ޔޫއެފާ އެވޯޑަށް، ޑިބްރެއިނާ ލެވެންޑޯސްކީ އަދި ނޯޔާ ނޮމިނޭޓު ވެއްޖެ

ޔޫއެފާ އިން ހޮވާ އަހަރުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ އެވޯޑަށް މެންންޗެސްޓާރ ސިޓީގެ ކެވިން ޑިބްރެއިނާ އާއި ޖަރުމަންގެ ބަޔާން މިޔުނިކުގެ ފޯވާޑް ރޮބަޓް ލެވެންޑޯސްކީ އަދި އެޓީމުގެ ގޯލްކީޕަރ މަނުއ...

23 Sep 2020 | 15:25

ޔޫއެފާ އިން ހޮވާ އަހަރުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ އެވޯޑަށް މެންންޗެސްޓާރ ސިޓީގެ ކެވިން ޑިބްރެއިނާ އާއި ޖަރުމަންގެ ބަޔާން މިޔުނިކުގެ ފޯވާޑް ރޮބަޓް ލެވެންޑޯސްކީ އަދި އެޓީމުގެ ގޯލްކީޕަރ މަނުއެލް ނޯޔާ ނޮމިނޭޓްވެއްޖެ އެވެ.

ޔޫއެފާ މެންސް ޕްލޭޔާ އޮފް ދަ އިޔާ އެވޯޑަކީ 2011 ވަނަ އަހަރު ތައާރަފްކުރި އެވޯޑެކެވެ. އެ އެވޯޑު ތައާރަފު ކުރި ފަހުން، މި އެވޯޑް އެންމެ ގިނައިން ހޯދާފައިވަނީ މިހާރު އިޓަލީގެ ޗެމްޕިއަން ޔުވެންޓަސް އަށް ކުޅެމުން އަންނަ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. އޭނާ ވަނީ މި އެވޯޑު ތިން ފަހަރު ކާމިޔާބުކޮށްފަ އެވެ. ދެވަނައަށް މި އެވޯޑް އެންމެ ގިނައިން ކާމިޔާބުކޮށްފައިވަނީ ބާސެލޯނާގެ ތަރި ލިއޮނެލް މެސީއެވެ. އޭނާ ދެ ފަހަރު މި އެވޯޑް ކާމިޔާބުކޮށްފައިވެއެވެ.

އެވޯޑަށް ނޮމިނެޓު ވެފައިވާ ކެވިން ޑިބްރެއިނާ އަކީ މިދިޔަ ސީޒަނުގައި ޔޫރަޕު ފުޓްބޯޅައިގައި އެންމެ ގިނަ އެސިސްޓު ހެދި ކުޅުންތެރިޔާއެވެ. އަދި މީގެއިތުރުން ޕްރިމިއާލީގުގައިވެސް އެންމެ ގިނަ އެސިސްޓު ހަދާފައިވާ ކުޅުންތެރިޔާއެވެ. އެގޮތުން ނިމިގެން ދިޔަ ސީޒަނުގައި އޭނާ ވަނީ 20 އެސިސްޓު ހަދާ 13 ގޯލު ޖަހައިފައެވެ.

މިދިޔަ ސީޒަނުގައި ލެވެންޑޯސްކީ ވަނީ ތަފާތު މޮޅު ކުޅުމެއް ދައްކައި 47 މެޗުގައި 55 ލަނޑު ކާމިޔާބު ކޮށްފަ އެވެ. ޗެމްޕިއަންސް ލީގުގައި 15 ގޯލު ޖަހާ މުބާރާތުގެ ޓޮޕް ސްކޯރާގެ މަގާމު ހޯދާ ލެވެންޑޯސްކީ ވަނީ ޔޫއެފާ ޗެމްޕިއަންސް ލީގުގެ ތަށި ބަޔާންއާއި އެކު ކާމިޔާބު ކޮށްފައެވެ.

ކީޕަރު ނޯޔާ ވަނީ މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ތަށި ބަޔާންއަށް ހޯދައިދިނުމުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ. އަދި މީގެ އިތުރުން ޗެމްޕިއަންސް ލީގުގައި ހަ ކްލީން ޝީޓް ފުރިހަމަ ކޮށްފައިވެއެވެ.

ޔޫއެފާ މެންސް ޕްލޭޔާ އޮފް ދަ އިޔާ އެވޯޑަށް ކުޅުންތެރިން ޝޯޓްލިސްޓްކުރީ 80 ކޯޗުންނާއި 55 ނޫސްވެރިންގެ ޕެނަލަކުންނެވެ.

އެ އެވޯޑު ދޭނީ އޮގަސްޓް 30 ގައި މޮނާކޯގައި އޮންނަ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖް ގުރުނެގުމުގެ ރަސްމިއްޔާތުގަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް