ބިދޭސީންގެ އަތްމައްޗަށްގޮސް ގެއްލިފައިވާ، އަސްލު ދިވެހި ރަހަ، ހުޅުމާލެ "ރަށު ހޮޓާ – ދިއްދޫ" އިން

ދިވެހި ވަންތަ ސީދާ ދިވެހި ހަވާދުތަކާއި ދިވެހި ރެސިޕީ ތަކުގެ ކެއުމަކީ ދިވެހިންގެ ފަހުރެވެ. ރަށުގައި އަމިއްލަ ގޭގެ ބަދިގޭގައި މަންމައާއި ދައްތަމެން އަމިއްލައަށް ހަވާދު ދަވައިގެން ބުރަ މަސައްކަތުން އެ ތަ...

23 Jul 2020 | 15:22

ދިވެހި ވަންތަ ސީދާ ދިވެހި ހަވާދުތަކާއި ދިވެހި ރެސިޕީ ތަކުގެ ކެއުމަކީ ދިވެހިންގެ ފަހުރެވެ. ރަށުގައި އަމިއްލަ ގޭގެ ބަދިގޭގައި މަންމައާއި ދައްތަމެން އަމިއްލައަށް ހަވާދު ދަވައިގެން ބުރަ މަސައްކަތުން އެ ތައްޔާރުކޮށްލާ ކެއުންތަކުން ފިޔަވައި މިއަދު ދިވެހި ވަންތަ އެ ރަހަ ނުލިބެއޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ.

ދިވެހި ވަންތަ އެ ރަހަ ވަނީ ބިދޭސީންގެ އަތްމައްޗަށް ހޮޓާތަކާއި ރެސްޓޯރެންޓްތަކުގެ ބަދިގެ ގޮސްގެން ގެއްލިފައެވެ.

ގެއްލިފައިވާ ދިވެހިވަންތަ އެ ރަހަ ލިބޭ ހޮޓަލެއް ހުޅުމާލޭގައި މިވަނީ ހުޅުވާފައެވެ. ނަމަކީ "ރަށު ހޮޓާ – ދިއްދޫ" އެވެ.

ރަށު ހޮޓަލުގެ ހާއްސަ އެއް ކަމަކީ ދިއްދޫ ރިހައެވެ. ދެވަނަ ކަމަކީ އެ ރިހަ ތައްޔާރުކުރާ ދިއްދޫ ކައްކާ، އަލީ ރަޝީދު "އަލިބެ" އެވެ.

ކެއްކުމުގެ ދާއިރާގައި 30 އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާގެ އަލީގައި އަލިބެ ކައްކަމުން، ކާންދެމުން އެ އަންނަނީ ސީދާ ދިވެހި ރަހައެވެ. އެ ރިހަތައް ތައްޔާރު ކުރަމުން އެ އަންނަނީ ހަވާދު، ޒަމާންވީ ގޮތަށް ދާއިން ފުނޑައިގެންނެވެ. އަސޭ މިރުސް ވިޔަސް، ލޮނުމިރުސް ވިޔަސް ޕެކެޓު ހަވާދެއް އަލިބެ ބޭނުމެއް ނުކުރެއެވެ. އެ ރިހަތަކާއި ރަހަތައް ގެންނަނީ ނުމުގުރާ ތަކެތި ގެނެސްގެންނެވެ.

އަލިބެ ބުނާ ގޮތުންނަމަ "އެއް ފަހަރު މިތަނުން ކައިފިނަމަ، ދެވަނަ ފަހަރު އަންނާނެކަން ކަށަވަރެވެ. މިއީ ކޮންމެ މީހަކަށްވެސް އެމީހެއްގެ ރަށު ހޮޓާ" ކަމުގައި އަލިބެ ސިފަ ކުރެއެވެ.

"މަސްހުނި ހަދާއިރުވެސް ނާޅަން ރީނދުލެއް، އަޖިނަމޮޓޯއެއް، އެއީ ބިދޭސީން ބޭނުންކުރާ ތަކެތި، ކުކުޅު ރިހައަށް ކުކުޅު ރަހަ ގެންނާނީ ކުކުޅުން، މަސް ރިހައަށް މަސް ރަހަ ގެންނާނީ މަހުން" ތަޖުރިބާގެ އަލީގައި އަލިބެ ބުންޏެވެ.

ރަށު ހޮޓާ – ދިއްދޫ، ހުންނަނީ ހުޅުމާލޭގެ ސީދާ ބޮޑުމަގުން ގޮސް ސެކަންޑް ފޭސް ބުރިޖާ ކައިރިން ކަނާތަށް ބީޗު ކައިރިން ގޮސް އެއް މަގު ދޫކޮށްފައެވެ.

ކޯވިޑް-19ގެ މި ހާލަތުގައި ރަށު ހޮޓާ ހުޅުވާފައި ހުންނަނީ ފަތިހު 05:30 އިން ފެށިގެން ރޭގަނޑު 10:45 އަށެވެ. 24 ގަޑިއިރަށް ހުއްދަ ދޭން ފެށުމުން އެ ބަދަލުވެސް އެ ހޮޓަލުން ފެނިގެންދާނެ ކަމަށް ރަށު ހޮޓަލުން ބުނެއެވެ.

ރަށު ހޮޓާ- ދިއްދޫ، ފޭސްބުކް ޕޭޖް: https://web.facebook.com/rashuhota

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް