިބިގެން ހިންގާ ބޭންކެއްގައި
ހުޅުވާފައިވާ ބޭރު ފައިސާގެ އެކައުންޓަކަށެވެ. އަދި އެ އެކައުންޓުގެ މައުލޫމާތު އެމްއެމްއޭއިން
ކަނޑައަޅާ ގޮތެއްގެ މަތީން އެ އެތޯރިޓީއަށް ދޭންވާނެއެވެ.
ޖުމްލަކޮށް ބަލާއިރު، ބޭރު ފައިސާއާބެހޭ ގާނޫނަށް ގެނެވުނު މި އިސްލާހުތަކުން
ބޭރު ފައިސާ ލިބޭ ވިޔަފާރިތަކުން މާރުކުރަންޖެހޭ މިންވަރާއި، އެ ފައިސާ މާރުކުރާ ސުންގަޑިއާއި،
ބޭރު ފައިސާއިން މުއާމަލާތްކުރުމާ ގުޅޭ އުސޫލުތަކަށް މުހިންމު ބަދަލުތަކެއް ގެނެސްފައިވެއެވެ.
އެހެންވެ، މި ގާނޫނުގެ ދަށުން ޒިންމާތައް ކަނޑައެޅިފައިވާ ވިޔަފާރިތަކުން އައު
ޝަރުތުތަކާއި ސުންގަޑިތަކާ ގުޅޭ މަޢުލޫމާތު ރަނގަޅަށް ބަލައި، ގާނޫނާއި އެއާ ގުޅިގެން
ނެރޭ ގަވާއިދުތަކާ އެއްގޮތަށް އަމަލުކުރުން މުހިންމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް