ސްކޫލް މާހައުލު ވަރަށް ރައްކާތެރި، މިހާތަނަށް އެއްވެސް މީހަކު ޕޮސިޓިވް ނުވޭ!

ކޯވިޑް-19 އާއި ގުޅިގެން ސްކޫލްތައް ބަންދުކޮށްފައި އޮތުމަށް ފަހު އަލުން ސްކޫލްތައް ހުޅުވައި ކިޔަވައިދޭން ފެށިތާ މަހެއްވާން ކައިރިވެފައިވާއިރު މިހާތަނަށް ސްކޫލް މާހައުލުން އެއްވެސް މީހަކު ޕޮސިޓިވްވެފައި...

23 Jul 2020 | 04:06

ކޯވިޑް-19 އާއި ގުޅިގެން ސްކޫލްތައް ބަންދުކޮށްފައި އޮތުމަށް ފަހު އަލުން ސްކޫލްތައް ހުޅުވައި ކިޔަވައިދޭން ފެށިތާ މަހެއްވާން ކައިރިވެފައިވާއިރު މިހާތަނަށް ސްކޫލް މާހައުލުން އެއްވެސް މީހަކު ޕޮސިޓިވްވެފައި ނުވާކަމަށް ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފި އެވެ.

އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ފާތިމަތު ނަޒްލާ ރަފީގު ވިދާޅުވީ ކޯވިޑާއި ގުޅިގެން ސްކޫލްތައް ފެށުމުގެ ކުރިން ގިނަ މަޝްވަރާތަކެއް ކުރެވި ރައްކާތެރިކަމުގެ ގޮތުން އަޅާނެ ވަރުގަދަ ފިޔަވަޅުތަކެއް ނިންމައި އެކަންކަމަށް އަމަލު ކުރެވެމުންދާ ކަމަށެވެ. އޭގެ ނަތީޖާ ވަރަށް ރަނގަޅުކަމަށާއި މިހާތަނަށް އެއްވެސް ސްކޫލެއްގައި ކޯވިޑް ފެތުރިފައި ނުވާ ކަމަށެވެ.

އޭނާ ވިދާޅުވީ މިދުވަސް ވަރު ކޯވިޑަށް ޕޮސިޓިވްވަމުންދާ ކުޑަކުދިން ވަރަށް ގިނަ ކަމަށެވެ. އަދި ޕޮސިޓިވް ވަމުންދާ މީހުންގެ ތެރޭގައި ޓީޗަރުންނާއި ސްކޫލްތަކުގެ މުވައްޒަފުން ހިމެނޭ ކަމަށް ވިދާޅުވި އެވެ.

އެކަމަކު އެ އެންމެންނަށްވެސް ވައިރަސް ޖެހިފައިވަނީ އާއިލާގެ އެކި މީހުންގެ ފަރާތުން ކަމަށް ޑރ. ނަޒްލާ ވިދާޅުވި އެވެ. އަދި އެމީހުންގެ ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ފާހަގަވާ ސްކޫލްއިން ބައްދަލުވެފައިވާ އެއްވެސް މީހުންގެ ފަރާތުން ބަލި ފެނިފައި ނުވާކަމަށް ވިދާޅުވި އެވެ.

ޑރ. ނަޒްލާ ވިދާޅުވީ ސްކޫލް މާހައުލަކީ ދަރިވަރުންނަށް ރައްކާތެރި މާހައުލެއްކަން ބެލެނިވެރިންނަށް ޔަގީންކޮށްދޭން ބޭނުންވާ ކަމަށެވެ. އަދި އެޅިފައިވާ ފިޔަވަޅުތަކަށް އަމަލު ކުރެވިއްޖެ ނަމަ މިގޮތުގައި ކުރިޔަށް ދެވޭނެ ކަމަށް ވިދާޅުވި އެވެ.

ނިއު ނޯމަލްގައި ސްކޫލްތަކަށް ދަރިވަރުން ވައްދަނީ ޓެމްޕަރޭޗާ ބަލައި އަތް ދޮވެ ހެދުވުމަށް ފަހު މާސްކު އަޅައިގެންނެވެ. ސްކޫލްތަކުގައި ކިޔަވައިދެނީ ހަފްތާއަކު ހަތަރު ދުވަހު ހަތަރު ގަޑިއިރަށެވެ.

މާލޭގައި އަދި ކިޔަވައިދެނީ ގްރޭޑް ނުވަޔަކުން މަތީގެ ގްރޭޑުތަކަށެވެ. މާދަމާއިން ފެށިގެން ދެ ހަފްތާއަށް ސްކޫލްތައް ބަންދުވާއިރު އަންނަ މަހު ގްރޭޑް ހައެއް އަދި ހަތެއްގެ ދަރިވަރުންނަށް މާލޭގައި ކިޔަވައިދޭން ފެށޭނެ ކަމަށް ބެލެވޭ ކަމަށް އެޑޮއިކޭޝަން މިނިސްޓްރީން ބުނެފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް