ރެސްޓޯރަންޓް ވިޔަފާރި މިހާރު އޮތީ، ބަންދުކޮށް ރައީސް އޮފީހަށް ތަޅުދަނޑި ޙަވާލުކުރަންޖެހޭ ޙާލަތެއްގަ: އެމްއީޔޫ

ރެސްޓޯރަންޓްތަކަށް އެންމެ ގިނައިން ފައިސާ ލިބެނީ ރޭގަނޑު ކަމަށާއި ރޭގަނޑު 11 ޖަހަންދެން ތަންތަން ހުޅުވައިފައި ބެހެއްޓުމުގެ ހުއްދަ ދިނުމަށް އެދި އާދޭސް ކުރަމުންދާ ކަމަށް މޯލްޑިވްސް އީޓަރީ ޔޫނިއަން (އެމ...

23 Sep 2020 | 15:31

ރެސްޓޯރަންޓްތަކަށް އެންމެ ގިނައިން ފައިސާ ލިބެނީ ރޭގަނޑު ކަމަށާއި ރޭގަނޑު 11 ޖަހަންދެން ތަންތަން ހުޅުވައިފައި ބެހެއްޓުމުގެ ހުއްދަ ދިނުމަށް އެދި އާދޭސް ކުރަމުންދާ ކަމަށް މޯލްޑިވްސް އީޓަރީ ޔޫނިއަން (އެމްއީޔޫ) އިން ބުނެފި އެވެ.

އެ ޔޫނިއަން އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަވުމުގައި ބުނީ މެންދަމު 2:00 ޖަހަންދެން ޑެލިވަރީގެ ޚިދުމަތްތައް ދެވޭނެ ގޮތަށް، ޚާއްސަ ހުއްދައެއްގެ ދަށުން އިންތިޒާމްތައް ހަމަޖައްސައި ދިނުމަށް އެދޭ ކަމަށާއި ނަމަވެސް އެކަންކަމަށް ސަރުކާރުގެ އިދާރާތަކުން ބީރުކަންފަތެއް ދީފައިވާ ކަމަށެވެ.

އެ ޔޫނިއަން އިން ބުނީ އެޗްޕީއޭއާއި އެޗްއީއޯސީ އާއި ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކާއި ބައްދަލުކޮށް މަޝްވަރާކުރަމުންދާތާ މަސްދުވަސްވީއިރުވެސް އެކަމަށް އެދެވޭ ހައްލެއް ލިބިފައިނުވާ ކަމަށެވެ.

ކޮވިޑް-19 ފެތުރެނީ ރެސްޓޯރަންޓްތަކުން ކަމަށް ގަބޫލު ކުރުމަކީ ހުއްޖަތެއް ނޫން ކަމަށާއި ރަނގަޅަށް އިންސްޕެކްޓް ކޮށްފިނަމަ އެތަންތަނަށްވުރެ ސާފްތާހިރު ތަންތަންވެސް ނުހުންނާނެ ކަމަށްވެސް އެ ޔޫނިއަން އިން މިއަދު ވަނީ ބުނެފައެވެ.

އެމްއީޔޫ އިން ބުނީ 107 ރެސްޓޯރަންޓްގެ ވެރިންގެ ސޮޔާއެކު ރައީސުލްޖުމްހޫރިއްޔާ އަށް ޕެޓިޝަނެއް ހުށަހެޅުމަށް ތައްޔާރުވަމުންދާ ކަމަށާއި މާލޭ ސަރަހައްދުގައި ހިންގާ ކެފޭ ރެސްޓޯރަންޓް އަދި ބޮޑެތި ފިހާރަތަށް އެއްދުވަހަށް ބަންދުކުރުމަށް މަޝްވަރާ ކުރަމުންދާ ކަމަށެވެ.

" އެ ވިޔަފާރި މިހާރު އޮތީ ތަންތަން ބަންދުކޮށް އެ ތަންތަނުގެ ތަޅުދަނޑި އާ މުވައްޒަފުން ރައީސް އޮފީހާއި ހަވާލު ކުރަންޖެހޭ ފަދަ ހާލަތެއްގަ. އެކަން ކުރުމަށް ތައްޔާރުވަމުން މިދަނީ " ކެފޭ، ހޮޓާ، ރެސްޓޯރަންޓްތަކުގެ ޔޫނިއަން، އެމްއީޔޫ އިން ބުންޏެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް