ކޯވިޑް-19 އަށް ފަރުވާ ދިނުމަށް މާލެ ސަރަހައްދުގައި ހަދާފައިވާ ހޮސްޕިޓަލްތަކުގެ 62 ޕަސެންޓު ޖާގަ ފުރިއްޖެ އެވެ.
އެކަން ހާމަ ކުރީ އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ފާތިމަތު ނަޒްލާ ރަފީގު ކުރެއްވި ޓުވީޓެއްގައި އެވެ.
ޑރ. ނަޒްލާ ވިދާޅުވީ ކޯވިޑް ޖެހިގެން ހާލު ސީރިއަސްވެދާނެ ފަދަ މީހުންނަށް ބަލި ޖެހުމުގެ ފުރުސަތު ކުޑަކުރުމަށް އެކުގައި މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. އޭނާ ކުރެއްވި ޓުވީޓުގައި ވިދާޅުވެފައިވާ ގޮތުގައި ކޯވިޑް ޖެހިފައިވާ މީހުންގެ ތެރެއިން ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ދޭން ޖެހޭ މީހުން ކުއްލިއަކަށް އިތުރުވާން ފަށާފައިވަނީ މިދިޔަ ޖުލައި މެދުތެރޭގައި އެވެ.
އެޗްއީއޯސީން ކަނޑައަޅާފައިވާ ގޮތަށް ބަލާއިރު މާލެ ސަރަހައްދުގައި ކޯވިޑް-19 އަށް ފަރުވާދޭ ފެސިލިޓީތަކުގެ ޖާހަ 62 ޕަސެންޓަށް އެރުމުން ބައްޔަށް ފަރުވާ ދޭން މީހުން އެޑްމިޓް ކުރަން ޖެހުމުން ސަމާލުކަން ދޭންޖެހޭ އެލާޓް ލެވެލްއަށް ވަނީ ބަދަލު އައިސްފައި އެވެ. އެގޮތުން މިހާރު އެ ލެވެލް ވަނީ ދޭކަށް އަރާފައި އެވެ. އެއީ 60-79 ޕަސެންޓާއި ދެމެދުގެ އަދަދެއްގެ އެނދު ފުރިފައި ހުރުމުންނެވެ.
މާލެ ސަރަހައްދުގައި ކޯވިޑަށް ފަރުވާ ދެނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީ އަދި ދަރުމަވަންތަ ހޮސްޕިޓަލްގެ 11 އަދި 16 ވަނަ ފަންގިފިލާގައި އެވެ. އޭގެ ތެރެއިން ހުޅުމާލޭ މެޑިކަލް ފެސިލިޓީ އަކީ 268 އެނދުގެ ޖާގައިގެ ތަނެކެވެ. ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާ ދެވެނީ 18 މީހުންނަށެވެ.
https://twitter.com/nazla_r/status/1297436000189177856
މީގެ ކުރިން ޓެގް ޓީމުން ބުނެފައިވާގޮތުގައި ހޮސްޕިޓަލްތަކުގެ އެނދުގެ 90 ޕަސެންޓު ފުރިއްޖެ ނަމަ ކޯވިޑް-19 އާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތައް ކުރިއެކޭ އެއްގޮތަށް ހަރުކަށި ކުރަން ޖެހޭނެ އެވެ. ކޯވިޑް-19 އާއި ގުޅިގެން އެޅި ހަރުކަށި ފިޔަވަޅުތަކަށް ލުއި ދީ އާންމު ހާލަތުގައި ގައުމު ހުޅުވާލީ މިދިޔަ މަހުގެ އެއް ވަނަ ދުވަހު އެވެ.
އޭގެ ފަހުން ކޯވިޑަށް ޕޮސިޓިވްވާ މީހުން އެއް ދުވަހުން އަނެއް ދުވަހަށް އިތުރުވަމުންދާއިރު އެޗްއީއޯސީން ދަނީ އެޗްޕީއޭގެ އެންގުންތަކަށް ބޯލެނބުމަށް އާންމުންގެ ކިބައިން އެދެމުންނެވެ. އެޗްއީއޯސީން ބުނީ ރާއްޖޭގައި ކޯވިޑްގެ ހާލަތު އިތުރަށް ގޯސްވަމުންދާކަމުގެ ހެކިތައް މިދިޔަ ހަފްތާއެއްހާ ދުވަހަށް އެކަނި ބަލާލިޔަސް ފެނިފައިވާ ކަމަށެވެ.
މިދިޔަ ހަފްތާގައި އެކަނި ރާއްޖެއިން ކޯވިޑަށް 1،000 އަށްވުރެ ގިނަ މީހުން ޕޮސިޓިވްވެފައިވެ އެވެ. އަދި ހަފްތާއެއްގެ ތެރޭގައި ހަތަރު މީހުން ކޯވިޑް ޖެހިގެން މަރުވެފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް