ދިވެހި ސަރުކާރުގެ އެދިލެއްވުމުގެ މަތިން، ބަލިހާލު ބޮޑުވެފައިވާ 36 ދިވެހިން، ބޭސް ފަރުވާ ކުރުމަށް އިންޑިއާގެ ކޯޗީއަށް ދިއުމުގެ ހުއްދަ އިންޑީއާ ސަރުކާރުން ދީފިއެވެ. މީގެ ތެރޭގައި ކެންސަރު ބައްޔަށް ރޭޑިއޭޝަން ތެރަޕީ ބޭނުންވެފައިވާ މީހުން ހިމެނެއެވެ.
މިކަން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާވެސް ފާހަގަކުރެއްވިއެވެ. އެގޮތުން ރައީސް ވިދާޅުވީ އިންޑިއާއަކީ ކޯވިޑް-19ގެ މި ހާލަތުގައި ރާއްޖެއަށް އެންމެ ބޮޑަށް އެހީތެރިކަން ފޯރުކޮށްދިން އަދި މިހާރުވެސް އެހީތެރިކަން އެންމެ ބޮޑަށް ފޯރުކޮށްދެމުން އަންނަ ގައުމު ކަމަށެވެ.
މިކަމާއިމެދު ރާއްޖޭގައި ހުންނަ އިންޑިއަން ހައިކޮމިޝަނުން ބުނެފައިވަނީ ކޯވިޑް-19 ގެ ސަބަބުން ބަންދުކުރެވިފައިވާ އިންޑިއާގެ ބޯޑަރުތައް އަދި ހުޅުވާފައި ނުވާނަމަވެސް، ދެގައުމުގެ މެދުގައިވާ ޒަމާންވީ ވަރުގަދަ ގުޅުމުގެ ސަބަބުން އެންމެ އަވަސް ފުރުސަތުގައި މިދެންނެވުނު ބަލިމީހުންނަށް އިންޑިއާއަށް ދަތުރުކުރެވޭނެ މަގު ފަހި ކޮށްދިނުމަށް ވަނީ ހަމަޖެހިފައި ކަމަށެވެ. އަދި ހުރިހާ ބަލިމީހުންނަށްވެސް އަވަސް އަދި ފުރިހަމަ ޝިފާއަކަށް އެދޭ ކަމަށެވެ.
ރާއްޖެއިން ފަރުވާލިބެން ނެތް، ބޮޑެތި ބަލިތަކަށް ބޭސްފަރުވާކުރަން ޖެހޭ ފަރާތްތަކަށް އިންޑިއާއަށް ގޮސް ފަރުވާ ހޯދުމަށް އިންޑިއާ ސަރުކާރުން ރާއްޖެއަށް ޚާއްސަ ހުއްދައެއް ދެއްވިކަމަށްޓަކައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއަށާއި، ޚާރިޖީ ވަޒީރު ޑރ. އެސް ޖައިޝަންކަރް އަދި ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނަށް މިނިސްޓަރ ޝާހިދު ވަނީ ޝުކުރު އަދާކުރައްވާފައެވެ.
މިނިސްޓަރު ވިދާޅުވީ މިއީ ރާއްޖެއާ އިންޑިއާ ދެމެދު އޮންނަ ޚާއްސަ ގުޅުމުގެ ރަމްޒެއްކަމަށެވެ.
ފޮރިން މިނިސްޓްރީން ބުނެފައިވާގޮތުގައި އިންޑިއާގެ ހޯމް މިނިސްޓްރީގެ ޚާއްސަ ހުއްދައެއްގެ ދަށުން، ރާއްޖެއިން ފަރުވާލިބެން ނެތް، ބޮޑެތި ބަލިތަކަށް ފަރުވާކުރާ ފަރާތްތަކުގެ ތެރެއިން 36 ޕޭޝަންޓުން އަންނަ ހަފްތާގައި އިންޑިއާއަށް ގެންދިޔުމަށް އާސަންދަ ކުންފުންޏާ ގުޅިގެން ދަނީ މަސައްކަތްކުރަމުންނެވެ.
މިދިޔަ ހަފްތާތަކުގެ ތެރޭގައި އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރު އާއި މިނިސްޓަރ ޝާހިދު އާ ދެމެދު ބޭއްވުނު ބައްދަލުވުންތަކުގައި މިކަމާ ގުޅޭ މަޝްވަރާތައް ކުރެވުނު ކަމަށާއި އަދި ދެ ގައުމުގެ ފޮރިން މިނިސްޓްރީގެ މެދުގައި ގިނަ މަޝްވަރާތަކެއް ކުރެވިފައިވާކަމަށް ފޮރިން މިނިސްޓްރީން ބުނެފައިވެއެވެ.
މި ހުއްދައިގެ ދަށުން ފަރުވާ ހޯދުމަށް ދިޔުމަށް ހަމަޖެހިފައިވަނީ އިންޑިއާގެ ކޮޗިންއަށެވެ. އިންޑިއާއިން އެގައުމުގެ ބޯޑަރު އަދި އާއްމުކޮށް ހުޅުވާލާފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް