ބާސެލޯނާ އަށް ކުޅެމުން އަންނަ އުރުގުއޭގެ ފޯވާޑް ލުއިސް ސުއަރޭޒް އެތުލެޓިކޯ މެޑިރަޑަށް ވިއްކާލަން އެ ކުލަބުން އެއްބަސްވެއްޖެ ކަމަށް މީޑިއާ ރިޕޯޓުތަށް ބުނެފިއެވެ.
މިހާރު އުމުރުން 33 އަހަރުގެ ފޯވާޑް އެތުލެޓިކޯ އަށް ވިއްކާލުމަށް ބާސެލޯނާއިން ހުއްދަ ދިންއިރު، މީގެ ކުރިން ބާސެލޯނާއިން ބޭނުންވީ މަޝްޙޫރު ކުލަބަކަށް ރަނގަޅު އަގަކަށް ސުއަރޭޒް ވިއްކާލުމަށެވެ. ބާސެލޯނާއިން މަސައްކަތް ކުރީ ސްޕެއިންއަށް ނިސްބަތްވާ ވާދަވެރި އެއްވެސް ކުލަބަކަށް ސުއަރޭޒް ދޫނުކުރުމަށެވެ.
އެހެން ނަމަވެސް ގިނަ ފިއްތުންތަކަކާއި ހުރެ ބާސާއަށް އެކަން އެގޮތަށް ކުރަން މަޖުބޫރު ވީއެވެ. އޭގެ ތެރޭގައި ޕާސްޕޯޓްގެ މައްސަލައަކާ ހެދި އިޓަލީގެ ޔުވެންޓަސް އަށް ބަދަލުވާން ސުއަރޭޒް ކުރި މަސައްކަތް ނާކާމިޔާބުވުމުގެ އިތުރުން ސުއަރޭޒްގެ އޭޖެންޓްގެ ފަރާތުން ބާސެލޯނާއަށް ކުރިމަތިވި ފިއްތުންތައް ހިމެނެއެވެ.
ރިޕޯޓްތައް ބުނާގޮތުގައި ބާސެލޯނާއިން ވާދަވެރި އެތްލެޓިކޯ މެޑްރިޑަށް ސުއަރޭޒް ވިއްކާލަން އެއްބަސްވެފައިވަނީ މިހާރު އޭނާ އަށް ލިބެމުން އަންނަ މުސާރައިގެ ދެބައިކުޅަ އެއްބައި އެތުލެޓިކޯ އިން ދޭގޮތަށް އެއްބަސްވެގެންނެވެ. އެގޮތުން އޭނާއަށް ބާސާއިން އަހަރަކު 30 މިލިއަން ޔޫރޯ ލިބޭއިރު، އޭގެ ދެބައިކުޅަ އެއްބައި ސުއަރޭޒްއަށް އެތްލެޓިކޯ މެޑްރިޑުން މުސާރައިގެ ގޮތުގައި ލިބޭނެއެވެ.
2014 ވަނަ އަހަރު ލިވަޕޫލްއިން ބާސެލޯނާއާއި ގުޅުނު ސުއަރޭޒް ބާސެލޯނާގައި ބާސެލޯނާގައި ހޭދަކުރި ހަ އަހަރު ދުވަހުގެ ތެރޭގައި އޭނާ ވަނީ އެ ކުލަބަށް 283 މެޗު ކުޅެ 198 ގޯލް ޖަހައިދީފަ އެވެ.
މީގެ އިތުރުން އޭނާ ވަނީ މި މުއްދަތުގެ ތެރޭގައި ބާސެލޯނާ އަށް ޗެމްޕިއަންސް ލީގާއި، ކުލަބް ވޯލްޑް ކަޕް ހޯދައިދިނުމުގެ އިތުރުން ސްޕެނިޝް ލީގް ހަތަރު ފަހަރު ހޯދާފައިވެއެވެ. އަދި މީގެ އިތުރުން ސްޕެނިޝް ކަޕް ހަތަރު ފަހަރެއްގެ މަތިން ބާސާއާއި އެކު ހޯދާފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް