ބާސެލޯނާއަށް ކުޅެމުން އައި ޕޯޗުގަލްގެ ތަޖުރިބާކާރު ޑިފެންޑަރު ނެލްސަން ސިމީޑޯ އިނގިރޭސި ޕްރިމިއާ ލީގުގެ ކުލަބެއް ކަމުގައިވާ ވުލްވްސްއަށް ބަދަލުވެއްޖެއެވެ.
ސިމީޑޯ ވުލްވްސްއަށް ބަދަލުވީ ތިން އަހަރުގެ އެއްބަސްވުމެއްގެ ދަށުން 29 މިލިޔަން ޕައުންޑްގެ އަގަކަށެވެ. އަދި މި އެއްބަސްވުމުގެ މުއްދަތު އިތުރު ދެ އަހަރަށް އާކުރުމުގެ ފުރުސަތު ވެސް ވުލްވްސްއަށް ލިބެއެވެ.
ބާސެލޯނާއިން ސެމީޑޯ ވިއްކާލަން ނިންމީ އަލަށް އެކުލަބާއި ހަވާލުވި ކޯޗު ރޮނާލްޑް ކޫމަންގެ ޕްލޭނުގައި ނުހިމެނުމުންނެވެ. ސެމީޑޯގެ އިތުރުން ތަޖުރިބާކާރު ފޯވާޑް ލުއިސް ސުއަރޭޒްވެސް އއު ކޯޗުގެ ޕްލޭނުގައި ހިމެނިފައި ނުވާތީ ބާސާއިން ވަނީ އެތްލެޓިކޯ މެޑްރިޑަށް އޭނާ ވިއްކާލުމަށް ނިންމާފައެވެ.
2017 ވަނަ އަހަރު ބާސެލޯނާއާއި ގުޅުނު ސެމީޑޯ ވުލްވްސްއަށް ބަދަލުވުމަށްފަހު މީޑިއާއާއި ވާހަކަ ދައްކަމުން ބުނީ ބާސާ ދޫކޮށް ވުލްވްސްއާ ގުޅުމަށް ނިންމީ ހިތްހަމަ ޖެހިގެން ކަމަށާއި ޕްރިމިއާ ލީގު ޓީމަކަށް ކުޅެލަން ލިބުމަކީ އުފަލެއް ކަމަށެވެ. އަދި ވުލްވުސް އަކީ ރަނގަޅު ފުޓްބޯޅައެއް ކުޅޭ ޓީމެއް ކަމަށާއި އެގޮތުން އެ ކުަލަބަށް ބަދަލުވީ ކަމަށްވެސް ސެމީޑޯ ބުނެޏެވެ.
ސެމީޑޯ ބާސާގައި ތިން އަހަރު ހޭދަކޮށްފައިވާއިރު، އޭނާ ވަނީ އެޓީމަށް 124 މެޗު ކުޅެދީފައިވާއިރު، އޭނާ ވަނީ ބާސާއަށް 2 ގޯލުވެސް ކާމިޔާބު ކޮށްދީފައެވެ.
އަދި ބާސާއާއެކު ސްޕެނިޝް ލީގު ދެ ފަހަރު ކާމިޔާބު ކުރުމުގެ އިތުރުން ސުޕެނިޝް ކަޕެއްވެސް ބާސާއާއި އެކު ކާމިޔާބު ކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް