ފުވައްމުލަކު ސިޓީގެ ފަރިކެޑެއަކީ ހިމާޔަތްކޮށްފައިވާ ސަރަހައްދެއްގެ ގޮތުގައި އެންވަޔަރަމަންޓް މިނިސްޓްރީން ކަނޑައަޅައިފިއެވެ.
ފުވައްމުލަކުގެ ފަރިކެޑެ ސަރަޙައްދަކީ ޙިމާޔަތްކޮށްފައިވާ ސަރަހައްދެއް ކަމުގައި ހަމަޖައްސަވާފައި ވަނީ ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާއިބެހޭ ޤާނޫނުގެ 4 ވަނަ މާއްދާގެ ދަށުން އެންވަޔަރަމަންޓް މިނިސްޓްރީއަށް ލިބިފައިވާ ބާރުގެ ދަށުންނެވެ. އަދި އެ ސަރަހައްދު ބެލެހެއްޓުމުގައި ޢަމަލު ކުރާނީ ޤުދުރަތީ ނުވަތަ ޠަބީޢީގޮތުގައި ރައްކައުތެރިކޮށް ދަމަހަށްޓާ ތަންތަނާބެހޭ ގަވައިދުގައިވާގޮތުގެ މަތިންކަމަށްވެސް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.
އެ ސިޓީގެ ފަރިކެޑެ ސަރަހައްދަކީ އެކި ބާވަތްތަކުގެ މިޔަރު ސާފުވުމަށާއި ވިހެއުމަށް ޖަމާވެ އުޅޭ ސަރަހައްދެކެވެ. އެގޮތުން މި ސަރަހައްދުން އާއްމުކޮށް ފެންނަ މުހިއްމު ދިރުން ތަކުގެ ތަރޭގައި ކަނޑި މިޔަރު,ފާނަ މިޔަރު, އެންމަޑި،އަދި ފެހުރިހި ހިމެނެއެވެ.
އެންވަޔަރަމަންޓް މިނިސްޓްރީން ބުނީ، އެމަޖެންސީ ނުވަތަ މީހެއްގެ ފުރާނައަށް ގެއްލުމެއް ލިބިދާނެ ޙާލަތެއްގައި މެނުވީ ފުވައްމުލަކު ފަރިކެޑެ ސަރަޙައްދަށް ނަގިލިލުމަކީ މަނާކަމެއް ކަމަށާއި، އެ ސަރަހައްދުން ދޫނިސޫފާ ސޫފި ހިފުމާއި ނެގުމާއި، މެރުމަކީ މަނާކަމެއްކަމަށެވެ. އަދި ކުނި އެޅުމާއި، ވެލި، މުރަކަ، އަކިރި ނެގުމަކީވެސް މަނާކަމެއް ކަމަށާއި، އެއްވެސް ބާވަތެއްގެ ދިރުމެއް ތަޢާރަފުކުރުމަކީވެސް މަނާކަމެއްކަމަށް އެ މިނިސްޓްރީން ބުނެފައިވެއެވެ.
މި ދިރުންތަކަކީ ބައިނަލްއަގްވާމީ ގޮތުން ނެތިދިޔުމުގެ ބިރުހީވެފައިވާ ދިރުންތައް ކަމުން މި ފަދަ ދިރުންތައް ސާފުކުރުމަށާއި ވިހައި އާލާވުމަށް ބޭނުންކުރާ މި ސަރަހައްދު ހިމާޔަތްކުރުމަކީ މުހިއްމު ކަމެކެވެ. ފަރިކެޑެ ސަރަހައްދުގެ ފަޅާއި ފަރަށް އާއްމުންނާއި ފަތުރުވެރިން ޒިޔާރަތްކުރުމާއި، މަހަށް ކާން އެޅުމާއި ދިރާސާކުރުން ކަނޑައެޅިފައިވާ އުޞޫލެއްގެ ދަށުން ޚާއްސަ ހުއްދައަކާއެކު ކުރެވިދާނެކަމެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް