ސައްހަ ލިޔެކިއުން ނެތި ރާއްޖޭގައި މަސައްކަތްކުރާ އެތައް ހާސް ބިދޭސީންނާ މެދު ރާއްޖޭގައި އަމަލުކުރާ ގޮތަކީ ބޮޑެތި ބައެއް ގައުމުތަކުން ބަލާ ގޮތުގައި "ހިއުމަން ޓްރެފިކިން" އެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓް އެކަމުގައި ރާއްޖެއާ މެދު ކަންބޮޑުން ފާޅުކުރާތާ އެތައް އަހަރެކެވެ. އެކަމަކު ސަރުކާރުތައް އޮތީ މައްސަލަ ހައްލުކުރަން ނުކުޅެދިފަ އެވެ. ދައްކަމުން އައީ ހުސްވާހަކަތަކާއި ބަހަނާ އެވެ.
މައްސަލައެއް ހައްލު ކުރަން އުޅޭ ނަމަ އަޅަން ޖެހޭ ފުރަތަމަ ފިޔަވަޅަކީ އެ މައްސަލަ އަކީ ހަގީގީ މައްސަލައެއްގެ ގޮތުގައި ބަލައިގަތުމެވެ. ގައުމެއްގެ ގޮތުގައި އިހުމާލެއް ވެފައި ވާނަމަ އެކަމުގެ ޒިންމާ އުފުލުމެވެ. ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ގެންގުޅެނީ މި އުސޫލެވެ. ރާއްޖޭގައި ބިދޭސީންނާ މެދު އަމަލުކުރަނީ ރަނގަޅަށް ކަމަކަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވިދާޅެއް ނުވެ އެވެ. އޭނާ ވިދާޅުވަމުން ގެންދަވަނީ ސައްހަ ލިޔެކިއުން ނެތް އެންމެންނަކީ ޓޫރިސްޓް ވިސާގައި އައިސް ފޭބުމަށް ފަހު ޕާސްޕޯޓް އެއްލާލާފައި މާލޭގެ މަގުތަކަށް ގިނަވެގަތް ބައެއް ނޫން ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކުގެ ކޮމިޓީން މިދިޔަ ޖޫން މަހުގެ 22 ގައި ބޭއްވި ބައްދަލުވުމުގައި އޭނާ ވިދާޅުވީ ޓޫރިސްޓް ވިސާގައި އައިސް، ރާއްޖޭގައި ފިލައިގެން އުޅެނީ ވަރަށް މަދު ބައެއް ކަމަށެވެ.
"ގިނަ ކަންތައްތައް ވެފައި ހުރި ގޮތަކީ އެމީހުންނަށް ވެސް ތަނެއް ދޮރެއް ނޭނގި )އޮޅުވާލައިގެން( ގެނެސް އެމީހުންގެ ޕާސްޕޯޓްތައް އަތުލާފައި އެމީހުން މަގުމައްޗަށް ދޫކޮށްލާފައި ހުރީ. އެހެންވީމާ މިއަދު މައުސޫމް ބައެއްގެ މައްޗަށް އަޅުގަނޑުމެންގެ ހުރިހާ ނަފްރަތެއް މި އަންނަ އިރު ހަގީގަތުގައި އެކަން ކުރީ ސަރުކާރުތަކުން،" މިނިސްޓަރު ވިދާޅުވި އެވެ.
ފައްޔާޒުގެ އެވާހަކައިން ފެންނަނީ ހަގީގަތާ ކުރިމަތި ލައްވައި، މައްސަލައަށް ހައްލެއް ހޯއްދަވަން އޭނާ ނުކުމެވަޑައިގެން ހުންނެވި ކަމެވެ.
އެހެން ނޫން ނަމަ އޭނާއަށް ވެސް އާއްމުންނާއި ބައެއް ސިޔާސީ ފަރާތްތަކުން ދައްކާ އެވާހަކައާ އެކު ކުރިއަށް ވަޑައިގެންނެވުނީހެވެ. އެކަމަކު އޭނާ އެއްބަސްވެވަޑައިގެންނެވި ގޮތުގައި ރާއްޖެއަށް އެހާ ގިނަ އަދަދެއްގެ ބިދޭސީން ގެނައުމުގައި ބަޔަކު މީހުން ވަނީ ނާޖާއިޒް ފައިދާ ނަގައި ބިދޭސީންނަށް ވެސް އޮޅުވައިލާފަ އެވެ. އެހެންވެ އެ މައްސަލައިގެ ހައްލަކީ އެންމެ ކަމެއް ކޮށްގެން، އެންމެ މަގަކުން ވަޑައިގެން ހައްލުކުރެވޭނެ ކަމެއް ނޫން ކަން އޭނާއަށް އެނގިވަޑައިގަންނަވައެވެ. އެހެންވެ ހޯއްދަވަން އުޅުއްވަނީ ފުރިހަމަ ހައްލެކެވެ. މިޒަމާނުގެ ބަހުން ނަމަ "ޓޯޓަލް ސޮލިއުޝަން"އެކެވެ.
ރީ ރެގިއުލަޒަރައިޒޭޝަން ޕްރޮގްރާމް
ރާއްޖެ އައުމަށް ފަހު ކޮންމެ ސަބަބަކާ ހެދި ނަމަވެސް ގަވައިދާ ހިލާފުވެފައިވާ އެތައް ހާސް މީހުންނަކަށް އިކޮނޮމިކް މިނިސްޓްރީން ފުރަތަމަ ދިން ފުރުސަތަކީ އަލުން ރަޖިސްޓްރީވެ ލިޔެކިއުންތައް ހަމަކޮށް، ކުންފުނިތަކާ އެކު މަސައްކަތް ކުރުމެވެ. ކޮވިޑް-19 އާ ހެދި އިގުތިސާދަށާއި ސަރުކާރުގެ ހިނގުމަށް ބޮޑެތި ލޮޅުންތަކެއް އެރީ އެ މަސައްކަތް ކުރިއަށް ދަނިކޮށެވެ. އެހެންވެ އެކަން އަދި މުޅިން ކާމިޔާބު ނުވެ އޮތް ނަމަވެސް އެއީ ހިންގިއްޖެ ނަމަ ވަރަށް ކާމިޔާބު ޕްރޮގްރާމަކަށް ވާނެއެވެ. އެއް ފައިދާ އަކީ ބިދޭސީންނަށް ޖާމިނުވާނެ ކުންފުނިތަކެއް ހޯދި، އިޖުތިމާއީ ބޮޑު މައްސަލައަކަށް ހައްލުލިބުމެވެ. ދެވަނަ ފައިދާ އަކީ މަސައްކަތްތެރީންނަށް ބޭނުންވެފައިވާ ކުންފުނިތަކުން ބޭރުން އަލުން ބަޔަކު ގެނައުމުގެ ބަދަލުގައި މިތާ ތިބި މީހުންގެ ތެރެއިން މުވައްޒަފުން ނެގޭ ގޮތް ވުމެވެ.
މީހުން ފޮނުވުމުގެ މަސައްކަތް ވެސް ބާރަށް ކުރިއަށް
ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރަން މުޅި ދުނިޔޭގައި އެޅި ރައްކާތެރިކަމުގެ ފިޔަވަޅުތަކާ އެކު ރާއްޖޭގައި އެންމެ ބޮޑަށް ހާލުގައި ޖެހުނު އެއްބަޔަކީ ބިދޭސީންނެވެ. އެ ދަނޑިވަޅުގައި އެމީހުންނާ މެދު ސަރުކާރުން އަމަލުކުރި ރަނގަޅުކަމުގެ ސަބަބުން އެމީހުންގެ ގައުމުތަކުން ވެސް ސަރުކާރާ އެއްބާރުލުން ދޭން ފެށި އެވެ.
އެއްގައުމަކުން އެންމެ ގިނަ ބިދޭސީ މަސައްކަތްތެރިން ރާއްޖެއަށް އައިސް ތިބީ ބަންގްލަދޭޝުންނެވެ. އެގައުމުން އައިސް ތިބި މީހުންގެ ތެރެއިން ސައްހަ ލިޔެކިއުންތައް ނެތް މީހުން ފޮނުވައިލަން މީގެ ކުރިން މަސައްކަތް ކުރި ފަހަރުތަކުގައި މާބޮޑު އެއްބާރުލުމެއް ލިބިފައެއް ނުވެއެވެ. އެކަމަކު މިފަހަރު މުޅިން ތަފާތެވެ. އެގައުމުގެ ފުރިހަމަ އެއްބާރުލުމާ އެކު މިހާރުވެސް ވަނީ 3000 އަށްވުރެ ގިނަ ބިދޭސީން އަނބުރާ ފޮނުވާލާފައެވެ. މިއީ މީގެ ކުރީގެ އެއްވެސް ސަރުކާރަކަށް ފޮނުވައިލެވުނު އަދަދެއް ނޫނެވެ.
މިނިސްޓަރު ފައްޔާޒް ވިދާޅުވަނީ މިއަހަރު ނިމޭ އިރު 20،000 ބިދޭސީން އަނބުރާ ފޮނުވައިލެވޭނެ ކަމަށެވެ.
ގައުމީ ސަލާމަތާ ބެހޭ ކޮމެޓީ އަށް މިމަހުގެ 13 ވަނަ ދުވަހު މިނިސްޓަރު ހާޒިރުކުރި ވަގުތު ބިދޭސީންނާ ގުޅުންހުރި ކުއްލި މައްސަލައެއް މަޖިލީހުގެ ތަޅުމުގައި ބަހުސް ކުރަމުން އަންނާތީ އެކަމާ ގުޅޭ ގޮތުން ތަޅުމުގައި ވާހަކަ ދެއްކެވުމުގެ ފުރުސަތު މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިނިސްޓަރަށް ދެއްވި އެވެ. އެ ފުރުސަތުގައި މިނިސްޓަރު ވިދާޅުވީ ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ކަނޑު ބޯޓެއްގައި ފޮނުވައި ނުލެވޭނެ ކަމަށެވެ. ގަވައިދާ ހިލާފަށް އުޅޭ 3،800 އެއްހާ ބިދޭސީން މި އަހަރު ރާއްޖޭން ފޮނުވާލާފައިވާ ކަމަށާއި އެކަމަށް ބަންގްލަދޭޝްގެ ސަރުކާރުގެ އެއްބާރުލުން ލިބޭ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. ވިދާޅުވީ އެގޮތަށް ފޮނުވައިލަން އެއްބާރުލުން ލިބުނީ ސުލްހަވެރިކަމާ އެކު މަސައްކަތް ކުރީމާ ކަމަށެވެ.
"އަޅުގަނޑު އެއްވެސް ގޮތަކަށް ގަސްތެއް ނުކުރަން އަދިއެއް އެ މީހުންގެ ނުރުހުމުގައި ފޮނުވާކަށް. އެ ފުރުސަތު އެބަ އޮތް. އަޅުގަނޑާ ދިމާލަށް ކޮންމެ މީހަކު ކޮންމެ އެއްޗެއް ބުނި ކަމުގައި ވީނަމަވެސް ދިވެއްސެއްގެ ހައިސިއްޔަތުން މިކަމުގައި އަޅުގަނޑު ލަދުވެތިވަން އެމީހުންނާ ދޭތެރޭގައި ދިވެހިރާއްޖޭގައި ކަންތައްތައް ވެފައި އޮތްގޮތުން. އަޅުގަނޑު ބޭނުން ތާރީހުގައި ލިޔެވިގެން ދާން، މިކަމުގައި ރާއްޖޭން ކަންކަން ކުރީ އިންސާފު ވެރިކަމާއެކުގައި ކަމަށް،" މިނިސްޓަރު ވިދާޅުވި އެވެ.
ބިދޭސީންގެ މައްސަލައަށް ހަގީގީ ހައްލެއް ލިބޭނެ ކަމަށް އުއްމީދުކުރެވޭނީ ފައްޔާޒުގެ މިފަދަ ވާހަކަތަކުންނެވެ. އޭނާ ހަގީގަތް ގަބޫލުކުރައްވައި އެހަގީގަތާ ކުރިމަތިލައްވާތީ އެވެ. އެހެންވީމާ އެވިދާޅުވި އަދަދަށް ބިދޭސީން އަނބުރައި ފޮނުވައިލެވިދާނެ ކަމަށް ގަބޫލުރެވެ އެވެ. އޭރުން އެ އުފެދުނީ ދިވެހިންނަށް 20،000 ވަޒީފާ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް