ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ މަގާމަށް މ. މާފުށީގެ ނިއުމާތު ޝަފީގު އައްޔަން ކުރައްވައިފި އެވެ.
ނިއުމަތު އެމަގާމަށް އައްޔަން ކުރެއްވީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ 113 ވަނަ މާއްދާގެ ދަށުންނެވެ. އޭނާ އެ މަގާމަށް އައްޔަން ކުރެއްވީ ރައީސް އޮފީހުގައި މިއަދު އޮތް ރަސްމިއްޔާތެއްގައި އެވެ.
ނިޢުމާތަކީ އިންޓަނޭޝަނަލް މާސްޓާ އިން އާލީ ޗައިލްޑްހުޑް ހާސިލުކުރައްވާފައިވާ ބޭކަނބަލެކެވެ. މީގެ އިތުރުން، އެކަމަނާ ވަނީ އޮސްޓްރޭލިއާގެ ޔުނިވާސިޓީ އޮފް ސަދަން ކުއީންސްލެންޑުން ބެޗެލާ އޮފް އާލީ ޗައިލްޑްހުޑް ހާސިލުކުރައްވާފައެވެ.
މި މަގާމަށް އައްޔަން ކުރުމާއި ހިސާބަށް ނިއުމަތު ހުންނެވީ ޔުނިސެފްގެ ކޮންސަލްޓަންޓެއްގެ މަގާމުގައެވެ. އަދި، ވޮލެންޓިއާކޮށް މޯލްޑިވްސް ގާލް ގައިޑްސް އެސޯސިއޭޝަންގެ ޗީފް ކޮމިޝަނާގެ މަގާމު ފުރުއްވުމުގެ އިތުރުން އެ ކަމަނާ ވަނީ ޕާޓް-ޓައިމްކޮށް މަތީ ތަޢުލީމު އުނގަންނައިދޭ ބައެއް މުޢައްސަސާތަކުގައި ލެކްޗަރާ އެއްގެ މަގާމު ވެސް އަދާކުރައްވާފައެވެ.
ޗިލްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހަކީ، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން އުފައްދަވާފައިވާ މިނިވަން، މުސްތަގިއްލު އިދާރާއެކެވެ.
ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނެނީ ދައުލަތުގެ އިދާރާތަކުން ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނަށް އަމަލުކުރާ މިންވަރު ދެނެގަނެ، މި ގާނޫނު ތަންފީޒުކުރުމަށް ކުރަންޖެހޭ ކަންކަން ކުރުމަށް ބާރުއެޅުމެވެ. އަދި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާބެހޭ މުއާހަދާއާއި އެއްގޮތަށް ދައުލަތުގެ އިދާރާތަކުން އަމަލުކުރާ މިންވަރު ދެނެގަނެ، އެ މުޢާހަދާއާއި އެއްގޮތަށް ޢަމަލުކުރާކަން ކަށަވަރުކުރުމުގެ ގޮތުން ކުރަންޖެހޭ އެންމެހައި ކަންކަން ކުރުމަކީ މަސްއޫލިއްޔަތެކެވެ.
ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކޮށްދިނުމުގައި ހަރަކާތްތެރިވާ އިދާރާތަކާއި މުވައްޒަފުން މޮނިޓާކޮށް އިވެލުއޭޓްކުރުމުގެ އިތުރުން ކުޑަކުދިންގެ ހައްޤުތައް ރައްކާތެރިކޮށްދިނުމުގައި ހަރަކާތްތެރިވާ އިދާރާތަކާއި މުވައްޒަފުންގެ ޢަމަލުތައް ތަޙުޤީޤުކޮށް މުޠާލިޢާ ކުރަން ޖެހެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް