ޕީޕީއެމް، ޕީއެންސީ ކޯލިޝަނާ ދިވެހި ރައްޔިތުން ޢަޒުމުގައި މިތިބީ ރައީސް ޔާމީން އަލުން ވެރިކަމަށް ގެނައުމަށްޓަކައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެ އެވެ.
ސަޢީދު ވިދާޅުވީ ވެރިކަމުގެ ގޮނޑި އެމަނިކުފާނަށް ޙައްގު ކަމަށާއި ރާއްޖޭގެ ތާރީޚުގައި އެންމެ ކާމިޔާބު ވެރިކަމެއް ކުރެއްވީ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ކަމަށެވެ.
ރައީސް އިބްރާހިމް މުޙައްމަދު ސާލިހަކީ ކޮންމެ ކަމެއް ވަރިހަމަ ބޭފުޅެއް ކަމަށާއި 5 އަހަރު ވަންދެން ހަމައެކަނި ގޮނޑި ފުރާލަން ހުރި ވެރިއެއް ކަމަށްވެސް ސަޢީދު ވިދާޅުވި އެވެ. އަދި ކެނޑިނޭޅި އަޑު އިވެމުން މި އަންނަނީ ރާއްޖޭގެ މިނިވަންކަން ގެއްލިއްޖެ ވާހަކަ ކަމަށާއި ގައުމަކަށް ލިބޭނެ އެންމެބޮޑު ނަސީބަކީ ގައުމުދެކެ އިންތިހާއަށް ލޯބިވާ، ގައުމުކުރިއަށް ތަރައްގީކުރަން އެނގޭ ލީޑަރެއް ހުރުން ކަމަށެވެ.
ރައީސް ޔާމީންގެ ވެރިކަމުގައި އިކޮނޮމިކް މިނިސްޓަރުކަން ކުރެއްވި މުޙައްމަދު ސަޢީދު ވިދާޅުވީ ރާއްޖެމަތިން ހުރަސްކުރާ މަތިންދާ ބޯޓުތަކުން ރާއްޖެއަށް ޓެކްސް ކުރާނެ ކަމަށާއި ފައިސާ ވަންނާނެ ކަމަށާއި ކޮންމެ ގައުމެއްގެވެސް އެއަރ ސްޕޭސްއަށް ވަދެވެނީ ހުއްދަ ނަގައިގެން ކަމަށެވެ. އަދި ރާއްޖެއަކީ ބިޔަ ކަނޑެއްގެ ވެރި، ކުޑަ ޖަޒިރާ ގައުމެއް ކަމަށާއި ދުނިޔޭގެ 50 ޕަސެންޓު މުދާ ދައުރުކުރަނީ ރާއްޖޭގެ ކަނޑުއޮޅިތަކުން ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް