މާލެ ފިޔަވާ ރާއްޖޭގައި ހުރިހާ ރަށެއްގައި މުޒާހަރާ ކުރަން އިދިކޮޅު ޕީޕީއެމް/ ޕީއެންސީ ކޯލިޝަނުން ނިންމައިފި އެވެ.
އިދިކޮޅު ކޯލިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވީ، ހުކުރު ދުވަހު ބާއްވަން ނިންމާފައިވަނީ ސުލްހަވެރި މުޒާހަރާއެއް ކަމަށެވެ. މި މުޒާހަރާއަށް ދީފައިވާ ނަމަކީ"ރާއްޖެ ވިއްކާލުމާ ދެކޮޅަށް އަތޮޅު ތެރޭގެ މުޒާހަރާ" އެވެ.
ޝުޖާއު ވިދާޅުވީ މި މުޒާހަރާ ބޭއްވުމުގެ މައިގަނޑު މަގުސަދަކީ ސަރުކާރުން ހިންގާ ނުރަނގަޅު ކަންތައްތަކާއި، ދަރަނިތައް އިތުރުވެގެން ދިޔުމާއި، ރައްޔިތުންގެ ހަރުމުދާ މޯގޭޖްކޮށްގެން ލޯނު ނެގުމާއި ދެކޮޅަށް ކުރާ މުޒާހަރާއެއް ކަމަށެވެ.އަދި ވައްކަން ކުރުމާއި މަސްވެރިންނަށް ހަމަ އަގު ނުލިބުން ފަދަ ކަންކަމަކީ ސަރުކާރާއި ދެކޮޅަށް މުޒާހަރާ ކުރާ ސަބަބު ކަމަށް ވިދާޅުވި އެވެ.
ގައުމު ތަރައްގީ ކުރުމަށް ލޯނު ނެގުމަކީ މައްސަލައެއް ނޫންކަން ފާހަގަ ކުރައްވާ ޝުޖާއު ވިދާޅުވީ ލޯނު ދީފައި ގައުމުގެ ހަރުމުދާތައް ބޭރުގެ ލޯނުދޭ ފަރާތްތަކަށް ދިނުމަކީ ދިވެހި އެއްވެސް ރައްޔިތަކު ގަބޫލު ކުރާނެ ކަމެއް ނޫން ކަމަށެވެ. އޭނާ ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމުގައިވެސް ލޯނު ނެގިކަމަށާއި އެކަމަކު ރައްޔިތުންގެ ހަރު މުދާ ވިއްކާފައި ނުވާ ކަމަށެވެ.
މިދިޔަ މަހުގެ ފަހުކޮޅު އިދިކޮޅުން މާލޭގައިވެސް މުޒާހަރާ ކުރިއެވެ. ނަމަވެސް، އެ މުޒާހަރާތައް ހުއްޓާލީ ކޮވިޑް-19ގެ ކޭސްތައް މާލޭގައި އިތުރުވާތީ ރައްޔިތުންގެ ކަންބޮޑުވުންތަކެއް ހުރުމުން ކަމަށް އިދިކޮޅުން ބުންޏެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް