ފިޝަރީޒް މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑައިރެކްޓަރު އަހުމަދު ފަޒީލަށް ކުރާ ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުތައް އޭނާ ދޮގުކޮށްފި އެވެ.
ފަޒީލް އެ މަގާމަށް އައްޔަން ކޮށްފައިވަނީ އެމްއާރުއެމްގެ ސްލޮޓެއްގައި އެވެ. ޖިންސީ ގޯނާގެ ތުހުމަތުތަކާއި ގުޅިގެން އެމްއާރުއެމްގެ އެދުމުގެ މަތިން އޭނާ ވަނީ މަގާމުން ސަސްޕެންޑު ކޮށްފައި އެވެ.
މިކަމާއި ގުޅިގެން ފަޒީލް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އޭނާގެ އުމުރުން 17 އަހަރުގައި ކުރި ކަމަށް ތުހުމަތު ކުރާ ޖިންސީ ގޯނާގެ ތުހުމަތުތަކަކީ ދޮގެއްކަމަށެވެ. އޭރު އެ މައްސަލަ ބަލަން ފެށުމުން ސިޔާސީ ނުފޫޒުން އެކަން ހުއްޓުވާފައިވާ ކަމަށް ބުނާ ވާހަކަތަކާ ގުޅިގެން އޭނާ ބުނީ އޭރު ސިޔާސީ އެއްވެސް ކަމެއްގައި އުޅެފައި ނުވާނެ ކަމަށެވެ.
އިތުރު ޓުވީޓެއްގައި ބުނެފައިވަނީ ސޯޝަލް މީޑިއާގައި ކުރަމުންދާ ތުހުމަތުތައް ވީ އެންމެ އަވަހަކަށް ބަލައި ތަހުގީގުކުރުމަށް މިދިޔަ އަންގާރަ ދުވަހު އޭނާ އަމިއްލަ އަށް ފުލުހުންނަށް ހުށަހަޅާފައިވާނެ ކަމަށެވެ. އަދި އޭނާގެ ފަރާތުން އެއްވެސް މީހަކަށް އުނދަގުލެއް ވެފައިވާ ނަމަ އެކަމަށް މާފަށް އެދޭ ކަމަށް ވިދާޅުވެފައިވެ އެވެ.
ފަޒީލްގެ މައްޗަށް ކޮށްފައިވާ ތުހުމަތުތަކުގެ ތެރޭގައި ކުދިންގެ ގަޔަށް އަތްލުމާއި ބަދުއަޚުލާގީ އަމަލުތައް ހިންގާ މަންޒަރާއި އޮރިޔާން ފޮޓޯ ފޮނުވުން ފަދަ ކަންކަން ހިމެނެ އެވެ.
މި މައްސަލައިގަ އެމްއާރުއެމްއިން ވަނީ އެ ޕާޓީގެ ހަރަކާތްތަކުން ފަޒީލް އެކަހެރިކޮށްފައި އެވެ. އަދި ޕާޓީންވެސް އެ މައްސަލަ ދަނީ ބަލަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް