ތަހުގީގުތަކަށް ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބުގެ އެހީތެރިކަން ލިބޭ ކަމަށް އެސެޓް ރިކަވަރީ ކޮމިޝަނުގެ ރައީސް އަހުމަދު އައްސަދު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ކުރިއަށް ގެންދިޔަ ބައްދަލުވުމުގައި "ދުވަސް" އިން ކުރި ސުވާލަށްކަށް ޖަވާބު ދެއްވަމުން އެސެޓް ރިކަވަރީ ކޮމިޝަނުގެ ރައީސް އަހުމަދު އައްސަދު ވިދާޅުވީ، އެ ކޮމިޝަނުން ހިންގާ ތަހުގީގުތަކަށް އަދީބްގެ އެއްބާރުލުން ލިބޭ ކަމަށެވެ. ނަމަވެސް އެހީތެރިކަން ލިބުމުގައި ކޮމިޝަން ތެރޭގައި ހިޔާލުތަފާތުވުންތަކެއް ހުރިކަމަށް އައްސަދު ވަނީ ވިދާޅުވެފައެވެ. އެގޮތުން އެހީތެރިކަން ދޭވަރަށް ވުރެ ރަނގަޅަށް ލިބެންޖެހޭ ކަމަށް ބައެއް މެމްބަރުން ވިދާޅުވާއިރު، ލިބޭ މައުލޫމާތުތަކުން ފުދޭ ކަމަށްވެސް ބައެއް މެމްބަރުން ވިދާޅުވާ ކަމަށް އައްސަދު ވިދާޅުވިއެވެ.
އައްސަދު ވިދާޅުވީ، ދާދިފަހުން އަދީބްގެ މައްސަލަތައް ކޯތުން ބޭރުކޮށް މައްސަލަ އިސްތިއުނާފްކުރެވިގެން ދިޔަ އިރުވެސް އެހީތެރިކަން އެ ކޮމިޝަނަށް ލިބުނު ކަމަށެވެ. އަދި އަދީބް ދެއްވި މައުލޫމާތުތަކުގެ ސައްހަކަން އެ ކޮމިޝަންނުން ބަލާނެކަމަށެވެ.
މީގެ އިތުރުންވެސް އައްސަދު ވަނީ ތަހުގީގުތައް ކުރިއަށް ގެންދިޔައިރު ދިމާވި ދަތިތަކަށްވެސް އަލިއަޅުވާލައިފައެވެ. އެ މަސައްކަތް ކުރުމުގައި ދިމާވި އެންމެ ބޮޑު ގޮންޖެހުމަކީ މައުލޫމާތު ލިބުމުގައި ދިމާވި ދަތިކަން ކަނަް އައްސަދު ވަނީ ވިދާޅުވެފައެވެ.
އެކަން އެންމެ ބޮޑަށް ކުރިމަތިވިކަން ފާހަގަކުރެއްވީ އެގޮތުން ބިޒްނަޒް ސެކްޓަރުން ކަމަށް އައްސަދު ވިދާޅުވިއެވެ. 2019 ވަަނަ އަހަރުގެ އޮގަސްޓު މަހާ ހަމައަށް ބޭންކް އޮފް މޯލްޑިވްސުން މައުލޫމާތު ފޯރުކޮށްދޭން އިންކާރު ކުރިކަމަށާއި އެކަމަކު ފަހުން މައުލޫމާތުދީފައިވާ ކަން އައްސަދު ފާހަގަކުރެއްވިއެވެ.
އޭގެ އިތުރުން އައްސަދު ވިދާޅުވީ، މިއަހަރުގެ ފެބްރުއަރީ މަހުން ފެށިގެން އޮފީހަކަށް ވަދެ، މަސައްކަތް ކުރުމުގެ ފުރުސަތު ލިބުން ނަމަވެސް މައުލޫމާތު ހޯދުމުގައި ދިމާވި ދަތިތަކުގެ ސަބަބުން ތަހުގީގުތަކަށްވެސް ދަތިތައް ކުރިމަތިވި ކަމަށެވެ.
އައްސަދު އިތުރަށް ވިދާޅުވީ، އެމްއެމްޕީއާރްސީގެ ކޮރަޕްޝަން މައްލައިގައި އެ ކޮމިޝަނުން ތައްޔާރުކުރި ލިސްޓުގައި ހިމެނޭ ބައެއް ބޭފުޅުން މި ސަރުކާރުގެ މަގާމުތަކުގައި ތިބުން އެކަށީގެންވާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް