ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ބޮޑު ކުރަން ސާވޭ ހަދަން ފަށައިފި

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ބޮޑު ކުރަން ސާވޭ ހަދަން ފަށައިފި އެވެ. މި މަޝްރޫއަކީ ރާއްޖެ އާއި އިންޑިއާ އާއި ދެމެދު ވެފައިވާ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ކުރިޔަށް ގެންދާ މަޝް...

23 Sep 2020 | 10:30

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ބޮޑު ކުރަން ސާވޭ ހަދަން ފަށައިފި އެވެ.

މި މަޝްރޫއަކީ ރާއްޖެ އާއި އިންޑިއާ އާއި ދެމެދު ވެފައިވާ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ކުރިޔަށް ގެންދާ މަޝްރޫއު އެކެވެ. އިންޑިއާއިން ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކޮށްދެނީ ދިވެހި ސަރުކާރުން އެކަމަށް އެދުމުންނެވެ.

ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަނުން މިއަދު ބުނީ އެއާޕޯޓުގެ ސާވޭ ކުރުމަށް އެއާޕޯޓްސް އޮތޯރިޓީ އޮފް އިންޑިއާ (އޭ.އޭ.އައި) ގެ އިސް ވަފުދެއް ހަނިމާދޫގައި ހަރަކާތްތެރިވަމުންދާ ކަމަށެވެ. އެ ޓީމުން އިކޮނޮމިކް މިނިސްޓަރާއި ޓްރާންސްޕޯޓު މިނިސްޓަރުގެ އިތުރުން މަޖިލީސް މެމްބަރުންނާއި ބައްދަލުކޮށް މަޝްވަރާ ކޮށްފައިވާ ކަމަށެވެ.

މި މަޝްރޫއު ކުރިޔަށް ގެންދަނީ އެއާޕޯޓްސް އޮތޯރިޓީ އޮފް އިންޑިއާ (އޭ.އޭ.އައި) އިންނެވެ. އެ ކުންފުންޏަކީ އިންޑިއާގައި100 އަށްވުރެ ގިނަ އެއާޕޯޓު ހިންގާ އިންޑިއާ ސަރުކާރުގެ ކުންފުންޏެކެވެ.

މި މަޝްރޫއުގެ ޑީޓެއިލްޑް ޕްރޮޖެކްޓް ރިޕޯޓް (ޑީ.ޕީ.އާރް) ގެ މަސައްކަތް ދެ މަހެއްހާ ދުވަސް ތެރޭގައި ނިންމާލެވޭނެ ކަމަށް އިންޑިއާ ހައި ކޮމިޝަނުން މައުލޫމާތުދެ އެވެ. އަދި މަޝްރޫއުގެ އަމަލީ މަސައްކަތް މިއަންނަ އަހަރު ކުރީކޮޅު ފެށޭނެކަމަށް ލަފާކުރެ އެވެ.

މި މަޝްރޫއު ކުރިޔަށް ގެންދިއުމަށް އިންޑިއާގެ އެގްޒިމް ބޭންކްގެ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް އެއްބަސްވުމެއްގައި ސޮއިކުރީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު 2018 ގައި އިންޑިއާ އަށް ކުރެއްވި ރަސްމީ ދަތުރުފުޅުގަ އެވެ.

އުމްރާނީ ތަރައްގީގެ ހަތް ބޮޑެތި މަޝްރޫއުއެއް އިންޑިއާ ސަރުކާރުގެ އެހީގައި ރާއްޖޭގައި އެބަ ހިންގެއެވެ. މީގެ ތެރޭގައި 34 ރަށެއްގެ ފެނާއި ނަރުދަމާގެ ނިޒާމް ގާއިމްކުމާއި، އައްޑޫ މަގުތައް ތަރައްގީ ކުރުމާއި ބިން ހިއްކުމުގެ މަޝްރޫއު އާއި، ގުޅީފަޅު ބަނދަރު މަޝްރޫއު އާއި، މިފްކޯގެ ފެސިލިޓީތައް ތަރައްގީ ކުރުމުގެ މަޝްރޫއު އަދި ހުޅުމާލޭގައި ބިނާ ކުރެވޭ ކްރިކެޓް ދަނޑާއި، ހަނިމާދޫ އިންޓަނެޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއު އާއި ހުޅުމާލޭގައި ބިނާ ކުރެވޭ ކެންސަރު ހޮސްޕިޓަލްގެ މަޝްރޫއު ހިމެނެއެވެ.

މީގެ އިތުރުން، މާލެ، ވިލިމާލެ، ގުޅީފަޅު އަދި ތިލަފުށީ ގުޅުވާލެވޭ ގްރޭޓާ މާލެ ކަނެކްޓިވިޓީ މަޝްރޫއު  (ޖީ.އެމް.ސީ.ޕީ) އަށް ޓަކައި 400 މިލިއަން ޑޮލަރުގެ އިތުރު ލައިން އޮފް ކްރެޑިޓަކާއި 100 މިލިއަން ޑޮލަރުގެ ގްރާންޓް އެއް ވަނީ ފޯރުކޮށްދީފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް