ރާއްޖެއިން ކޯވިޑަށް ޕޮސިޓިވްވެގެން ފަރުވާ ދެމުންދާ މީހުންގެ ތެރެއިން ހާލު ސީރިއަސް 10 މީހަކު އެބަ ތިބި ކަމަށް ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފި އެވެ.
އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްޕީއޭގެ ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ ޕޮސިޓިވްވެގެން ފަރުވާ ހޯދަމުންދާ 2،521 މީހުން އެބަތި ކަމަށެވެ. އޭގެ ތެރެއިން 169 މީހަކަށް ފަރުވާ ދެމުންދަނީ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ކަމަށް ވިދާޅުވި އެވެ.
އޭގެ ތެރެއިން 10 މީހެއްގެ ހާލު ސީރިއަސްވެގެން ފަރުވާ ދެމުންދަނީ އައިސީޔޫގައި އެވެ. އައިސީޔޫގައި ފަރުވާ ދެމުންދާ މީހުންގެ ތެރެއިން ފަސް މީހަކަށް ފަރުވާ ދެމުން ދަނީ ވެންޓިލޭޓަރުގައި އެވެ.
އައިސޮލޭޝަން ފެސިލިޓީތަކުގައި 1،419 ޕޮސިޓިވް މީހުން އެބަތިއްބެވެ.
ކޯވިޑް-19 އަށް މިހާތަނަށް ފަރުވާ އެއް ހޯދިފައިނުވާއިރު ސިއްހީ މާހިރުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ބަލި ޖެހޭ މީހުންގެ އަދަދަށްވުރެ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ދޭން ޖެހޭ މީހުންގެ އަދަދު އިތުރުވުމެވެ. އަދި އުމުރުން ދުވަސްވީ މީހުންނާއި ބޮޑެތި ބަލިތަކަށް ފަރުވާ ހޯދާ މީހުންނަށް ބަލި ޖެހުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށް އެޗްއީއޯސީން ބުނެފައިވެ އެވެ.
އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ފާތިމަތު ނަޒްލާ ރަފީގު ވިދާޅުވީ ކޯވިޑް-19 ގައި ރާއްޖޭގެ މިސްރާބު ރަނގަޅު ނޫން ކަމަށެވެ. އެގޮތުން މިދިޔަ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ރާއްޖެއިން ކޯވިޑް ޖެހިގެން ފަރުވާ ދެމުން ދިޔަ ހަތަރު މީހަކު މަރުވެ އެއް ދުވަހާއި 200 އަށްވުރެ ގިނަ މީހުން ޕޮސިޓިވްވެފައިވާ ކަމަށް ވިދާޅުވި އެވެ.
މިހާތަނަށް ރާއްޖެއިން 26 މީހަކު މި ބަލީގައި މަރުވެފައިވެ އެވެ. އޭގެ ތެރޭގައި ހިމެނެނީ ހަ ބިދޭސީންނާއި 20 ދިވެހިންނެވެ.
މިހާތަނަށް ރާއްޖެއިން 6،660 މީހުން ކޯވިޑަށް ޕޮސިޓިވްވެފައިވެ އެވެ. ބަލި ޖެހުނު މީހުންގެ ތެރެއިން ރަނގަޅުވެފައިވަނީ 4،113 މީހުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް