އެމްއެމްއޭ -- ދުވަސް ފޮޓޯ: އަޒްމީ އަލީ
ގިނަ
ރިސޯޓުތަކުން ދަނީ ގާނޫނާ އެއްގޮތަށް ބޭރުފައިސާ މާރުކުރަމުން ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފިއެވެ.
އެމްއެމްއޭއިން ޢާއްމުކޮށްފައިވާ ކޮމްޕްލަޔަންސް
ރިޕޯޓުން ދައްކާގޮތުން %78 ރިސޯޓުން ޑޮލަރު މާރުކުރުމުގެ ކަންކަން ރަނގަޅަށް ކުރިއަށް
ގެންގޮސްފައިވެއެވެ. އަދި އެންމެ އެކަށީގެންވާ ގޮތެއްގައި ޑޮލަރު މާރުކުރުމުގެ ކަންތައްތައް
%20 ރިސޯޓުން ކުރިއަށް ގެންގޮސްފައިނުވާ ކަމަށްވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
މި %20 ތެރެއިން ގިނަ ރިސޯޓްތަކުން އެކި ސަބަބުތަކާ
ގުޅިގެން ކޮންސެޝަނެއް ދިނުމަށް ވަނީ ހުށަހަޅާފައެވެ. ނަމަވެސް، އެ ފަރާތްތަކަށް
ވަކި ގޮތެއް އަންގަންދެން، ކަނޑައެޅިފައިވާ އިލްތިޒާމްތައް އަދާކުރަމުން
ގެންދިއުމަށް އެމްއެމްއޭއިން ވަނީ ހަނދާންކޮށްދީފައެވެ.
އެމްއެމްއޭ
އިން ބޭރު ފައިސާގެ ގާނޫނުގެ ދަށުން ކަނޑައަޅާފައިވާ ގޮތައް އެއްވެސްގޮތަކަށް ބޭރުފައިސާ
މާރުނުކުރާ ދެ ރިސޯޓުގެ ނަންވެސް ވަނީ
ހާމަކޮށްފައެވެ. އެ ފަރާތްތަކަކީ، ރަހާ ރިސޯޓާއި
ސައުތު ޕާމް ރިސޯޓް މޯލްޑިވްސް އެވެ.
ބޭރު
ފައިސާއާ ބެހޭ ގާނޫނުގެ ދަށުން މާރުކުރަންޖެހޭ ފަރާތްތަކުން ގާނޫނާއި ގަވާއިދާ
އެއްގޮތަށް މާރުކުރުމުގެ ކަންތައްތައް ކުރިއަށް ގެންދިއުމަށް އެމްއެމްއޭއިން
އިލްތިމާސްކުރެއެވެ. އަދި މިހާތަނަށް އެމްއެމްއޭގައި ރަޖިސްޓްރީވެފައި ނުވާ
ފަރާތްތަކަށް ފަހު ފުރުސަތު ދޭކަމަށް ވެސް ބަޔާންކޮށްފައިވެއެވެ.
މަރުކަޒީ
ބޭންކުން އާއްމުކުރި ރިޕޯޓުގެ ކެޓަގަރީ ބީ އަށް ބަލާއިރު އެ ކެޓަގަރީގައި ރަޖިސްޓްރީވެފައިވާ ޓޫރިޒަމް އެސްޓެބްލިޝްމަންޓުގެ ތެރެއިން %48 ތަންތަނުން
ފައިސާ މާރުކުރުމުގެ ކަންކަން ރަނގަޅަށް ކުރިއަށް ގެންގޮސްފައިވެއެވެ. އަދި އެންމެ އެކަށީގެންވާ ގޮތެއްގައި މާރުކުރުން
ކުރިއަށް ނުގެންދަނީ %15 ފަރާތްތަކެވެ. އަދި %37 ތަންތަނުން އެއްވެސް ގޮތަކަށް ޑޮލަރު
މާރުކޮށްފައިނުވާކަން ވެސް އެރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
މި ތަންތަނަކީ ޖުމްލަގޮތެއްގައި
މެދު ފަންތީގެ ވިޔަފާރިތަކަށް ވުމާއެކު މި ފަރާތްތަކަށް ގާނޫނުގެ ތެރެއިން އިތުރު ފުރުސަތުދީ
ކޮމްޕްލަޔަންސް ރަނގަޅުކުރުމަށްޓަކައި އިތުރަށް ހޭލުންތެރިކުރުމުގެ މަސައްކަތްވެސް
ކުރަމުންދާ ކަމަށް އެމްއެމްއޭއިން ހާމަކުރެއެވެ. ކެޓަގަރީ ބީގައި ހިމެނެނީ ގެސްޓްހައުސްތަކާއި
ޓޫރިސްޓް ހޮޓާތަކާއި ސަފާރީތަކާއި ހޯމްސްޓޭ ފަދަ ތަންތަނެވެ.
ކެޓަގަރީ
ސީގައި ހިމެނެނީ އަހަރެއްގެ މައްޗަށް 15 މިލިއަން ޑޮލަރަށްވުރެ ބޮޑު އާމްދަނީއެއް ލިބޭ
ވިޔަފާރިތަކެވެ. މި ކެޓަގަރީގައި ހިމެނޭ ތަންތަނުގެ ތެރެއިން %38 ތަނުން ޑޮލަރު މާރުކުރުމުގެ
ކަންކަން ރަނގަޅަށް ކުރިއަށް ގެންގޮސްފައިވެއެވެ. އެންމެ އެކަށީގެންވާ ގޮތެއްގައި ޑޮލަރު
މާރުކުރުން ކުރިއަށް ނުގެންދަނީ %33 ވިޔަފާރިންނެވެ.
މި ކެޓަގަރީގައި ހިމެނޭ %29 ތަންތަނުން
އެއްވެސް ވަރަކަށް ޑޮލަރު މާރުކޮށްފައިނުވެއެވެ. މި ވިޔަފާރިތަކުން ވެސް ވަނީ ކޮންސެޝަން
ހޯދުމަށް އެދިފައެވެ. އެހެންނަމަވެސް މި ވިޔަފާރިތަކަށް ވެސް ގޮތެއް ނިންމޭނީ ގާނޫނަށް
އިސްލާހު ގެނެސްގެން ކަމަށްވާތީ ގާނޫނަށް އިސްލާހު ގެނައުމަށް ވަނީ ހުށަހަޅާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް