ޓޫރިޒަމް މިނިސްޓަރަކަށް ޑރ. އަބްދުﷲ މައުސޫމް އައްޔަން ކުރުމަށް ރުހުން ދޭން ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީން ފާސްކޮށްފި އެވެ.
އެ ކޮމިޓީން މިގޮތަށް ފާސްކުރީ ކޮމިޓީގެ އިއްތިފާގުންނެވެ.
ޑރ. މައުސޫމް ޓޫރިޒަމް މިނިސްޓަރަކަށް އައްޔަން ކުރެއްވީ ކުރިން އެ މަަގާމުގައި ހުންނެވި އަލީ ވަހީދު މަގާމުން އިސްތިއުފާދެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެންގެވުމުން އިސްތިއުފާ ނުދެއްވުމުން މަގާމުން ވަކި ކުރުމުންނެވެ. އަލީ ވަހީދު އިސްތިއުފާ ދެއްވުމަށް ރައީސް ސޯލިހު އެންގެވީ އެ މިނިސްޓްރީގެ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ފުރައްސާރަ ކުރި ކަމުގެ ތުހުމަތު ކުރެވުމާއި ގުޅިގެންނެވެ.
މިނިސްޓަރު ކަމަށް އައްޔަން ކުރެއްވުމާއި ހަމައަށް ޑރ. މައުސޫމް ހުންނެވީ ރާއްޖެއިން ސިންގަޕޫރަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ މަގާމުގައި އެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައިވެސް ޑރ. މައުސޫޫމް ޓޫރިޒަމް މިނިސްޓަރުކަން ކުރެއްވި އެވެ.
ސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީން ޑރ. މައުސޫމަށް ރުހުން ދޭން ނިންމިޔަސް އެކަން ފާސްވާނީ މަޖިލީހުގެ ތަޅުމުގައި ވޯޓު ނެގުމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް