ރާއްޖޭގައި ކޯވިޑް-19 ގެ ހާލަތު އެއް ދުވަހުން އަނެއް ދުވަހަށް ގޯސް ވަމުންދާއިރު ފަރުވާ ދޭން ތިބި ޑޮކްޓަރުންނާއި ނަރުހުން ވަރުބަލިވެފައިވާ ކަމަށް ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފި އެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ކޯވިޑް-19 އާއި ގުޅިގެން އެކުލަވާލާފައިވާ ޓެކްނިކަލް އެޑްވައިޒަރީ ކޮމިޓީ (ޓެކް) ގެ މެމްބަރު ޑރ. ނަޒްލާ މުސްތަފާ ވިދާޅުވީ ކޯވިޑް-19 ފެތުރުން ކޮންޓްރޯލްއިން ނައްޓައި އެޑްމިޓްކޮށްގެން ފަރުވާ ދޭން ޖެހޭ މީހުން އިތުރުވަމުން ދިއުމަކީ ފަރުވާ ދިނުމުގައި އިންސާނީ ވަސީލަތްތައް ބޭނުން ކުރުމުގައި ދަތިތަކާއި ކުރިމަތިވާނެ ކަމެއް ކަމަށެވެ. ޑރ. ނަޒްލާ ވިދާޅުވީ އެ މައްސަލަތައް މިހާރު މާލެ ސަރަހައްދުގެ ކޯވިޑަށް ފަރުވާދޭ ފެސިލިޓީތަކުގައި ދިމާވެފައިވާ ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކޯވިޑް ޖެހިގެން ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދެމުންދާ މީހުންގެ ކައިރީގައި އާއިލާގެ އެއްވެސް މީހަކަށް އެހީތެރިވާން ނުތިބެވޭނެ ކަމަށެވެ. އެހެން ކަމުން އެމީހުންނަށް ފަރުވާ ދިނުމުގެ އިތުރުން ބަލި މީހުންނަށް ދޭންޖެހޭ ހުރިހާ އަޅާލުމާއި ސާފުތާހިރުކޮށް ބެލެހެއްޓުމަކީ ނަރުހުން ކުރާ މަސައްކަތެއް ކަމަށެވެ.
ޑރ. ނަޒްލާ ވިދާޅުވީ ބައެއް ނަރުހުންނަށް ގިނަ އިރު މަސައްކަތް ކުރަން ޖެހުމުން ސިއްހީ މައްސަލަތަކާއިވެސް ކުރިމަތިވަމުންދާ ކަމަށެވެ. އެގޮތުން މާލެ ސަރަހައްދުގައި މަސައްކަތް ކުރާ ނަރުހުންގެ ތެރެއިން 40 އަހަރުން މަތީގެ ވަރަށް ގިނަ މީހުންނަކީ ހަކުރު ބަލި ހުންނަ މީހުންނަށްވާތީ އިތުރު މައްސަލަތައްވެސް ކުރިމަތިވަމުންދާ ކަމަށެވެ.
ކޯވިޑް-19 އަށް ޕޮސިޓިވްވާ މީހުންގެ އަދަދު އިތުރުވެ މާލޭގައި ކޯވިޑަސް ފަރުވާދޭ ހޮސްޕިޓަލުތަކުގެ 62 ޕަސެންޓު ޖާގަ ފުރި އެލާތް ލެވަލް ދޭކަށް އަރާފައިވާކަން އެޗްއީއޯސީން ހާމަ ކުރީ އިއްޔެ އެވެ. މިއާއި އެކު ސިއްހީ ނިޒާމު ފެއިލްވުމާއި ދިމާއަށް މިސްރާބު ޖަހާފައިވާ ކަމަށް ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް