ލޮކްޑައުންއަށް ދާން ޖެހޭ ވަރަށް ރާއްޖޭގެ ހާލަތު ގޯސް: ޑރ. ޝީނާ

ކޯވިޑް-19 އަށް ޕޮސިޓިވްވާ މީހުންގެ އަދަދު އިތުރުވެފައިވާ މި ދަނޑިވަޅަކީ އަލުން ރާއްޖެ ލޮކްޑައުންއަކަށް ދާންޖެހިފައިވާ ވަގުތެއް ކަމަށް ޕަބްލިކް ހެލްތު ސްޕެޝަލިސްޓް ޑރ. ޝީނާ މޫސާ ވިދާޅުވެއްޖެ އެވެ. ކޯވި...

23 Aug 2020 | 15:39

ކޯވިޑް-19 އަށް ޕޮސިޓިވްވާ މީހުންގެ އަދަދު އިތުރުވެފައިވާ މި ދަނޑިވަޅަކީ އަލުން ރާއްޖެ ލޮކްޑައުންއަކަށް ދާންޖެހިފައިވާ ވަގުތެއް ކަމަށް ޕަބްލިކް ހެލްތު ސްޕެޝަލިސްޓް ޑރ. ޝީނާ މޫސާ ވިދާޅުވެއްޖެ އެވެ.

ކޯވިޑް ޖެހޭ މީހުން ކުއްލިއަކަށް އިތުރުވެގެން ދިޔައީ ކޯވިޑާއި ގުޅިގެން އެޅި ހަރުކަށި ފިޔަވަޅުތަކަށް މިދިޔަ މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ލުއި ދިނުމާއި ގުޅިގެންނެވެ.

ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ޑރ. ޝީނާ ވިދާޅުވީ މާލޭ ސިޓީގެ ލޮކްޑައުންއަށް ލުއި ދިން އިރުވެސް ކޭސްތައް އިތުރުވާނެ ކަމަށް ގަބޫލު ކުރެވުނު ކަމަށެވެ. އެކަމަކު އޭރު ގަބޫލު ކުރެވުނު ވަރަށްވުރެ ރާއްޖޭގެ ހާލަތު ގޯސްފެވައިވާ ކަމަށެވެ.

ޑރ. ޝީނާ ވިދާޅުވީ މި ވަގުތުގެ އެންމެ ބޮޑު ކަންބޮޑުމާއި ހާސްކަމަކީ މާލެ ސަރަހައްދުގެ ކޯވިޑަށް ފަރުވާދޭ ހޮސްޕިޓަލްތަކުގެ 62 ޕަސެންޓު ޖާގަ ފުރުމާއި ޕޮސިޓިވްވާ ދިވެހިންގެ އަދަދު އިތުރުވުމުގެ އިތުރުން ބަލީގައި މަރުވާ މީހުންގެ އަދަދު އެއް ދުވަހުން އަނެއް ދުވަހަށް އިތުރުވުމެވެ. އެޗްއީއޯސީން އާންމުކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު މިދިޔަ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި 1،000 މީހުންނަށް ކޯވިޑް ޖެހުނު އިރު ހަތަރު މީހަކު ވަނީ މަރުވެފައި އެވެ.

ޝީނާ ވިދާޅުވީ އާންމު ދިރިއުޅުމުގެ ހާލަތަށް ބަލައި މާލެ ސަރަހައްދަށް އެންމެ ރަނގަޅު ފިޔަވަޅުތަކަކީ ކޮބައިތޯ ދެނެގަންނަން ޖެހޭ ކަމަށް ވިދާޅުވި އެވެ. ފުރިހަމަ ލޮކްޑައުނަކަށް ނުދިޔަސް މިހާރުގެ ހާލަތުން، އެޗްޕީއޭގެ ފިޔަވަޅުތައް އަލުން ބަލައި ހަރުކަށި ކުރަން ޖެހިފައިވާ ކަމަށް ގަބޫލު ކުރައްވާކަމަށް ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ ރާއްޖެއިން މި ބަލީގައި މަރުވާ މީހުންގެ އަދަދު އަންދާޒާ ކުރިވަރަށްވުރެ މަދު ނަމަވެސް މިހާރު ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންދާ މީހުންގެ އަދަދު އިތުރުވާނަމަ ކުރިޔަށް އޮތްތާ ގިނަ ބަޔަކު މަރުވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

އެޗްއީއޯސީން މިއަދު ވަނީ މާލޭގައި ކޯވިޑަށް ފަރުވާ މަރުކަޒުތައް62 ޕަސެންޓު ފުރި އެލާޓު ލެވަލް ދޭކަށް އަރާފައިވާ ކަމަށް ބުނެފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް