ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހް، "ނެޝަނަލް ޓާސްކްފޯސް އޮން ރެސިލިއަންސް ބިލްޑިންގ އެންޑް އިކޮނޮމިކް ރިކަވަރީ" އާއި ބައްދަލުކުރައްވައި ކޮވިޑް-19ގެ ސަބަބުން ކުރިމަތިވި ހާލަތުން އަރައިގަނެ، އިޤްތިޞާދު ނެގެހެއްޓުމަށް މެދު ރާސްތާގައި ކުރުމަށް ރާވާފައިވާ ކަންކަމާއިގުޅޭ ގޮތުން މަޝްވަރާކުރައްވަފައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރިއަށްގެންދެވި ބައްދަލުކުރެއްވުމުގައި، "ނެޝަނަލް ޓާސްކްފޯސް އޮން ރެސިލިއަންސް ބިލްޑިންގް އެންޑް އިކޮނޮމިކް ރިކަވަރީ" ގައި ހިމެނޭ "ވަރކިންގ ގްރޫޕް އޮން އިކޮނޮމިކް ރިކަވަރީ"ން ރައީސުލްޖުމްހޫރިއްޔާ އާއި ޓާސްކްފޯރސްގެ މެންބަރުންގެ މަޝްވަރާއަށް ކޮވިޑް-19 ގެ ސަބަބުން މާލީ ގޮތުންނާއި އިޤްތިޞާދީ ގޮތުން އަސަރުކޮށްފައިވާ މީހުންނާއި ކުންފުނިތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކާއި، ކުރިއަށް ރާއްވަވާފައިވާ ކަންކަން ހިމެނޭ ދެ ޕްރެޒެންޓޭޝަނެއްވަނީ ހުށަހަޅުއްވާފައެވެ.
މި ޕްރެޒެންޓޭޝަންގައި އިތުރަށް ހިމަނުއްވާފައިވަނީ، ވިޔަފާރިއާއި ގުޅޭ އަދި ސަރުކާރުގެ ބައެއް ޚިދުމަތްތައް ލާމަރުކަޒުކޮށް، އަތޮޅުތަކުގައި އިޤްތިޞާދީ ހަރަކާތްތައް އިތުރު ކުރާނެ ގޮތްތަކާއި، މީހުންގެ ދިރިއުޅުން އަތޮޅުތަކަށް ބަދަލުކުރުމުގައި އެހީތެރިވެދެވިދާނެ ބައެއް ގޮތްތަކެވެ.
ސަރުކާރުގެ ލާމަރުކަޒު ކުރުމުގެ ސިޔާސަތުގެ ދަށުން ހިންގުމަށް ރާވާފައިވާ މަޝްރޫޢުތަކާއި، ގެންނަން ނިންމަވާފައިވާ ބަދަލުތައް ހަލުވިކުރުމުގެ މުހިންމުކަން މި ޕްރެޒެންޓޭޝަނުގައި ހުރި ކަންކަމަށް އަލިއަޅުއްވައިލައްވައި ވާހަކަފުޅު ދައްކަވަމުން ރައީސާއި ޓާސްކްފޯރސްގެ މެމްބަރުންވަނީ ފާހަގަކުރައްވާފައެވެ.
"ވަރކިންގ ގްރޫޕް އޮން އިކޮނޮމިކް ރިކަވަރީ" އިން ދެވަނައަށް ހުށަހަޅުއްވާފައިވާ ޕްރެޒެންޓޭޝަންގައި ހިމަނާފައިވަނީ، ގިނަ ސިނާއަތްތަކެއްްގެ މައްޗަށް ބަރޯސާވެފައި އޮންނަ އިޤްތިޞާދެއްގައި ދަނޑުވެރިކަމުގެ ދައުރު އިތުރަށް ފުޅާކޮށް، ދަނޑުވެރިކަމަކީ އިޤްތިޞާދުގެ މުހިންމު ސިނާޢަތެއްގެ ގޮތުގައި ތަރައްޤީ ކުރުމަށް ސަރުކާރުން ރާވާފައިވާ ކަންކަމަށެވެ.
މީގެ އިތުރުން، މި ސިނާޢަތް ތަރައްޤީ ކުރުމުގައި ދަނޑުވެރިންނާއި، މި ސިނާޢަތުގައި ހަރަކާތްތެރިވާ އަމިއްލަ ވިޔަފާރިތަކުގެ ބައިވެރިވުން އިތުރުކުރާނެ ގޮތްތަކާއިމެދުވެސް މި ބައްދަލުކުރެއްވުމުގައި ވަނީ މަޝްވަރާކުރައްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް