އެލައިޑުން ފައިސާ ނުދައްކައިގެން ހުކުމް ތަންފީޒުކޮށްދިނުމަށް ޔޮޓް ޓުއާސްއިން އެދިއްޖެ

ޔޮޓް ޓުއާސް އަށް 22 މިލިއަން ޑޮލަރު ދިނުމަށް ސިވިލް ކޯޓުން އެލައިޑް އިންޝުއަރެންސްގެ މައްޗަށް ކުރި ހުކުމް ތަންފީޒުކޮށްދޭން އެ ކޯޓުގައި އެދިއްޖެ އެވެ. ޔޮޓް ޓުއާޒްއަކީ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖ...

23 Aug 2020 | 09:37

ޔޮޓް ޓުއާސް އަށް 22 މިލިއަން ޑޮލަރު ދިނުމަށް ސިވިލް ކޯޓުން އެލައިޑް އިންޝުއަރެންސްގެ މައްޗަށް ކުރި ހުކުމް ތަންފީޒުކޮށްދޭން އެ ކޯޓުގައި އެދިއްޖެ އެވެ.

ޔޮޓް ޓުއާޒްއަކީ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ ކުންފުންޏެކެވެ. އެ ކުންފުންޏަށް އެލައިޓުން ފައިސާ ދައްކަން ޖެހޭ ކަމަށް ހުކުމް ކުރީ ޔޮޓް ޓުއާސް އިން ހިންގި އަލިދޫ ރިސޯޓަށް 2014 ވަނަ އަހަރު ލިބުނު ގެއްލުންތަކާ ގުޅިގެން އިންޝުއަރެންސްގެ ގޮތުގަ އެވެ.

ސިވިލް ކޯޓުން އެލައިޑާއި ދެކޮޅަށް ހުކުމް ކުރީ މިދިޔަ މަހު އެވެ. އެ ހުކުމުގައި ބުނެފައިވާގޮތުގައި ޖާބިރުގެ ކުންފުންޏަށް އެލައިޑުން ފައިސާ ދައްކާ ހަލާސްކުރަން ޖެހެނީ ހަ މަހަށް ބަހާލައިގެންނެވެ.

ޖާބިރުގެ ކުންފުނިން މިއަދު ސިވިލް ކޯޓަށް ފޮނުވި ސިޓީގައި ބުނެފައިވަނީ އެ ހުކުމުގެ ދަށުން ފުރަތަމަ މަހު ދައްކަންޖެހޭ 3.7 މިލިއަން ޑޮލަރު އެލައިޑުން ކޯޓަށް ދައްކާފައި ނުވާ ކަމަށެވެ. އަދި ކޯޓުގެ ހުކުމާއި އެލައިޑުން ހިލާފުވެފައިވާ ކަމަށެވެ.

އެހެންވެ، އެ ހުކުމް ތަންފީޒު ކުރުމަށް އަވަސް ފިޔަވަޅުތަކެއް އަޅައިދޭން އެދިފައިވެ އެވެ.

އިންޝުއަރެންސްގެ ގޮތުގައި ލިބެންޖެހޭ 22 މިލިއަން ޑޮލަރުގެ ހުކުމް ތަންފީޒު ކުރަން ޔޮޓް ޓުއާސް އިން އެދުނުއިރު، އިންޝުއަރެންސް ފައިސާ ދޭން އެލައިޑުން ދެކޮޅު ހެދުމުގެ ސަބަބުން ލިބުނު ގެއްލުންތަކުގެ ބަދަލު ހޯދަން އެ ކުންފުންޏާ ދެކޮޅަށް ދައުވާ ކުރާނެ ކަމަށް ވެސް ޔޮޓް ޓުއާސް އިން ކުރިން ވަނީ ބުނެފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް