ރައީސުލްޖުމްހޫރިއްޔާ، ތިން ގައުމަކަށް ސަފީރުން އައްޔަން ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް، ތިން ގައުމަކަށް ސަފީރުން އައްޔަން ކުރައްވައިފިއެވެ. އެގޮތުން އައްޔަން ކުރައްވާފައިވަނީ އިންޑިއާ، އެކުވެރި ޢަރަބި ޢިމާރާތް، އަދި ޕާކިސްތާނަށް ދިވެހިރާ...

23 Sep 2020 | 07:26

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް، ތިން ގައުމަކަށް ސަފީރުން އައްޔަން ކުރައްވައިފިއެވެ.

އެގޮތުން އައްޔަން ކުރައްވާފައިވަނީ އިންޑިއާ، އެކުވެރި ޢަރަބި ޢިމާރާތް، އަދި ޕާކިސްތާނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމުތަކަށެވެ.

މި ގޮތުން، އިންޑިއާގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރުކަމުގެ މަޤާމަށް ކަނޑައަޅުއްވާފައި ވަނީ ހެންވޭރު ނިޔާސާ ޑޮކްޓަރ ޙުސައިން ނިޔާޒެވެ. އެކުވެރި ޢަރަބި ޢިމާރާތުގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރުކަމުގެ މަޤާމަށް ކަނޑައަޅުއްވާފައި ވަނީ ހެންވޭރު މިސްޓީލޮޖް އަލްފާޟިލާ އާމިނަތު ޝަބީނާއެވެ. އަދި، އިސްލާމިކް ރިޕަބްލިކް އޮފް ޕާކިސްތާނުގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރުކަމުގެ މަޤާމަށް ޢައްޔަންކުރައްވާފައި ވަނީ ގަލޮޅު ޗޭނުގެ އަލްފާޟިލާ ފަރުޒާނާ ޒާހިރެވެ.

މި ތިން ބޭފުޅުންނަށް މަޤާމުގެ ފަތްކޮޅު އެ މަނިކުފާނު ދެއްވާފައި ވަނީ މިކަމަށްޓަކައި މިއަދު މެންދުރުކުރީގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތުގައެވެ.

އިންޑިއާގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރުކަމުގެ މަޤާމަށް ކަނޑައެޅުއްވި ޑޮކްޓަރ ޙުސައިން ނިޔާޒު އެންމެ ފަހުން ހުންނެވީ އެކުވެރި ޢަރަބި ޢިމާރާތަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމުގައެވެ. އަދި، އެ މަނިކުފާނު ވަނީ އަބޫ ދާބީގެ އިންޓަރނޭޝަނަލް ރިނިއުބަލް އެނަރޖީ އޭޖެންސީގެ ދާއިމީ މަންދޫބުގެ މަޤާމާއި، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އެކި މަޤާމުތަކުގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކުރައްވާފައެވެ. ޑޮކްޓަރ ޙުސައިން ނިޔާޒަކީ ނިއުޒީލެންޑުން ޑިމޮގްރަފި އެންޑް ޑިވެލޮޕްމަންޓްގެ ދާއިރާއިން ޑޮކްޓަރޭޓް އޮފް ފިލޯސަފީ ޙާޞިލުކުރައްވާފައިވާ ބޭފުޅެކެވެ.

އެކުވެރި ޢަރަބި ޢިމާރާތުގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރުކަމުގެ މަޤާމަށް ކަނޑައެޅުއްވި އާމިނަތު ޝަބީނާ އެންމެ ފަހުން ހުންނެވީ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ޖޮއިންޓް ސެކްރެޓަރީގެ މަޤާމުގައެވެ. އަދި، އެ ކަމަނާ ވަނީ ގިނަ ދުވަސްތަކެއް ވަންދެން ފޮރިން މިނިސްޓްރީގެ އެކި މާޤާމުތަކުގައި މަސައްކަތްކުރައްވާފައެވެ. އާމިނަތު ޝަބީނާ އަކީ މާސްޓަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ޙާޞިލުކުރައްވާފައިވާ ބޭކަނބަލެކެވެ.

އިސްލާމިކް ރިޕަބްލިކް އޮފް ޕާކިސްތާނުގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރުކަމުގެ މަޤާމަށް ކަނޑައެޅުއްވި ފަރުޒާނާ ޒާހިރު އެންމެ ފަހުން ހުންނެވީ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ޖޮއިންޓް ސެކްރެޓަރީގެ މަޤާމުގައެވެ. އެ ކަމަނާ ވެސް ވަނީ ގިނަ ދުވަސްތަކެއް ވަންދެން ފޮރިން މިނިސްޓްރީގެ އެކި މާޤާމުތަކުގައި މަސައްކަތްކުރައްވާފައެވެ. ފަރުޒާނާ ޒާހިރަކީ ނިއުޒީލެންޑުން މާސްޓަރ އޮފް ޑިވެލޮޕްމަންޓް ސްޓަޑީޒް ޙާޞިލުކުރައްވާފައިވާ ބޭފުޅެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް